English Edition
Dhivehi Edition
ފިނޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިޙު ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ: ރައީސް އޮފީސް

ފީފާ ވޯލްޑް ކަޕްގެ މެޗެއް ބައްލަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަތަރަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގައި ހުންނެވުމާއި ފަރިއްކޮޅުގެ ކަންކަން ހަމަޖައްސާނީ ގަތަރުގެ ސަރުކާރުން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ވޯލްޑްކަޕްގެ މެޗެއް ބައްލަވައިލުމަށް ވަޑައިގަތުމުގެ ދައުވަތު ޤަތަރުގެ އަމީރުގެ ފަރާތްޕުޅުން ރައީސް ސޯލިޙްއަށް އަށް ވަނީ ލިބިވަޑައިގެންފައެވެ. ރައީސްގެ މި ދަތުރުފުޅާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ރައީސްގެ އެކޮމަޑޭޝަނާއި ފަރިއްކޮޅު ހަމަޖައްސަނީ ގަތަރުން ކަމަށެވެ. އަދި މި ދަތުރުގެ ޓިކެޓު ނަގަނީ ރައީސް ސޯލިހުގެ އަމިއްލަފުޅު ޖީބުން ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

ރައީސް ގަތަރަށް ވަޑައިގަންނަވާނީ ކޮން އިރަކު ކަމެއް އަދި ކޮން މެޗަކަށް ކަމެއް ރައީސް އޮފީހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިއަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022ގައި މިހާރު ކުރިއަށްދަނީ ގުރޫޕް ސްޓޭޖުގެ މެޗުތަކެވެ. 21 ނޮވެމްބަރު ން 18 ޑިސެމްބަރުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 32 ޓީމުން ވާދަކުރާއިރު މެޗުތައް ކުރިއަށްދަނީ ގަތަރުގެ 5 ސިޓީއެއްގެ 8 ސްޓޭޑިއަމްގައެވެ.

މި މުބާރަތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 18 ޑިސެމްބަރު 2022 ވަނަ ދުވަހުއެވެ. މުބަރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 80،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް ކަމުގައިވާ ލުސައިލް ސްޓޭޑިއަމްގައެވެ.