ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، މަގުދެބައި ކުރުމަށް ޖަހާފައިވާ ޑިވައިޑަރުތަކުން ބައެއް އަނެއްކާވެސް ފުނޑުފުނޑު ވެއްޖެ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގަން މެދުވެރިވެފައި ވަނީ ޕިކަޕުގެ ކުރީ ދެ ފުރޮޅު ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށާ، ޕިކަޕު ކޮންޓްރޯލުން ނައްޓައިގެން ހައިވޭގެ ޑިވައިޑާގައި ޖެހިފައި ގޮސް ހުޅުމާލެއިން ހުޅުލެއަށް ދަތުރުކުރަމުން ދިޔަ ބަހެއްގައި ޖެހިފައިވާކަމަށެވެ.
ރޭ ދަންވަރު ހިނގި މި ހާދިސާގައި ޕިކަޕް ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް އޮންނަ ކަމަށާއި އެކްސިޑެންޓުގައި މަގުގެ މެދުގައި ހުރި ޑިވައިޑާރސްތަކުގައި ޕިކަޕް ޖެހުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ޑިވައިޑަރސްތައް ވަނީ ވަރަށް ވަރަށް ފުނޑުފުނޑުވެ ހަލާކުވެފައި ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓިުގައި މީހަކަށް ގެއްލުން ވެފައި ނުވިނަމަވެސް އެކްސިޑެންޓުވި ޕިކަޕުގެ ކުރީކޮޅު ހަލާކު ވެފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ޖަހާފައިވާ ޑިވައިޑަރުތަކުގައި މީގެކުރިންވެސް ދުއްވާއެއްޗެތިން ޖެހި އެތައް ފަހަރެއްގެ މަތިން އެތަކެތި ފުނޑުފުނޑުވެފައިވެ އެވެ.