English Edition
Dhivehi Edition

މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް މައްޗަށްގޮޅި މެދު ދާއިރާގެ އިންތިޚާބީ މެންބަރު މުހައްމަދު ނަޝީދުގެނަން ހުށަހެޅުއްވީ ޕާާޓީގެ ކުރިމަގާއި ރައްޔިތުންގެ ހެވާލާބައަށްޓަކައި ކަމަށް ހިތަދޫ އުތުރުދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި އެމްޑީޕީގެ ޕީޖީ ގުރޫޕުން ރޭ ބޭއްވި ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް ގެންނާނެ ބޭފުޅަކާއި މެދު އެޕާޓީގެ ތެރޭގއި ހިޔާލު ތަފާތުވެފައި ވާއިރު، އެކަމުގެ ތެރެއިން ބޮޑެތި ނުތަނަވަސްކަން ފެނިގެންދިއަ ކަމަށެވެ. އަސްލަމް ވިދާޅުވީ ނަޝީދުގެ ނަންފުޅު ހުށަހެޅުއްވީ އަފީފާއި ވެސް މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ. އެގޮތުން ނަޝީދުގެ ނަންފުޅު ހުށަހެޅުއްވުމުން އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ އަފީފުއެވެ.

އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ އައު ދައުރުގެ ސުޕަމެޖޯރިޓީ ލިބިފައިވަނިކޮށް މަޖިލީހުގެ ރިޔާސަތަށް ގެންނާނެ ބޭފުޅަކާއިމެދު ވަަރަށް ބޮޑަށް ޚިޔާލު ތަފާތުވުންތައް ބޮޑުވިއެވެ. ޕާޓީގެ ތެރޭގައި ޚިޔާލުތަފާތުވުންތައް ބޮޑުވީ ރައީސް ސޯލިހާއި ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތަށް ގެންނަން ބޭނުންފުޅުވާ ބޭފުޅަކާއިމެދު އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުންނެވެ. ރައީސް ސޯލިހް ބޭނުންފުޅުވީ ވިލުފުށީ ދާއިރާގެ އިންތިޚާބީ މެންބަރު ހަސަން އަފީފު މަޖިލީހުގެ ރައީސްކަމަށް ގެނައުމަށެވެ. ރައީސް ނަޝީދު ބޭނުންފުޅުވާކަމަށް ހާމަކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ރިޔާސަތަށް ގެނައުމަށެވެ.

އެކަމާއި ގުޅިގެން އެމްޑީޕީގެ އެންމެ އިސްވެރިންނާއި، މަޖިލީސް މެންބަރުންނާއި ދެމެދުވެސް ވަނީ ހޫނުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އަދި އެކްޓިވިސްޓުންގެ މެދުގައި ވަރަށް ހުތުރުބަހުން ބަހުގެ ހަމަލާތައް ވަނީ ބަދަލުކުރެވިފައެވެ. މީގެ އިތުުރުން ސަރުކާރުގެ ވަޒީރުން ޕީޖީ ގުރޫޕްގެ ނިންމުމަށް ނުފޫޒު ފޯރުވާ ބިރުދެއްކުމުގެ އަމަލުތައް ހިންގާފައިވާކަމަށް ފާޅުގައި ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ވަޒީރުން މަޖިލީހަށް ހާޒިރުކޮށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ބައެއް މެންބަރުން ވަނީ ދީފައެވެ.

މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީން ކަނޑައަޅާނެ މެންބަރެއް ނިންމުމަށް ރޭ ބޭއްވި ޕީޖީ ގުރޫޕްގެ ބައްދަލުވުމުގެ ކުރިން އަފީފާއި، އަސްލަމްވެސް ގެންދެވީ ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމަށާ މަގާމަށް އިންތިޚާބުވުމަށް ބޭނުންވާ އަދަދަށް ވޯޓް ލިބިވަޑައިގަންނާނެކަން ކަށަވަރުވެފައިވާކަމަށް ވިދާޅުވެފައެވެ. އަދި އައްޑޫގެ ދާއިރާތަކުން އިންތިޚާބުވެފައިވާ މެމްބަރުން ވެސް ވަނީ އަސްލަމް އަށް ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އައްޑޫގެ ގިނަ ބަޔަކު ބުނަމުން ގެންދިޔައީ މިފަހަރު މަޖިލިހުގެ ރައީސް ކަން ކުރައްވަވާނީ އައްޑޫގެ ބޭފުޅެއް ކަމަށާއި އެކަމަށް އެދި އެމްޑީޕީ ސަރުކާރަށް ވެސް ގޮވާލާކަމަށެވެ.

ނަމަވެސް ޕީޖީ ގުރޫޕްގެ ބައްދަލުވުމުގައި ކުއްލިގޮތަކަށް އަސްލަމާއި އަފީފު ވަނީ ރާގު ބަދަލުކުރައްވާ ޕާޓީގެ މަސްލަހަތަށްކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީން ހުށައަަޅާ ނަމަކީ މުހައްމަދު ނަޝީދުކަން ހާމަކުރައްވާފައެވެ. އަދި ނަޝީދު ވަނީ އެކަން ގަބޫލު ކުރައްވަވާފައެވެ.

ބައެއްފަރާތްތަކުން މިއީ އެމްޑީޕީން ދެއްކި ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ކަމަށް ދެކުނު ކަމުގައި ވިޔަސް ބައެއްފަރާތްތަކުން ދެކޭ ގޮތުގައި މިއީ އެމްޑީޕީން ކުޅުނު ފުރިހަމަ ޑުރާމާއެކެވެ.