English Edition
Dhivehi Edition
އެކްސިޑެންޓުގައި އަނިޔާވި އިސްމާޢީލު

ހުޅުމާލޭގައި ކާރަކާއި 3 ސައިކަލްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އިސްމާޢިލް ވަޙީދު ގެ ޙާލު ބޮޑުވެގެން އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. އިސްމާޢީލު ގެ ޙާލު ސީރިއަސްވީ ބުރާސްފަތި ދުވަހު ހެނދުނު 11 ޖެހިއިރު ދެއަތުގެ އޮޕަރޭޝަންތަކެއް ކުރުމަށް ތިއޭޓަރަށް ވެއްދި ފަހުންނެވެ.

“ ތިއޭޓަރަށް ވެއްދުމަށްފަހު އެއްވެސް ޚަބަރެއް ނުވެ ގިނަ އިރުތަކަކަށްފަހު އެރޭ 9 ޖެހިއިރު އާއިލާއަށް އެންގި އޮޕަރޭޝަން ކާމިޔާބު ކަމަށް. އެހެންނަމަވެސް ކޮލެޕްސް ވެގެން ގަޑިއެއްހާއިރު ސީޕީއާރް ދޭން ޖެހުނުކަމަށް ޑޮކްޓަރުން ބުނި. ” ޢާއިލާމީހެއް.

ޢާއިލާއިން ބުނީ އިސްމާޢީލު ތިއޭޓަރުން ނެރުނީ އެރޭ ދަންވަރު 12 ޖެހިއިރު ކަމަށާއި ނެރުނުގޮތަށް ވެންޓިލޭޓަރުގައި ގެންދިޔައީ އައިސީޔޫއަށް ކަމަށެވެ. އިސްމާޢީލުގެ އަނބިމީހާވެސް އޮތީ އަދިވެސް އައިސީޔޫގައެވެ. މިކަމާ ގުޅޭގޮތުން އޭޑީކޭ ހޮސްޕިޓަލްގެ އެމްޑީ އަހުމަދު އައްފާލްއަށް ގުޅުމުން އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަން އޮޅުން ފިލުއްވުމަށްފަހު ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވި ފަހުން ފޯނު ނުނަންގަވައެވެ. ބައެއް އޮންލައިން މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މީގެ ކުރިން ޢައްފާލްވަނީ މި އެކްސިޑެންޓްގައި ޙާލު ބޮޑުވި ފިރިހެންމީހާ ސްޓޭބްލް ކަމަށް ވިދާޅުވެފައެވެ.

އެއެކްސިޑެންޓަށް ފަހު ހެދި ހުރިހާ ޓެސްޓުތަކުންވެސް އިސްމާޢީލުގެ ބޮލަށާއި އެތެރެ ހައްޓަށާއި ފުރާނައަށް ގެއްލުންވާފަދަ ނުރައްކާތެރި އެއްވެސް ކަމެއް ފާހަގަ ނުވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ޢާއިލާއިންވެސް ބުނެއެވެ. އިސްމާޢީލުގެ ވައަތު ފައި ބިންދައިގެން ގޮސްފައިވާތީ އަންގާރަ ދުވަހު ފައިގެ އޮޕަރޭޝަނެއް ކޮށްފައިވެއެވެ. އެއޮޕަރޭޝަނަށް ފަހުވެސް ހައި ޑިޕެންޑެންސީ ޔުނިޓުގައި އޮތްއިރު ބަރާބަރަށް ކައިބޮއެ ވާހަކަ ދައްކާ ޙަރަކާތް ކުރަމުން ދިޔަކަމަށް އާއިލާއިން ބުނެއެވެ.

” އިސްމާޢީލު ސްޓޭބްލް ކަމަށް ނިންމާފަ އައިސީޔޫއަކަށް ނުވެސްގެންދޭ. އެޗްޑީޔޫގައި ބާއްވާފައި އޮތީ. ދެމީހުންގެ ތެރެއިން ރަނގަޅޭ ބުނިމީހާގެ ޙާލު މިހާރު އެންމެ ސީރިއަސް މިވީ. މިއަދު އަނެއްކާ އިތުރު މައްސަލައެއް ފެންމަތިވެ ކިޑްނީ ފަންކްޝަން ނުކުރާތީ ކަރު ކައިރިން 2 ހޮޅިއެއް ގުޅަން ޖެހޭކަމަށް ބުނެފައިވަނީ. ”

އޭޑީކޭގެ އެޗްޑީޔޫ އަކީ އައިސީޔޫއަށް ކޮންމެހެން ލާން ނުޖެހޭ،އެހެންނަމަވެސް ޚާއްސަ އެހީތެރިކަމާއި އަޅާލުމަށް ބޭނުންވާ ބަލިމީހުންނަށް ފަރުވާދިނުމަށް ޚާއްސަކޮށްގެން ޤާއިމްކޮށްފައިވާ ޔުނިޓެކެވެ.

މި އެކްސިޑެންޓުގައި އިސްމާޢީލުގެ އަނބިމީހާ ސ.ހިތަދޫ ކުރިބޯށިގޭ އައިޝަތު މަނިކުފާނުވެސް ދަނީ އޭޑީކޭ ހޮސްޕިޓަލަށް ގެނައި ގޮތަށް އައިސީޔޫގައި ފަރުވާ ދެމުންނެވެ.

މިއީ މިދިޔަ ހޯމަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް، ތިން ސައިކަލެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. މި އެކްސިޑެންޓްގައި ޙާލުބޮޑުވެގެން ފަރުވާ ހޯދަމުން އަންނަނީ އިސްމާޢީލުއާއި އޭނާގެ އަނބިމީހާއަށެވެ.

އޭއޯ ނިއުސްއަށް އިތުބާރުހުރި މަސްދަރަކުން ކިޔައިދިންގޮތުގައި މި ޙާދިސާގައި ކާރު ދުއްވަންހުރި މީހާވަނީ މަސްތުވާ ތަކެއްޗަށް ޕޮޒިޓިވްވެފައެވެ. އަދި ކޯޓުގައި އޭނާވަނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ އޭނާގެ އިހުމާލުން ކަމަށް އިޢުތިރާފްވެފައެވެ. އެހެންނަމަވެސް މިކަން އަދި ފުލުހުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ފުލުހުން ދަނީ މިޙާދިސާ އިތުރަށް ތަޙުގީގު ކުރަމުންނެވެ.