English Edition
Dhivehi Edition

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދި ގެ އަނބިކަނބަލުންގެ އެކައުންޓަށް ނުހައްގު އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ބުނެ ނޫސްތަކުގައި ފަތުރާފައިވަނީ ދޮގު ހަބަރެއްކަމަށް އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޖަލު ހުކުމެއް އިއްވަން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރުގެ ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު އަބްދުﷲ ދީދީ ނެންގެވި ކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން އަބްދުﷲ ދީދީ ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އަބްދުﷲދީދީ ވިދާޅުވީ ހައްގު ނޫން އެއްވެސް ފައިސާއެއް ގުޅުން ހުރި އެކައުންޓެއްގައި ނުހުންނާނެކަމަށެވެ. އަދި އިއްޔެ ކަމުގެ ދެކޮޅު ނުބަލައި އެމަނިކުފާނުގެ އަބުރު ކަތިލުމަށް ފަތުރާފައިވާ ހަބަރުތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ގެ ގޮތުގައި އަބްދުﷲ ދީދީ ވަނީ ސިފަކުރައްވާފައެވެ.

އަބްދުﷲ ދީދީ އަށް ތުހުމަތުކޮށް މި ވާހަކަތައް ފެތުރިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅުއްވާފައިވަނިކޮށެވެ. އެމައްސަލައަކީ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބި ކަބަލުންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވި މައްސަލައެއް ކަމަށް ގިނަ ފަރާތްތަކުންވަނީ ބުނެފައެވެ.