English Edition
Dhivehi Edition

އައްޑޫސިޓީގެ އެންމެ ބޮޑު އެއްސްކޫލް ކަމަށްވާ ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ސ.މަރަދޫ ހިކިފިނިފެންމާގެ ޙުސައިން މުސައްވިރު ހަމަޖައްސަވައިފިއެވެ.

މުސައްވިރު އެމަގާމަށް ހަމަޖައްސަވާފައިވަނީ މީގެ ކުރިން ޝަރަފުއްދީން ސްކޫލުގެ މަގާމުގައި ހުންނެވި ޑރ އަދީލް ނަސީރު، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަށް އަމިއްލަ ގޮތުން ސްކޫލުން ވަކިވެލެއްވެވުމުން ނެވެ. އޭގެ ފަހުން ސްކޫލް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ އައްޑޫ ހައިސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ނަދީމެވެ.

ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވަމުން އަންނަ ޝަރަފުއްދީން ސްކޫލާ އަލަށް ހަވާލުވެލެއްވެވި މުސައްވިރަކީ މީގެ ކުރިން މުހިއްބުއްދީން ސްކޫލުގެ ދުވަސްވަރު އެ ސްކޫލުގައި ފިޒިކްސް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަދި އައްޑޫހައިސްކޫލުގައި ވެސް މަސައްކަތް ކުރެއްވެވި ބޭފުޅެކެވެ. އޭގެ ފަހުން މެލޭޝިއާގައި މާސްޓަރ އޮފް އެޑިޔުކޭޝަން ހެއްދެވުމަށްފަހު މުސައްވިރު ވަނީ 2015 ވަނަ އަހަރު ށ. އޭއީސީގައި ޕްރިންސިޕަލެއްގެ މަގާމު އަދާކުރައްވަވާފައެވެ. 3 އަހަރު ވަންދެން އެ ސްކޫލުގައި މަސައްކަތް ކުރެއްވެވުމަށް ފަހު ހއ. ދިއްދޫ އަތޮޅު ތައުލީމީ މަރުކަޒު ގައި ވެސް މުސައްވިރު ވަނީ ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ކުރައްވަވާފައެވެ.

ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލެއްގެ ގޮތުގައި މުސައްވިރު އެ ސްކޫލަށް ނިކުންނަވާނީ އަންނަ އާދީއްތަދުވަހުން ފެށިގެންނެވެ.