English Edition
Dhivehi Edition

ނާސްތާ ޕްރޮގްރާމްގެ ދަށުން ދެ ސްކޫލަކުން ނާސްތާ ދީފައިވަނީ ކަނޑައެޅިފައިވާ އުސޫލާއި ހިލާފަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

އެޑިއުކޭޝަނުން ނާސްތާ ޕްރޮގްރާމްގެ އުސޫލުތަކާއި ދެ ސްކޫލެއް ހިލާފުވެފައިކަމަށް ބުނާއިރު، މިއަދު ހެނދުނު ސްކޫލްކުދިންތަކެއް ބިންމަތީގައި އިށީނދެ ތިބެ، ކަރުދާސްގަނޑެއް މަތީ ބައިތިއްބައިގެން އެއަށް ކާތަކެތި އަޅައިގެން ހެނދުނުގެ ނާސްތާ ކުރާ ފޮޓޯ ތަކެއް ވަނީ މީސް މީޑިއާގައި އާންމުވެފައި ވެއެވެ.

އެ މިނިސްޓްރީއިން މިއަދު އާންމު ކުރި ބަޔާނެއްގައި ވަނީ ދެ ސްކޫލަކުން ނާސްތާ ޕްރޮގްރާމްގެ އުސޫލާއި ހިލާފަށް އަމަލުކުރިކަން އެ މިނިސްޓްރީއަށް ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފައެވެ. އެޑިއުކޭޝަނުން ބުނީ މިފަދަ މުހިއްމު ކަމެއްގައި އުސޫލާއި ހިލާފަށް އަމަލު ކުރުމުން ސަރުކާރުން ހިންގާ މިފަދަ ޕްރޮގްރާމް ތަކާއި މެދު ބެލެނިވެރިން އަދި ރައްޔިތުންގެ އިތުބާރު ގެއްލެއެވެ. އަދި މި ދެ ސްކޫލުގެ އަމަލު އެޑިއުކޭޝަނުން ކުށްވެރިކުރާ ކަމަށާއި، އުސޫލާއި ހިލާފް ވުމުން އެކަމާ ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީއިން ނެރުނު ބަޔާނުގައި ވެއެވެ.

ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ ދަރިވަރުންގެ ފައިދާއަށް ކުރާ ކަމެއްކަމަށް ވުމުން ސްކޫލުތަކުން މަސައްކަތް ކުރަނީ ދަރިވަރުންގެ ސިއްހަތާއި ރައްކާތެރިކަމަށް ހުރަސް ނޭޅޭ ގޮތަށް، ޕްރޮގްރާމްގެ އުސޫލުތަކާއި ގަވައިދުތަކާއި އެއްގޮޮތަށްތޯ މިނިސްޓްރީއިން ގަވައިދުން ބަލާނެކަމަށް މި ނޫސްބަޔަން މެދުވެރިކޮށް ބެލެނިވެރިންނަށް މިނިސްޓްރީއިން ޔަގީންކަން ދީފައިވެއެވެ. އަދި މިފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް މިނިސްޓްރީއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

މި ސަރުކާރުން ގެނައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއްގައި މިއަދުވަނީ ފަށާފައެވެ. އެގޮތުން ކުދިންނަށް ނާސްތާ ދިނުމަށް ބަޖެޓުގައި 123 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.