English Edition
Dhivehi Edition
މީހަކު ނިޔާވުމަށް ފަހު ވަރި ސާބިތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މިއީ ތަރިކަ މުދާ ބެހުމުގެ މައްސަލައެއްގެ ތެރެއިން ދަރިންނާއި ދޮންމަންމައާ ދެމެދު އުފެދިފައިވާ ދެބަސްވުމެކެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ދަށު ކޯޓާއި ހައި ކޯޓުން ވެސް ދަރިން އެދޭ ގޮތަށް އެކަން ސާބިތުކޮށްދެވެން ނެތް ކަމަށް ނިންމުމުންނެވެ.

މި މައްސަލައިގައި ދަރިން ބުނަނީ 2021 ވަނަ އަހަރު ބައްޕަ ބަލި އެނދުގައި އޮވެ، ނިޔާވުމުގެ ހަތް ދުވަސް ކުރިން ދޮންމަންމަ ވަރިކޮށްފައިވާ ކަމަށެވެ. އަދި ހެކިންގެ ހާޒިރުގައި އެކަން ލިޔުމުން ރެކޯޑުކޮށްފައިވާ ކަމަށް ވެސް ދަރިން ކޯޓުގައި ބުނެފައިވެއެވެ. ދަރިން މިކަން ސާބިތުކުރަން ބޭނުންވަނީ ތަރިކައިން ދޮންމަންމައަށް ވާބައި އުނިކުރުމަށެވެ.

ނަމަވެސް ދޮންމަންމަ ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. ކޯޓުގައި އޭނާ ބުނެފައި ވަނީ މިއީ ތަރިކައިން އޭނާ މަހުރޫމް ކުރުމަށް، ފިރިމީހާ ނިޔާވި ފަހުން ރާވައިގެން އުފައްދާފައިވާ ވާހަކަތަކެއް ކަމަށެވެ.

މި މައްސަލަ ފުރަތަމަ ބެލި ފެމެލީ ކޯޓުން ނިންމީ، މީހަކު ނިޔާވުމަށް ފަހު ވަރި ސާބިތުކުރަން ކޯޓަށް ހުށަހެޅުމަކީ މުޖުތަމައުގައި ފަސާދައަށް މަގުފަހިވާ ކަމެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ވެސް ތާއީދުކުރީ ފެމެލީ ކޯޓުގެ އެ ނިންމުމަށެވެ.

މިދިޔަ ހަފުތާގައި މި މައްސަލަ ސުޕްރީމް ކޯޓަށް ވެއްދި ނަމަވެސް، މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.