English Edition
Dhivehi Edition

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އައި ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ ނިޔާވެއްޖެއެވެ. ހެންވޭރު ޒަފޫފު ޢުމުރުން 59 އަހަރުގެ އިސްމާޢީލު ވަޙީދު ނިޔާވީ ބުރާސްފަތި ދުވަހު ކުރެވުނު އަތުގެ އޮޕަރޭޝަންތަކަކަށްފަހު ޙާލު ބޮޑުވެގެން ވެންޓިލޭޓަރ ގައި އޮންނަތާ 5 ދުވަސްފަހުން ކަމަށް ޢާއިލާއިން މަޢުލޫމާތު ދެއެވެ.

އޭގެ ކުރިން އިސްމާޢީލަށް ފަރުވާ ދެމުން އައީ ހައި ޑިޕެންޑެންސީ ޔުނިޓުގައެވެ. އޮޕަރޭޝަންގެ ކުރިން އިސްމާޢީލުގެ ޙާލު ސްޓޭބްލްކަމަށް ޑޮކްޓަރުންނާއި ޙަވާލާދީ އާއިލާއިން ބުނެފައިވެއެވެ. މިއެކްސިޑެންޓްގައި ޙާލު ބޮޑުވެގެން ފަރުވާ ދެމުން އަންނަ، އިސްމާޢީލުގެ އަނބިމީހާ ސ.ހިތަދޫ ކުރިބޯށިގޭ އައިޝަތު މަނިކުފާނުވެސް ދަނީ އޭޑީކޭ ހޮސްޕިޓަލަށް ގެނައި ގޮތަށް އައިސީޔޫގައި ބާއްވައިގެން ފަރުވާ ދެމުންނެވެ. އޭނާގެ ހާލު އަދިވެސް ސީރިއަސްކަމަށް އޭޑީކޭ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވައެވެ.

އިސްމާޢީލުގެ ޖަނާޒާ އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު ހުޅުމާލޭ މަސްޖިދު ޒައިދު ބިން ޘާބިތުގައެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ނޮވެންބަރ މަހުގެ 20 ވީ ހޯމަ ދުވަހުގެރޭ އިރާކޮޅު ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގޮސް 3 ސައިކަލެއްގައި ޖެހިގެންނެވެ.

މި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށް، 7 ދުވަހަށް ބަންދުގެ މުއްދަތު ކޯޓުން ވަނީ ޖަހާފައެވެ.

ފުލުހުން ބުނީ އެ ކާރު ދުއްވަން އިނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ ރޭ އޭނާ ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 7 ދުވަހުގެ މުއްދަތެއް އެ ކޯޓުން ޖަހާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންދަނީ ތަޙުގީގު ކުރަމުންނެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 2 ސައިކަލުގައި ތިބި ހަތަރު މީހުންނަށެވެ. އެއީ ދެ އަންހެންނާއި ދެ ފިރިހެނުންނެވެ. އެތަނުން ދެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

ފަހަކަށް އައިސް މާލެ އާއި ހުޅުމާލެ ސަރަޙައްދުން މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. މިދިޔަ ހޯމަ ދުވަހުވެސް ހުޅުމާލޭގައި 2 އެކްސިޑެންޓެއް ހިނގައި ދެމީހެއްގެ ޙާލު ސީރިއަސް ވެފައިވެއެވެ.