ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ފުރަތަމަ ފަހަރަށް މިއަދު ރިޔާސަތު ބަލަހައްޓަވައިފިއެވެ.
މިއަދު މަޖްލިސްގެ ރިޔާސަތާއި ހަވާލުވެވަޑައިގަތުމާ ގުޅިގެން އޭނާ ތާރީޚުގެ ތެރެއަށް ވަދެވަޑައިގެންފި އެވެ.މަޖިލިހުގެ ޖަލްސާގައި އީވާ ވަނީ ބައިގަޑިއިރެއް ހާއިރު ވަންދެން މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާފަ އެވެ. އެއަށް ފަހު، އީވާ ވަނީ މަޖިލިހުގެ ރިޔާސަތު ނަޝީދާ ހަވާލު ކުރައްވައިފަ އެވެ.
ދައުލަތުގެ ތިން ބާރުގެ ތެރެއިން ގާނޫނު ހެދުމުގެ ބާރުގެ ނައިބު ރައީސް ކަމަށް އީވާ އިންތިޚާބުކޮށްފައި ވަނީ މަޖިލިހުގެ 76 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އީވާ އަކީ އެ މަގާމް ފުރުއްވާނެ ދެ ވަނަ އަންހެން މެމްބަރެވެ.
އީވާއަކީ ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ޖެހިޖެހިގެން ތިން ވަނަ ދައުރެއް ކާމިޔާބުކުރެއްވި މެމްބަރެވެ. މިހާރު ހިނަގަމުން ދަނީ މަޖިލިހުގައި 15 އަހަރު ފުރިހަމަކުރެއްވުމުގެ މަސައްކަތެވެ.
ދެ ވަނަ ޖުމްހޫރިއްޔާއާ އެކު 1968 ވަނަ އަހަރު އެކުލަވައިލި ގާނޫނުއަސާސީގެ ދަށުން އަދި 1998 ވަނަ އަހަރު ފާސްކުރި ގާނޫނުއަސާސީގެ ދަށުން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ވަޒީރެއްގެ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމެކެވެ.
2008 ވަނަ އަހަރު މަޖްލިސްގެ ނައިބްރައީސް ކަން ކުރެއްވެވި ، މ. އަތޮޅުގެ ކުރީގެ މެންބަރުއަނީސާ އަކީ އާ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ އަންހެން ބޭފުޅާ އެވެ.އަނީސާ މަޖިލިހުގެ ނައިބު ރައީސް ކުރެއްވެވީ، ގާތްގަނޑަކަށް 9 މަސް ދުވަސްވަންދެނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމް ފުރުއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި ފުރަތަމަ ބޭފުޅާގެ ޝަރަފާ އެކު ނަޝީދު ވެސް ވަނީ ތާރީޚުގެ ތެރެއަށް ވަދެވަޑައިގެންފަ އެވެ. ނަޝީދަކީ ރައީސްކަން ކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާ ފުރަތަމަ ބޭފުޅާ ވެސް މެ އެވެ.