English Edition
Dhivehi Edition
އޯއައިސީ ސަމިޓުގައި ބައިވެރިވެލެއްވި އިސްލާމީ ޤައުމުތަކުގެ ވެރިން

ގުދުސްއަކީ އިސްރާއީލްގެ ވެރިރަށް ކަމަށް ބަލައިގަތުމަށް ނިންމި ގައުމުތަކުން އެ ނިންމީ ޣައިރު ޤާނޫނީ އަދި ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށް ވިދާޅުވެ އިސްލާމީ ގައުމުތަކުގެ ވެރިންނާއި ސިޔާސީ ލިޑަރުން އެކަން ކުށްވެރި ކުރައްވައިފިއެވެ.

ހޮނިހިރު ދުވަހު ސަޢުދީ ޢަރަބިއްޔާގެ މައްކާގައި ނިމިގެންދިޔަ އޯއައިސީ ސަމިޓުގައި ހިމެނޭ އިސްލާމީ ޤައުމުތަކުގެ ފަންސާސް ހަތް ލީޑަރުން ވަނީ މިކަން ކުށްވެރިކޮށް ބަޔާނެއް ނެރުއްވާފައެވެ. ގުޅިގެން ނެރުއްވާފައިވާ ބަޔާނުގައި ވަނީ ގުދުސްއަށް އެމްބަސީ ބަދަލުކުރަން ނިއްމި ގައުމުތަކުން އެ ކުރިކަމަކީ ، ބައިނަލްއަގްވާމީ ގާނޫނުތައް މުގުރާލުން ކަމަށާއި އެކަމާ އަލުން ވިސްނުމަށް ގޮވާލާ ކަމަށެވެ. އޯއައިސީގެ މެމްބަރު ގައުމުތަކުން ވަނީ ގުދުސް އަށް އެމްބަސީ ބަދަލުކުރި ގައުމުތަކަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނާއި ދެމެދު ކަންތައް ކުރަމުންދާ ގޮތާއި ބެހޭގޮތުންނާއި،ރޮހަންޔާ މުސްލިމުންނާއި، ސޫދަނާއި އަދި އީރާންފަދަ ޤައުމުތަކާއި ގުޅޭ ގޮތުން މިސަމިޓުގައި ވަނީ މަޝްވަރާ ކުރެވިފައެވެ.

2017 ވަނަ އަހަރު ޑިސެމްބަރގައި ،އެމިރާގެ ޑޮނަލްޑް ޓްރަމްޕް ވަނީ ޤުދުސަކީ އިސްރާއީލްގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ،2018 ވަނަ އަހަރު އިސްރާއީލްގައި ހުންނަ އެމީހުންގެ އެމްބަސީވެސް ޤުދުސަށް ބަދަލުކޮށްފައެވެ.

އިސްރާއިލުން ފަލަސްޠީނަށް ދެމުންދާ ޙަމަލާތަކުގައި ކޮންމެ ދުވަހަކު ދަނީ ކުށެއްނެތް އެތައްކުދިންނާއި ޢާއްމު ރައްޔިތުން މަރުވަމުންނެވެ. މިދިޔަ ހުކުރު ދުވަހުވެސްވަނީ، މަސްޖިދުލް އަޤްޞާއަށް ހުކުރަށް ދިޔަ ފަލަސްޠީނުގެ 12 އަހަރުގެ ފިރިހެން ކުއްޖެއްގެ ގަޔަށް ބަޑިޖަހާ މަރާލާފައެވެ..