English Edition
Dhivehi Edition

ބައިނަލްއަގުވާމީ ފެންވަރުގައި އިހްތިރާމް ހޯދާފައިވާ ތަޖުރިބާކާރު ފަނޑިޔާރަކަށް ތުހުމަތުކޮށް ސުޕްރީމް ކޯޓުން ދައްކާފައިވާ ވާހަކަތަކާއި މެދު ހިތާމަ ކުރައްވާކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

ބަންޑާރަ ނައިބު ރިއްފަތު މިހެން ވިދާޅުވީ އެ ބޭފުޅާގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ ސައުތު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލާ ޝަރުއީ ދާއިރާ އަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށް ބުނެ ސްޕްރީމް ކޯޓުން އާދީއްތަ ދުވަހު ނެރުނު ބަޔާނާއި ގުޅިގެންނެވެ

ރޭ ރިއްފަތުު ވިދާޅުވީ ޝަރުއީ ނިޒާމާ މެދު އުފެދިފައިވާ ކިލަބުކަން ނައްތާލައި ރައްޔިތުންގެ އިތުބާރު ގާއިމްކުރުމަށް ފަނޑިޔާރުގެ އިސްލާހު ކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯ އާއި އެޖެންޑާ 19 ގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ވައުދު ކަމަށެވެ.މީގެ އިތުރުން ރިއްފަތު ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީގައި މައްސަލަތައް ހުރި ކަމީ އދ. އާއި އެ ނޫން ވެސް ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ޖަމާއަތްތަކުން ނެރުނު ރިޕޯޓްތަކުން އެންމެންނަށް އެގެންއޮތް ހަގީގަތެއް ކަމަށެވެ. އަދި ޖުޑިޝަރީ އަށް އިތުބާރު ގެއްލިފައިވާ ދަނޑިވަޅެއްގައި ސުޕްރީމް ކޯޓުން އެ ބީދައިން ވާހަކަ ދެއްކުމަކީ ފަނޑިޔާރުގެއާ މެދު އޮންނަ އިތުބާރު އިޔާދަކުރެވޭނެ ގޮތެއް ނޫންކަމަށް ރިއްފަތު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ނެރުނު ބަޔާނުގައި ބުނީ ޖަސްޓިސް ކްރީގްލަރގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަޤާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމަށާއި، ހުތުރުކޮށް އަދި އިހާނެތިގޮތެއްގައި ފަނޑިޔާރުން ބޭރު ކުރުމުގެ ކުރިން މަޤާމު ދޫކޮށްލުން ފަދަ ގޮތެއް އިޚްތިޔާރު ކުރުން ރަނގަޅުވާނެ ކަމަށާއި، ޤާނޫނުއަސާސީ ބަދަލު ކޮށްގެން ވިޔަސް ފަނޑިޔާރުގެ އަލުން އެކުލަވައިލާނެ ކަމަށެވެ. އަދި ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދުގައި މިހާރު އޮތީ ކުރިމަތިލުމެއް ކަމަށާއި އެ ކުރިމަތިލުމުން ފަނޑިޔާރުގެއަށް ލިބޭނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވިކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އޭނާ ތައްޔާރުކުރައްވައި ހުށަހަޅުއްވާ ރިޕޯޓުގައި ރާއްޖޭގެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް އޭނާ ރެކޮމެންޑްކުރައްވާނެކަމަށްވެސް ވިދާޅުވެ، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން އެއް ބާރުކަމުގައިވާ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރަށް ވަރަށް ޞަރީޙަ އިބާރާތުން ވަނީ ބިރު ދައްކަވައި އިންޒާރު ދެއްވާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.