English Edition
Dhivehi Edition
އައްޑޫސިޓީ ކައުންސިލުން ބޭއްވި ނޫސްކޮންފަރެންސް ގައި ޑެޕިޔުޓީ މޭޔަރ ޔަސްރިފް ވާހަކަ ދައްކަވަނީ: ފޮޓޯ/ ޔާމީން- އޭއޯ ނިއުސް

އައްޑޫސިޓީގެ ހިތަދޫގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ މަސައްކަތް ނިމި ގިނަ ދުވަސްވެ، އެތަން ވީރާނާ ވަމުންދާން ދޫކޮށްލުމުގެ ބަދަލުގައި، ހިތަދޫގެ ރައްޔިތުންގެ ތެރެއިން އެ ފްލެޓް ހައްގުވާ ފަރާތްތަކާ ވީހާ އަވަހަކަށް އެތަން ހަވާލުކޮށް ދެއްވުން އެދޭކަމަށް އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ ކައުންސިލް ގެ ފަރާތުން ނޫސް ވެރިންނަށް މައުލޫމާތު ދެއްވުމަށް ކައުންސިލް އިދާރާގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ޔަސްރިފް ވިދާޅުވީ އިމާރާތް ކޮށްފައިވާ ފްލެޓްތައް އެހެން ހުރެ ވީރާނާ ވަމުން ދާ ކަމަށާއި އެތަންތަން އެއްކޮށް ހަލާކުވެ ނުނިމެނީސް އިންތިޒާރުގައި ތިބި ރައްޔިތުންނާ ފްލެޓްތައް ހަވާލުކުރަން ވެއްޖެ ކަމަށެވެ.

ރައީސް ޔާމީންގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިތަދޫގައއިމާރާތްކޮށްފައިވާ 264 ފްލެޓްގެ ހުރިހާ މަސައްކަތް ނިމިފައިވާ ކަމަށާއި 2018 ވަނަ އަހަރުގެ ޖުލައި މަހުގައި ފްލެޓްތައް ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މީގެ 2 މަސް ކުރިން ވަނީ ބުނެފައެވެ.

އީސީސީ ސަރަހައްދުން ނަގާފައިވާ ގޯތި ހަވާލުކުރުމަށް ހިތަދޫ ފްލެޓް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ އައްޑޫ އެކްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ ޒުހައިރު (އަބުހަރީ) ވިދާޅުވެފައިވަނީ ޖުލައި މަހުގެ 26 ގެ ކުރިން ފްލެޓްތައް ހަވާލު ކުރަން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި ހިތަދޫ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ އިވެލުއޭޝަން އެއްކޮށް ނިމިފައިވާ ކަމަށާއި ދެން އޮތީ ލިސްޓް އިއުލާން ކޮށްލުން ކަމަށް ޒުހައިރު ވަނީ އެ ރަސްމިއްޔާތުގައި ވިދާޅުވެފައެވެ. ނަމަވެސް އޭގެ ފަހުން ވެސް އެތައް ދުވަހެއް ފާއިތުވީއެވެ. ފްލެޓްތަކުގެ ވާހަކައެއް ދައްކާއަޑެއްވެސް ނީވެއެވެ.

ހަމަ މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު ވިދާޅުވެފައިވަނީ ފްލެޓްތައް ހަވާލު ނުކުރެވި ލަސްވީ އެ ތަންތަނަށް ކަރަންޓާއި ފެނާއި ނަރުދަމާ ގުޅުމުގެ މަސައްކަތް ކުރިއަށް ދާތީކަމަށެވެ.

މި ފްލެޓަށް ކުރިމަތިލި 585 ފަރާތުން ފްލެޓް ލިބުން އެދި އިންތިޒާރު ކުރަމުންދާތާ އަހަރު ދުވަސްވީ އެވެ. މި ފްލެޓްތަކުގައި 2018 ވަނަ އަހަރުގެ މެއި މަހުގައި މީހުން ދިރިއުޅެން ފަށާނެ ކަމަށް ވެސް މީގެ ކުރިން ހައުސިން އިން ވަނީ ބުނެފައެވެ. އޭގެ ފަހުން ތަފާތު އެތަކެއް ތާރީޚް ތަކެއް ދެމުން ގެންދާއިރު އަދިވެސް ރައްޔިތުން ތިބީ އިންތިޒާރުގައެވެ.

އައްޑޫސިޓީގެ ހިތަދޫގެ އާބާދީ އަކީ 18000 (އަށާރަ ހާސް) މީހުން ކަމަށް ވާއިރު 18 އަހަރުން މަތީގެ މީހުންގެ އާބާދީ އަކީ ގާތްގަނޑަކަށް 11000 (އެގާރަ ހާސް) އެވެ. މީގެ ތެރެއިން 4000 (ހަތަރުހާސް) މީހުންނަށް ދާދި ފަހުން ގޯތި ދޫކޮށްދީފައިވާއިރު ފްލެޓްތަކަށް 585 މީހުން ވަނީ ކުރިމަތިލާފައެވެ.