English Edition
Dhivehi Edition

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންގެންދާ ލާއިންސާނީ އުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ޝާހިދު މިފަދައިން ގޮވާލެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޚާއްސަ މަންދޫބެއްގެ ޙައިސިއްޔަތުން ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ސަމިޓުގައި ޝާހިދު ވިދާޅުވީ ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އަސްކަރީ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ގާޒާގައި އިންސާނީ ހާލަތު ގޯސްވަމުންދާ ދިއުމަށް އިޝާރާތްކުރައްވާ ޝާހިދު ވަނީ ބޭހާއި ކާބޯތަކެތި ފަދަ ޒަރޫރީ ކަންކަމަށް ބޭނުންވާ ސާމާނު ރައްކާތެރިކަމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށާއި އެކަމަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.

އިންސާނިއްޔަތާގުޅޭ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް މުޅި ގާޒާގެ ރައްޔިތުން ޝާމިލުވާހެން ކުރިޔަށްގެންދާ ހުރިހާ އުދުވާނުތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ކިބައިން ޢަބްދުﷲޝާހިދު ވަނީ އެދިވަޑައިގެންފައެވެ. ފަލަސްތީނާއި މުޅި މެދުއިރުމަތީގައި ދެމެހެއްޓެނިވި ސުލްހައާއި ހަމަޖެހުން ގާއިމުކުރެވޭނީ ފަލަސްތީނުގެ ސަރަހައްދީ ރޮނގު 1967 ގެ ކުރީގައި އޮތްގޮތަށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްގެން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

މި ސަމިޓަކީ އިސްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފެށި ސަމިޓެކެވެ. އެކްސްޓްރާ އޯޑިނަރީ ސަމިޓް ނިންމާލާނީ ގާޒާއާއި އަލްގުދުސް އަލް ޝަރީފް ހިމެނޭގޮތަށް އިސްރާއީލުން މުޅި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނާ ބެހޭގޮތުން މަޝްވަރާކޮށް އެކުލަވާލާ އަރަބް އިސްލާމިކް އެކްސްޓްރާ އޯޑިނަރީ ސަމިޓްގެ ގުޅިފައިވާ ގަރާރާއެކުގައެވެ.

އެ ގަރާރަކީ އިސްރޭލުގެ ޣައިރު ގާނޫނީ އަމަލުތައް ނިމުމަކަށް ގެނައުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ފަލަސްތީނުގެ ބިންތައް ހިފައިގެން އިސްރޭލުން ހިންގާ އަމަލުތައް ކުށްވެރިކޮށް މެންބަރު ގައުމުތަކުން ދެކޭގޮތް ހާމަކޮށްދޭ ގުޅިފައިވާ ގަރާރެކެވެ.

ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ކުރިން ރާވާފައިވާ އެކްސްޓްރާ އޯޑިނަރީ އިސްލާމިކް ސަމިޓާއި އެމަޖެންސީ އަރަބް ސަމިޓް އެއްކޮށްލައިގެން ސައުދީ އަރަބިއްޔާއިން ބާއްވާ ސަމިޓެކެވެ.