English Edition
Dhivehi Edition

ގާނޫނީ ދާއިރާ ރެގިއުލޭޓް ކޮށް ވަކީލުން ޒިންމާދާރު ކުރުވުމަށް އެކުލަވާލާ “ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލް” ހޯމަ ދުވަހުގެ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ “ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ބިލު” ގެ ފުރަތަމަ ކިޔުން އިއްވުން އަންނަ ހޯމަ ދުވަހަށް އެޖެންޑާ ކޮށްފައިވާ އިރު، މި ބިލަކީ ގާނޫނީ ވަކީލުންނަށް ވަކީލު ކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅޭ ކަންތައް ބަލަހައްޓަން އުފައްދާ ބާ ކައުންސިލް އުފެއްދުމަށް ބާރުދޭ ބިލެކެވެ..

މި ބިލް އެޖެންޑާ ކުރެއްވުމާއި ގުޅިގެން، އެޓާނީ ޖެނެރަލް އިބްރާހިމް ރިފުއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ބިލް މަޖިލީހުގެ އެޖެންޑާގައި ހިމެނުއްވި ކަމަށްޓަކައި އުފާކުރައްވާ ކަމަށެވެ. އަދި 18 ވަނަ މަޖިލީހުގައި ގޮންޖެހުންތަކާއި ދިމާވި ނަމަވެސް، މިފަހަރު މިބިލް ފާސްވެގެން ދާނެ ކަމަށް ވަރަށްބޮޑަށް އުއްމީދު ކުރައްވާ ކަމަށެވެ. މީގެ އިތުރަށް އެ ބިލުގައި ހިމެނޭ ގާނޫނީ އޮނިގަނޑުގެ ސަބަބުން ރާއްޖޭގެ ގާނޫނީ ދާއިރާ މުޅިން ބަދަލުވެގެން ދާނެ ކަމަށާއި، އަދި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބާ-ކައުންސިލެއް ބިލްގެ ސަަބަބުން އެކުލެވިގެންދާނެ ކަަމަށްވެސް ވަނީ ބުނެފައެވެ. އަދި އޭގެ ސަބަބުން ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވުމާއި، މަސައްކަތް ހަރުދަނާކޮށް، ޤާނޫނީ މަސައްކަތަކަށް މިނިވަންކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އޭޖީ ރިފުއަތު ވަނީ ވިދާޅުވެއެވެ.

މި ބިލު ބައެއް ބަދަލުތަކާއެކު މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އަހަން މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ތާވަލު ކުރިއެވެ. ނަމަވެސް އެ ބިލަށް އަދިވެސް އިސްލާހުތަކެއް ގެންނަަށް ހުރިކަން ފާހަގަކޮށް ބިލް އަނބުރާ ކޮމިޓީއަށް ފޮނުވާލާފައި ވަނީ 35 މެންބަރުންގެ ވޯޓާ އެކުގައެވެ. މި ބިލު އަލުން ދިރާސާ ކުރަން ނުފެންނަ ކަމަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ގާނޫނީ ފަންނުގެ ބިލަށް އަމަލުކުރަން ފަށާނީ އެ ބިލު ތަސްދީގު ކުރެވި ގާނޫނަކަށް ބަދަލުވާ ދުވަހުން ފެށިގެންނެވެ. އަދި ބާ ކައުންސިލްގެ ބިލު ގާނޫނަކަށް ބަދަލުވެ އަމަލު ކުރަން ފެށުމާއެކު ދިވެހި ރާއްޖޭގެ ބާ ކައުންސިލް އުފެދި އެ ކައުންސިލަކީ ގާނޫނީ ގޮތުން އަމިއްލަ މިނިވަން މުސްތަގިއްލު މުއައްސަސާއަކަށް ވެގެންދާނެއެވެ.