އައްޑޫސިޓީގެ ހިތަދޫގައި މި ސަރުކާރުން އިމާރާތްކޮށްފައިވާ 264 ފްލެޓް މިއަންނަ ޖުލައި މަހުގައި ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
އީސީސީ ސަރަހައްދުން ކުރީގެ ސަރުކާރުގައި ނަގާފައިވާ ގޯތި ހަވާލުކުުރުމަށް މިއަދު ހިތަދޫ ފްލެޓް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ އައްޑޫ އެކްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ ޒުހައިރު (އަބުހަރީ) ވިދާޅުވީ އަންނަ މަހުގެ 26 ގެ ކުރިން ފްލެޓްތައް ހަވާލު ކުރަން އަމާޒު ހިފާފައިވާ ކަމަށެވެ.
ޒުހައިރު ވިދާޅުވީ ހިތަދޫ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ އިވެލުއޭޝަން މިހާރު އެއްކޮށް ނިމިފައިވާ ކަމަށާއި ދެން އޮތީ ލިސްޓް އިއުލާން ކޮށްލުން ކަމަށެވެ .
މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު ވިދާޅުވީ ފްލެޓްތައް ހަވާލު ނުކުރެވި ލަސްވީ، އެ ތަންތަނަށް ކަރަންޓާއި ފެނާއި ނަރުދަމާ ގުޅުމުގެ މަސައްކަތް ކުރިއަށް ދާތީކަމަށެވެ.
މީގެ ކުރިން އައްޑޫއަށް ކުރެއްވެވި ޒިޔާރަތެއްގައި ފްލެޓްތަކުގެ މަސައްކަތް ބައްލަވާލެއްވުމަށް ފަހު މިނިސްޓަރ މުއިޒް ވިދާޅުވީ ހައުސިން ޔުނިޓްތައް ހަވާލު ކުރާނީ ދިރިއުޅުމުގެ ހާލަތަށް ބަލައި ފްލެޓްތައް ލިބުން އެންމެ އެކަށީގެންވާ މީހުންނަށް ކަމަށެވެ
ސަރުކާރުގެ ބޯހިޔާވަހިކަމިުގެ ޕްރޮގްރާމްގެ ދަށުން ސ. ހިތަދޫގައި 264 އަދި ހުޅުމީދޫގައި 48 ފްލެޓް އެޅުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ޗައިނާގެ ނެޝަނަލް މެޝިނަރީ އެންޑް އިކުއިޕްމެންޓް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން (ސީއެމްއީސީ) އިންނެވެ.