ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދެވަނަ މައްސަލަ ވެސް ބަލައިނުގަނެ، ކޯޓުން ބޭރުކޮށްލައިފިއެވެ.
އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ހައްގު ހޯދުމަށެވެ.
އެގޮތުން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށް ބުނެއެވެ. އެ މައްސަލަ މިދިޔަ ހޮނިހިރު ދުވަހު ވެސް މި މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
އެހެންނަމަވެސް އެ ދުވަހުވެސް ކޯޓުން މި މައްސަލަ ބަލައިގެންފައެއް ނުވެއެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލަ ދެ ފަހަރު ވެސް ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރަރ ނިންމެވީ އެއީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތާ މަނީލޯންޑަރިންގެ ކުށް ސާބިތުވެފައިވާއިރު ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
އެހެންނަމަވެސް މި އަހަރު ބާއްވާ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވާނެކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނަމުން އަންނައިރު އެ ކޯލިޝަނުންވަނީ ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމުގައި ސޮއިކޮށް ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ހުށަހަޅުއްވަންޖެހޭ ލިޔުންތައް ހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ.