English Edition
Dhivehi Edition

ކުރީ ސަރުކާރުން އައްޑޫ ސިޓީގައި އަޅާފައިވާ ފްލެޓްތައް ރައްޔިތުންނާއި ހަވާލު ނުކުރެވި ހުރީ، އެތަންތަނުގައި ނުކުރެވި ހުރި މަސައްކަތް އެހާ ބާރަށް ކުރިޔަށް ނުދާތީ ކަމަށް ހައުސިންގ މިނިސްޓަރ އާމިނަތު އާތިފާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާތިފާ މިހެން ވިދާޅުވީ ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. އާތިފާ ވިދާޅުވީ އައްޑޫ ސިޓީ ފޭދޫގައި ޤާއިމްކޮށްފައިވާ ފްލެޓްތައް ނިމިފައިވާ ކަމަށާއި މިހާރު އެތަންތަނުގައި ހުރީ މަރާމާތުގެ މަސައްކަތްތަކެއް ކަމަށެވެ. އަދި ހިތަދޫގައި އަޅާފައިވާ ފްލެޓްތަކަށް ޙަވާލު ނުކުރެވިފައިވަނީ، އެ ތަނުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމް ނުކުރެވިގެން އުޅޭތީކަމަށް އާތިފާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އާތިފާ ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި ޤާއިމްކޮށްފައިވާ ފްލެޓްތަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް މިނިސްޓްރީއަށް ބެޖެޓްވެސް ލިބިފައިވާކަމަށާއި މަސައްކަތްކުރަމުންދަނީ ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ކަމަށެވެ. އެހެންނަމަވެސް މި ފްލެޓްތަކުގެ މަސައްކަތްނިމި ފްލެޓްތައް ހަވާލުކުރެވޭނެ ވަކި ތާރީހެއް އަތިފާ ވިދާޅުވެފައެއް ނުވެއެވެ.

މީގެ އިތުރުން އާތިފާ ވިދާޅުވީ ދާދިފަހުން އައްޑޫއަށްކުރެއްވި ދަތުރުގައި އައްޑޫ ސިޓީގެ ފްލެޓްތައް ބައްލަވާލެއްވި ކަމަށާއި ފްލެޓްތަކުގައި ބާކީ ހުރި މަސައްކަތްތައް ބެއްލެވުމަށްފަހު، އެ އެއްޗެހި އަލުން ފޮނުވުމަށް އައްޑޫ ސިޓީ ކައުންސިލް މެމްބަރުންގެ ގާތުގައި އެދިފައިވާނެ ކަމަށެވެ.

އާތިފާ އައްޑޫ އަށް ކުރެއްވި ދަތުރުގައި ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ ފަސް އަހަރުގެ ތެރޭގެ މި ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ 20،000 ހައުސިން ޔުނިޓްގެ ތެރެއިން 5،000 ހައުސިން ޔުނިޓް އެޅުމަށް ހަތަރު މަސް ދުވަހުގެ ތެރޭގައި ސޮއި ކުރުމަށް ފްރޭމް އެގްރިމަންޓުގައި ސޮއި ވެސް ކޮށްފައި ކަމަށެވެ. އަދި އޭގެ އޭގެ ތެރެއިން 1،500 ހައުސިން ޔުނިޓް އަޅަން ހަމަޖެހިފައި ވަނީ އައްޑޫގައި ކަމަށް ވިދާޅުވި އިރު އެ ޔުނިޓްތައް އަޅާނެ ތަންތަނާއި އެކަމާ ބެހޭ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.