ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެނބުރި އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖެއަށް ކުރި މި ކާމިޔާބު ދަތުރު ނިންމުމަކަށް އަންނައިރު، ހިތުގެ އެންމެ ފުންމިނުން ރައީސް މުއިއްޒުއަށާއި، ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންގެ ފަރާތުން ލިބިގެން ދިޔަ މެހެމާންދާރީއަށް ޝުކުރު ދަންނަވާ ކަމަށެވެ.
ރާއްޖޭގެ 60ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމުގައި މޯދީ ވިދާޅުވިއެވެ. މީގެ އިތުރުން މޯދީ ވިދާޅުވީ ރައީސް މުއިއްޒުއާއެކު ކުރެވުނު އުފެއްދުންތެރި މަޝްވަރާތަކާއެކު ދެގައުމުގެ ގުޅުން އިތުރަށް ބަދެހިވެގެންދާނެކަމަށެވެ.
މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ސަރުކާރުގެ އިސްވެރިންނާއި، ސިޔާސީ ޕާޓީތަކުގެ އިސް މެންބަރުންނާއި އެކު މަޝްވަރާ ބައްދަލުވުންތައް ވަނީ ބާއްވާފައެވެ.