English Edition
Dhivehi Edition

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމްގެ ފައުންޑޭޝަނުން ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން ބާއްވަމުން އަންނަ އިޙްޔާ ޖަލްސާ މެއި މަހުގެ 21 ވަނަ ދުވަހު ނުބޭއްވީ އެއްވެސް ފަރާތަކުން އަންގައިގެން ނޫންކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެއި 21 ވަނަ ދުވަހު އެ ފައުންޑޭޝަނުން ކުރިއަށްގެންދަން ނިންމަވާފައިވާ ޖަލްސާ ނުބޭއްވުނީ އެމަނިކުފާނައް ދަތިފުޅުވެގެންކަމަށެވެ. އަދި މިމަހުގެ 29 ވަނަ ދުވަހުގެރޭ މި ޖަލްސާ ބާއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.މައުމޫން މިހެން ވިދާޅުވެފައިވާއިރު އެރޭގެ ޖަލްސާ ކެންސަލްވުމުން ރާއްޖޭގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ އެރޭގެ ޖަލްސާ ކެންސަލް ކޮށްފައިވަނީ އެގޮތަށް އަމަލު ކުރުމަށް ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފަރާތްތަކުން އެންގުމުންކަމަށެވެ. ރައީސް މައުމޫންގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދަނީ އެމްއެންޑީއެފް އިންނެވެ.

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ 30 އަހަރު ދުވަހުގައި ކޮންމެ އަހަރެއްގެ ރަމަޞާންމަހު އިޙްޔާ ފޯރަމްތައް ކުރިއަށްގެންގޮސްފައިވާއިރު، މިއަހަރު މި ޖަލްސާތައް ކުރިއަށް ގެންދަން ކުރިން ނިއްމަވާފައިވަނީ، މި މަހުގެ 14 އާއި 21 އަދި 28 ވަނަ ދުވަހުއެވެ.

މައުމޫން ފައުންޑޭޝަންގެ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖަލްސާ އޮންނަ ދުވަހުގެ ރޭގަނޑު 10 ޖަހާއިރު އިސްލާމީ މަރުކަޒުގައެވެ