ތަރައްގީވަމުން އަންނަ 50 އަށް ވުރެ ގިނަ ގައުމު ތަކުގައި އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 800،000 މީހުން ބަނޑުހައި ހޫނު ކަމުގައާއި، ހަނގުރާމައިގައި އަދި އެހެނިހެން ހަމަނުޖެހުން ތަކުން މަރުވާކަމަށް ދުނިޔޭގެ ބަނޑުހައި ހޫނުކަމުގެ އިންޑެކްސް ރިޕޯޓުން ހާމަ ކުރައެވެ. ނަމަވެސް މި ހާލަތު މިދިޔަ އަހަރު ތަންކޮޅެއް ރަނގަޅުވެފައިވާ ކަމަށް އެރިޕޯޓުގައި ބުނެފައި ވެއެވެ.
ދުނިޔޭގެ އާބާދީގެ ނުވަބައި ކުޅަ އެއްބައި މީހުންނަކީ އެކަށިގެންވާ ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން މަރާ ހަނގުރާމަ ކުރަމުން އަންނަމީހުންނެވެ. އަދި 795 މިލިއަން މީހުން އެއްވެސް ގޮތަކަށް ކާނެ އެއްޗެއް ނެތި ހަނގުރާމަ ކުރަމުން ދާއިރު ގާތްގަނޑަކަށް 3.1 މިލިއަން ކުޑަކުދިން ބަނޑުހައި ހޫނު ކަމުގައި ދުނިޔެ ދޫކޮށްދާމަކަށް “ގްލޯބަލް ހަންގާ އިންޑެކްސް ރިޕޯޓުގައި” ގައި ބުނެފައި ވެއެވެ. މި ރިޕޯޓަކީ ހޯމަ ދުވަހު ޖާރުމަނުގެ ޗެރިޓަބްލް އޮގަނައިޒޭޝަން، “ވެލްޓްހަންގާހިލްފް” އާއި އިންޓަނޭޝަނަލް ފޫޑް ޕޮލިސީ ރިސާޗް އިނިސްޓިޓިއުޓާއި އަދި ކޮންސާން ވޯލްޑް ގުޅިގެން ނެރެފައިވާ ރިޕޯޓެކެވެ.
މި ރިޕޯޓުގައި ވާގޮތުން ހަނގުރާމައިގެ ސަބަބުންނާއި އަދި ހަމަނުޖެހުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރަނީ ސެންޓްރަލް އެފްރިކަން ރިޕަބްލިކާއި އަދި ޗެޑްގެ މީހުންނަށެވެ.
މި ލިސްޓުގައި ދެން ހިމެނިފައިވާ ގައުމު ތަކަކީ ޒެމްބިއާ، އީސްޓް ޓީމޯ، ސިއެރާ ލިއޯން، ހައިޓީ، މަޑަގަސްކަރަ، އަފްޣާނިސްތާނު، ނިގާ އަދި ޔަމަނެވެ. މިގައުމު ތަކަކަކީ ބަނޑުހައި ހޫނުކަން މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ރައްޔިތުންނަށް ކޮށްފައިވާ ގައުމު ތަކެވެ.
މިލިސްޓުގައި މީގެ ކުރިން ނުހިމެނޭ 3 ގައުމެއްވެސް މިއަހަރުގެ ލިސްޓުގައި ހިމެނިފައި ވެއެވެ. އެއީ އެރިތްރިއާ، ބުރޫންޑީ އަދި ސޫދާން އެވެ.
މީގެ ކުރީގައި ހިމެނިފައިވާ ގައުމު ތަކުގެ ތެރޭ ހިމެނޭ އެންގޯލާ، އިތިއޯޕިއާ އަދި ރުވާންޑާގެ ހާލަތު މިހާރު ރަނގަޅު ވަމުން އަންނަކަމަށް މިރިޕޯޓުގައި ބުނެފައި ވެއެވެ. އެގައުމު ތަކަށް މިފަދަ ކުރިއެރުމެއް ލިބިފައިވަނީ ގައުމުގެ ތެރޭ އުފެދިފައިވާ ސިޔާސީ ހަމަނުޖެހުން ކޮންމެވެސް ވަރަކަށް މިހާރު ހަމަޔަކަށް އެޅިފައިވާތީ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.
މި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުން ގާތްގަނޑަކަށް މިލިއަނަކަށްވުރެ ގިނަ މީހުން އެކި އެކި ކާރިސާތަކުގައި މަރުވެފައި ވެއެވެ.
މިރިޕޯޓުގައި އެންމެ ހެޔޮ ބަދަލެއް ކަމަށް ފާހަގަ ކޮށްފައިވަނީ 17 ގައުމެއްގެ ބަނޑުހައި ހޫނުކަމުގެ ހާލަތު %50 ރަނގަޅު ވެފައިވާ ކަމެވެ. އޭގެ ތެރޭ ބްރެޒިލް، ކްރިގިސްތާން، ޕޭރޫ އަދި ކްރޮއޭޝިއާ ހިމެނެއެވެ. ނަމަވެސް މުޅި ދުނިޔައަށް ބަލާއިރު ބަނޑުހައި ހޫނު ކަމުގައި ހަނގުރާމަ ކުރާ މީހުންގެ އަދަދު %27 މައްޗަށް ޖެހިފައިވާ ކަމަށް އެރިޕޯޓުގައި ވެއެވެ.
މިއީ މިއަހަރުގެ ތެރޭގައި މިރިޕޯޓް ޝާއިރު ކުރި ދިހަވަނަ ފަހަރެވެ. މީގެ ބޭނުމަކީ ބަނޑުހައި ހޫނުކަން ދުނިޔޭގައި އޮތްވަރު މީހުންނަށް އަންގާ އެކަމަށް ހޭލުންތެރި ކުރުމުގެ ބޭނުމުގައި ކަމަށް ރިޕޯޓުގައި ވެއެވެ. އަދި މީގެ އިތުރަށް ދުނިޔޭގެ އެހީދޭ ޖަމާއަތްތަކަށް ކަމުގެ ހަގީގަތް އަންގާ ދުނިޔެއިން މި ވަބާ ނައްތާ ލުމަށް އެހީތެރިވެ ދިނުމުގެ ބޭނުމުގައެވެ.
މި ރިޕޯޓުގައި މިގޮތަށް ހާމަކޮށްފައި އޮތްނަމަވެސް މީގެ ހަގީގަތަކީ އިންސާނުންގެ ތެރޭގައި އެކަކު އަނެކަކަށް އަޅާލުމުގެ ރިވެތި އުސޫލު ނެތުމެވެ. އިންސާނުން އުޅެން ޖެހެނީ މާތްﷲ އަންގަވާފައިވާ ގޮތަށެވެ. މުއްސަދިން އެބައި މީހުންގެ މުދަލުން އިސްލާމް ދީނުގައި އޮންނަ ހަމަތަކުގެ މަތިން ޒަކާތް ދީ ކަންތައް ކުރާނަމަ މިނިކަމެތި ކަމެއް އިންސާނިއްޔަތަށް ނުކުރާނެކަން ޔަގީނެވެ.