English Edition
Dhivehi Edition

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހޮއްވަވައިފިއެވެ.

މަޖިލިހުގެ ރައީސް ކަމުގެ މަގާމަށް މައްޗަންގޮޅި މެދު ދާއިރާއިން ހޮވިވަޑައިގެންނެވި މެންބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހޮވިވަޑައިގެންނެވީ ޖަލްސާގައި ބައިވެރިވި 86 މެމްބަރުންގެ ތެރެއިން 67 ވޯޓާ އެކުގައެވެ.

މަޖިލިހުގެ ރައީސް ގެ މަގާމަށް ނަޝީދުގެ އިތުރުން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ނަން ވެސް ވަނީ ހުށަހަޅުއްވަވާފައެވެ. ގާސިމް އަށް ލިބިލެއްވެވި ވޯޓުގެ އަދަދަކީ 17 އެވެ.

ނަޝީދު ގެ ނަން ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ. އަދި ތާއިދު ކުރެއްވީ މެންބަރު އަލީ އާޒިމްއެވެ. ގާސިމް އިބްރާހީމްގެ ނަން ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގު އެވެ. އަދި ތާއިދުކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.

ނައިބްރައީސް ކަމުގެ މަގާމަށް އީވާ ހޮވިވަޑައިގެންނެވީ 76 ވޯޓާ އެކުގައެވެ. މެންބަރު އިވާ އަބްދުﷲ ނަން ހުށަހެޅުއްވީ ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ. އަދި ތާއިދު ކުރެއްވީ މެންބަރު އަލީ އާޒިމްއެވެ.

އީވާގެ އިތުރުން މި މަގާގަށް އިތުރު ނަމެއް ހުށަހަޅާފައެއް ނުވެއެވެ.

މަޖިލިހުގެ ރައީސާއި ނައިބުރައީސަކު ހޮވުމަށް މިރޭގެ ޖަލްސާގައި ވަނީ 5 މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލައްވަވާފައެވެ. މި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ

ހިސާން ހުސައިން ތުޅާދޫ ދާއިރާ (އެމްޑީޕީ)، އަލީ ހަމީދު އިސްދޫ ދާއިރާ (ޖޭޕީ)، އަހުމަދު ޝިޔާމް ނައިފަރު ދާއިރާ (ޕީޕީއެމް)، މުަހައްމަދު ސައީދު މާވަށު ދާއިރާ (ޕީއެންސީ)، ސައުދު ހުސައިން | ވިލިނގިލި ދާއިރާ (އަމިއްލަ) އެވެ.

މަޖިލިހުގެ ނައިބްރައީސް ކަމުގެ މަގާމަށް އީވާ ހޮވިވަޑައިގެންނެވުމުން އީވާ ވެގެން ދަނީ މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާ ދެ ވަނަ އަންހެން ބޭފުޅާއަށެވެ. މީގެކުރިން އަނީސާ އަހުމަދު މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާފައިވެ އެވެ. އެއީ 2004 ވަނަ އަހަރުން 2009 ވަނަ އަހަރަށެވެ.

ނަވާރަވަނަ މަޖިލީހުގެ ސާފު މެޖޯރިޓީ 65 ގޮނޑި ކާމިޔާބުކޮށް ސަރުކާރު ހިންގާ މައި ޕާޓީ އަށް ލިބިފައިވާއިރު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ 8 ގޮނޑި ހޯދާފައެވެ. ޕީޕީއެމްއަށް 5 ގޮނޑި ލިބިފައިވާއިރު، ޕީއެންސީ ވަނީ 3 ގޮނޑި ހޯދާފައެވެ. ޖޭޕީއަށް 5 ގޮނޑި ލިބިފައިވާއިރު، އެމްޑީއޭއަށް ވަނީ 2 ގޮނޑި ލިބިފައެވެ. އަމިއްލަ މެމްބަރުންގެ ގޮތުގައި ނަވާރަވަނަ މަޖިލީހުގައި ތިއްބަވާނީ 7 މެމްބަރުންނެވެ.

ނަވާރަވަނަ މަޖިލީހަށް ވަނީ ދެ ދާއިރާ އިތުރުވެފައެވެ. އެއީ މައްޗަންގޮޅި މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާއެވެ