English Edition
Dhivehi Edition

ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕްގްގެ ޖާގަ އިތުރުކުރަން ފީފާއިން ކުރި މަސައްކަތް ހުއްޓާލައި ކުރިން ވެސް މުބާރާތް ކުރިއަށް ގެންދިޔަ ގޮތަށް މުބާރާތް ގެންދިޔުމަށް ނިންމައިފިއެވެ.

2022 ވަނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް 48 ގައުމަށް އިތުރުކުރަން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ހިޔާލު ކުރިނަމވެސް ގަތަރުގައި ބާއްވާ ވޯލްޑްކަޕް 32 ޓީމާއެކު މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް ފީފާގެ ރާއީސް ޖިއާނީ އިންފަންޓީނޯ ރަސްމީކޮށް އިއުލާން ކޮށްފި އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިދިޔަ ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕްއަށް ފަހު ވިދާޅުވެފައިވަނީ ގަތަރު ވޯލްޑް ކަޕަށް 16 ޓީމު އިތުރުކޮށް 48 ގައުމަކުން ވާދަކުރެވޭނެ ގޮތަކާމެދު ވިސްނާކަމަށެވެ.

ގަތަރު ވޯލްޑް ކަޕަށް 16 ޓީމު އިތުރުކުރުމާއި ގުޅޭގޮތުން ފީފާގެ ރާއީސް ވިދާޅުވެފައިވަނީ ގަތަރުގައި އޮންނަ ވޯލްޑްކަޕްއަށް 16 ޓީމް އިތުރު ކުރުމަކީ އެކަމުގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވާނެ ކަމަށާއި، އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.

ގަތަރުގައި މިދިޔަ ޑިސެމްބަރު މަހު ބޭއްވި ސަމިޓަކަށް ފަހު މީޑިއާއާ ވާހަކަދައްކަވަމުން ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ 2022 ވަނަ އަހަރުގެ މުބާރާތަށް ޓީމު އިތުރުކުރުމުގެ މަޝްވަރާތައް ކުރެވުނު ކަމަށާއިދުނިޔޭގެ ގިނަ ގައުމުތަކުން ވެސް އެކަމަށް ތާއީދުކުރި ކަމަށެވެ.

ވޯލްޑް ކަޕަށް ތައްޔާރުވާ ގަތަރުގެ ސުޕްރީމް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަލް-ތަވާދީ ޓީމްތަށް އިތުރު ކުރުމާއި ގުޅޭ ގޮތުން ބުނީ”ޓީމްތަށް އިތުރު ކުރުމާމެދު ގޮތެއް ނިންމާނީ ފީފާ އާއި ގަތަރުން. އެގޮތަށް ނިންމި ކަމުގައިވިޔަސް އެކަމެއް ކުރާނީ އެކަމުން ގަތަރަށް ފައިދާތަކެއް ވާނަމަ. އެކަމުން ފައިދާއެއް ނުވާނަމަ، ނުވަތަ ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑުނަމަ ބޭނުންވަނީ 32 ޓީމާއެކު މުބާރާތް ބާއްވަން”ކަަމަށެވެ.

ގަތަރު ވޯލްޑް ކަޕުގައި އެ ބަދަލު ނުގެންނަން ފީފާ އިން ނިންމި އެންމެ ބޮޑު ސަބަބަކީ ކުއްލިއަކަށް ޓީމު އިތުރުކޮށްފިނަމަ އިތުރު އިންތިޒާމް ހަމަޖައްސަން ދަތިތަކެއް ކުރިމަތިވެދާނެތީ އެވެ.

ގަތަރު ވޯލްޑް ކަޕް ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނީ ގިނަ ގައުމުތަކުގެ ތާއީދާ އެކު ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމުތައް އިތުރުކުރަން ނިންމި ނިންމުމަށް އެ ގައުމުން ވެސް މަރުހަބާކިޔާ ކަަމަށާއި އެކަމަކު އެއީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަންތައްތައް އެންމެ ފުރިހަމަ އަށް އިންތިޒާމްކުރެވޭނެ ނަމަ ކަމަށެވެ.

އަދި ވޯލްޑް ކަޕް ބޭއްވުމަށް ތިން އަހަރާއި ބައިގެ މުއްދަތެއް އޮއްވައި ޓީމު އިތުރުނުކުރާނެކަން ރަސްމީކޮށް ފީފާ އިން ވެސް އިއުލާނުކުރުމުން މި މުބާރާތް މިހާރު އޮތް ފޯމެޓަށް ފުރިހަމަކަމާ އެކު ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށާނެ ކަމަށް ބުނެފައިވެ އެވެ.

މީގެ ކުރިން ފީފާއިން ބުނެފައިވަނީ ވާދަކުރާނެ ޓީމުތަކުގެ އަދަދު އިތުރުކުރޭތޯ ކަނޑައަޅާނީ އަންނަމަހުގެ ކުރީކޮޅު ފްރާންސްގެ ޕެރިހުގައި އޮންނަ ފީފާ ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ.

ވޯލްޑް ކަޕުގައި ކުޅޭ ޓީމުތަކުގެ އަދަދު އެންމެ ފުރަތަމަ24 ޓީމައަށް އިތުރުކުރީ 1982 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން 24 ޓީމު މުބާރާތުގައި ކުޅުނުއިރު މިހާރު ކުޅޭ 32 ޓީމުގެ ފޯމެޓަށް ބަދަލުކުރީ 1998 ވަނަ އަހަރު އެވެ.