English Edition
Dhivehi Edition

ދިވެހިރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުމަކީ އުއްމީދެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އާންމު އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓަށް ޖަވާބުދެއްވަމުން މޯދީ ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާ ދެމުދުގައި އޮތް ގާތްގުޅުމުގެ އަގުވަޒަން ކުރާ ކަމަށެވެ. އަދި ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އެކުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާކަަމަށެވެ.

އިންޑިއާގެ އާންމު އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން މިއަދު ރައީސް ސޯލިހު، މޯދީއަށް މަރުހަބާ ދަންނަވައި ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އިންޑިއާގެ އާންމު އިންތިޚާބުގައި މޯދީ ހޯއްދެވި ތާރީޚީ ކާމީޔާބަށްޓަކައި މަރުހަބާ ވިދާޅުވާ ކަމަށާއި އެ ކާމިޔާބީން އެނގިގެން ދަނީ އިންޑިއާގައި މިވަގުތު ވެރިކަންކުރަމުން އަންނަ ބީޖޭޕީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އިންޑިއާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ގާތްކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ސޯލިހުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ރައީސްގެ ޓްވީޓަށް ޖަވާބުދެއްވާ، ބޮޑުވަޒީރު މޯދީ ކުރެއްވި ޓްވީޓްގައި ވަނީ ރައީސްގެ މަރުހަބާއަށް ޝުކުރު ދަންނަވާފައެވެ. އަދި ދިވެހިރާއްޖެއާ އޮންނަ ގުޅުން އިންޑިޔާއިން ވަޒަންކުރަނީ ވަރަށްވެސް މަތީދަރަޖައެއްގައިކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ތަފާތު ދާއިރާތަކުގައި މިގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށްޓަކައި ރައީސް ސޯލިހާއި ގުޅިގެން މަސައްކަތްކުރުމަކީ އެމަނިކުފާނުގެ އުއްމީދެއްކަމަށް ވިދާޅުވިއެވެ.

އާންމު އިންތިހާބުގައި މޯދީގެ ޕާޓީ އާއި ކޯލިޝަނުން ހޯއްދެއްވި ކާމިޔާބީއަށް ރައީސް ސޯލިހުގެ އިތުރުން ދުނިޔޭގެ އެކި ލީޑަރުން މޯދީއަށް ގެންދަވަނީ މަރުހަބާއާއި ތަހުނިޔާ އަރިސްކުރަމުންނެވެ.

އިންތިޚާބުގެ ކާމިޔާބީއާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީވަނީ މުޅި އިންޑިއާ އެއްބައިވަންތަކޮށް އެކަތިގަނޑަކަށް ހައްދަވާނޭ ކަމަށް ވައުދުވެވަޑައި ގެންފައެވެ.