ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި އޮވެ ގައުމަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުމަށް ފުރިހަމައަށް ތާއީދުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމު އިބްރާހީމު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ބިލްގެ ބަހުސްގައި މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮވެ ގައުމަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުމަށް ފުރިހަމައަށް ތާއީދުކުރައްވާނެ ކަމަށާއި ވަކިން ޚާއްސަކޮށް އެމަނިކުފާން އިސްލާހީ ބަދަލުތަކަށް ތާއީދުކުރައްވާ ކަމުގެ ޔަގީންކަން ދެއްވާ ކަމުގައިވެސް ވިދާޅުވި އެވެ.
” ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ބިލް މަޑުޖައްސާލަން ޖެހުނީ ގާނޫނުއަސާސީ އާއި ތައާރަޒްވާ ކަންތައްތަކެއް ބިލްގައި ހުރުމުން. އެކަމަކު އެ ބިލްގައިވާ ބަދަލުތައް ގައުމަށް އަންނަންޖެހޭ ކަމަށް ގަބޫލުކުރެވޭ. ނަމަވެސް ބިލްގައިވާ ބައެއް ކަންކަމަކީ ގާނޫނު އަސާސީއާއި ޚިލާފަށް ހުރި ކަންތައްތަކެއް ކަމަށް ބިލްގެ ކޮމެޓީ މަރުހަލާގައި ކުރެވުނު މަސައްކަތްތަކުން ފާހަގަކުރެވުނު ” ކަމުގައި ގާސިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ގައުމަށް ބޭނުންވާ އިސްލާހީ ބަދަލުތައް ގެނައުމަށް މަޖިލީހަށް ހުށަހަޅާ ބިލްތައް ފާސްނުކުރުމުގެ ވިސްނުންފުޅެއް އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށާއި އިސްލާހީ މަސައްކަތަށް ފުރިހަމައަށް އިޖާބާ ދެއްވާނެ ކަމަށެވެ.
ގާސިމް އިބްރާހީމް އިތުރަށް ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލަށް ވޯޓަށް އެހުމަށް ގާނޫނީ އަދަދު ހަމަވާވަރަށް މެމްބަރުން މަޖިލީހަށް ވަޑައިނުގެންނެވުމަކީ އެމަނިކުފާނު ކުރެއްވި ކަމެއް ނޫން ކަމަށެވެ. އަދި ވަކި ފަރާތެއް ބަދުނާމުވާ ގޮތަށް އެފަދަ ވާހަކަދެއްކުމަކީ ޑިމޮކްރަސީއަށާއި އެކުވެރިކަމަށް އެޅިގެންދާ ހުރަހެއް ކަމުގައިވެސް ޤާސިމް އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.