ރައްޔިތުންގެ މަޖިލީހުން ކުރާ ހުރިހާ މަސައްކަތްތައް ހާމަކަންބޮޑު ގޮތެއްގައި މިހާރު ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މާމިގިލި ދާއިރާގެ މެމްބަރ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ނިމިގެންދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ކުރި މަސައްކަތްތަކާއި ގުޅޭގޮތުން އެކުލަވާލި ފޮތް ނެރުމަށާއި އާ ވެބްސައިޓްގެ ފީޗަރސްތައް ދައްކާލުމަށް އަދި 19 ވަނަ ެރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމް ހިންގުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ، ޤާނޫނު އަސާސީގައި މަޖިލީހުގެ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފޯރު ކޮށްދިނުމަށް ބާރު އަޅާފައިވާއިރު އެކަން ފުރިހަމަ ވެގެންދާތީ އެކަމާ އުފާކުރައްވާ ކަމަށެވެ.
މަޖިލީހުގެ އާ ވެބްސައިޓާއި އެކު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މައްސަކަތްތަކާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ފޮތް ނެރެދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމެއެވެ. މި ރަސްމިޔާތުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އަލަށް މެންބަރުކަމަށް ހޮވިވަޑައިގެންނެވި ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މަޖިލީހުގެ އާ ވެބްސައިޓް ބޭނުން ކުރަން ފަށާނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރާ ދުވަހުއެވެ. މި އާ ވެބްސައިޓުން މަޖިލީހުގެ ޖަލްސާތަށް ލައިވް ސްޓީމް ކުރާ އިރު ކޮމެޓީތަކުގެ ޖަލްސާތަށް އޯޑިއޯ ލައިވް ސްޓްރީމް ކުރާނެއެވެ. މީގެ އިތުރުން މަޖިލީހަށް ހާއްސަ ކޮށްގެން ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ހާއްސަ މޯބަަައިލް އެޕްލިކޭޝަނެއް ވެސް ލޯންޗު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފާއިތުވި ހަމަސްދުވަހުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާކަމަށެވެ. މީގެ އިތުރުން މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް މުހިންމު ކަންތައްތަކެއް ކުރުމަށް ނިންމާފައިވާ ކަމުގައި ވެސް ގާސިމް ވިދާޅުވިއެވެ.
“ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން. މަޖިލީހުގެ މުވައްޒަފުން ވެސް މަޖިލީހަށް ވަޑައިގަންނަވާއިރު ހޭންޑް ބޭގާއި އެއްޗެއްހި ވެއްދޭނީ ފާސްކުރެވިގެން. މަޖިލީހުގެ ކެމެރާ ސިސްޓަމާއި މުޅި އިމާރަތުގެ އެތެރެ މި ވަނީ ބަދަލުކުރެވިފައި” ގާސިމް ވިދާޅުވިއެވެ.
މަޖިލީހުގެ އިދާރާއަށް މިގެނެވުނު ބޮޑެތި ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެވަޑައިގެންނެވި އެހީތެރިކަމަށް ގާސިމް ވަނީ ރައީސްއަށް ތައުރީފްކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި މިބަދަލުތައް ގެނައުމަށް މަޖިލީހުގެ އިދާރާގެ އިސްވެރިންނާއި މުވައްޒަފުން ކުރި މަސައްކަތްތައް ފާހަގަ ކުރައްވާ އެބޭފުޅުން ނަށްވެސް ގާސިމް ޝުކުރު އަދާކުރެއްވިއެވެ.