English Edition
Dhivehi Edition

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑު ކޮށްފައިވާ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަސައްކަތަށް ނުކުންނަވާތީ އެކަމާ ގުޅޭ ގޮތުން ޖޭއެސްސީއިން މާދަމާ ގޮތެއް ނިންމާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީއިން ނިންމުމާއި ގުޅިގެން އޭނާ ވަނީ އެ ސަސްޕެންޝަން ބާތިލުކުރުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައިފައެވެ. އަދި ސުޕްރީމް ކޯޓުން ވަނީ އެ ދުސްތޫރީ މައްސަލަ ނިމެންދެން ސަސްޕެންޝަންގެ އެއްވެސް އިޖުރާއަތެއް ކުރިއަށް ނުގެންދިޔުމަށް ވަގުތީ އަމުރެއް ނެރެފައެވެ.އެހެން ނަމަވެސް ޖޭއެސްސީ އިންވަނީ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމަށް ނިންމި ނިންމުން ދެމި އޮންނާނެކަމަށް ބުނެފައެވެ.

ރައީސް ނަޝީދު ދީދީއާ ދެކޮޅަށް ހުށަހެޅުއްވި މައްސަލަ އަކީ އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި މެލޭޝިޔާގެ ބޭންކެއްގެ ހުޅުވާފައިވާ އެކައުންޓަކަށް، އަބްދުﷲ ދީދީއަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.މި ތުހުމަތު ތަކާއި ގުޅިގެން އަބްދުﷲ ދީދީ ވިދާޅުވީ ހައްގު ނޫން އެއްވެސް ފައިސާއެއް އެބޭފުޅާ އާއި ގުޅުންހުރި އެއްވެސް އެކައުންޓެއްގައި ނުހުންނާނެކަމަށެވެ.