ކޮޓަރިތެރެ ކިތަންމެ ރީތިވެފައި ރޮމެންޓިކް ގޮތް ހުރިނަމަވެސް އަހަރެން ލިއަމް އަކަށް އިންތިޒާރެއް ނުކުރަމެވެ. މިއީ މާމަގެ އިރުޝާދުގެ ދަށުން ކުރެވިފައިވާ ބުރަ މަސައްކަތެއްކަން އަހަންނަށް ޔަގީނާ ގާތަށް އެނގެއެވެ. ކޮޓަރި ތެރެއަށް އަޅާފައިވާ ރަތް ކުލައިގެ ފުއްޕާހަމާއި އެކި ދިމަދިމާލުގައި ބަހައްޓާފައި ހުރި މީރުވަސްދުވާ އުއްބައްތިތަކުގެ އަލިން މިތަން ކިތަންމެހައިވެސް ރީތިވެފައި ހިތްގައިމެވެ. ނަމަވެސް މިތަނުގައި ނެތީ ލޯތްބެވެ. ފޮނި އިންތިޒާރެވެ.
ލިއަމްގެ ކިންގު ސައިޒުގެ ބޮޑު އެނދުގައި ނުގޮތަކަށް އިށީނދެގެން އިނދެ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލީމެވެ. މިއީ ތޮއްޖެހިފައިވާ މާލޭގެ ހަތަރުބައިކުޅަ އެއްބައިހާ ބޮޑު ތަނެކޭ އަހަރެންގެ ހިތަށް އެރިއެވެ. މިތަނުގައި ނެތް އެއްޗެއް ނެތެވެ. ކުޑައިރު ބަލައި އުޅުނު ފިލްމުތަކުން ފެނުނު ކަހަލަ އެންމެ ފެންވަރުގެ ރީތި ހުރިހައި އެއްޗެއް އެބަހުއްޓެވެ. ބިމުގައި އަޅާފައިވާ ދޫލައާއި މަތީގައިވާ ސީލިންގ އިން ފެށިގެން މި މީހުންގެ މުއްސަނދިކަން އަންގައިދެއެވެ. އެނދުގެ ބޯލާކޮޅާ ދިމާލުގައި ހުރި ލިއަމްގެ ބޮޑު ފޮޓޯ ލޯގަނޑުން ހެކިކޮށްދެނީ މިއީ ލިއަމްގެ އަމިއްލަ ކޮޓަރި ކަމެވެ. ރީތި އަގުބޮޑު ސޫޓެއްގައި ސްޓައިލިޝް ގޮތަކަށް ހުއްޓިގެން ހުރި ލިއަމް ޒުވާންވެފައި ރީއްޗެވެ. ބައިމަތިފުޅާވެފައި ފިރިހެންވަންތައެވެ. ކޮންމެ އަންހެންކުއްޖަކުވެސް ލިއަމްފަދަ ފިރިހެނަކު ލިބުމަށް އެދޭނެއެވެ. ނަމަވެސް އޭނަގެ ނުބައިފަރާތް ހަނދާންވުމުން އަހަންނަށް ދެބުމަގޮށްޖަހާލެވުނެވެ. މިހާރީތި އިންސާނަކު އެހާ ނުބައިވީ ކީއްވެގެން ހެއްޔެވެ.
ކުއްލިއަކަށް ހަނދާންވީ މިރޭ މާމަ ދެއްކި ވާހަކަތަކެވެ.
“އަހަރެންގެ ލިއަމް އަކީ ގޯސް ކުއްޖެއް ނޫން. އޭނާގެ އެތެރެހަށީގައި އޮތީ ވަރަށް ރީތި ހިތެއް. އޭނަގެ ހަށިގަނޑުގައި ފޮރުވިފައިވާ ރީތި އިންސާނާ ނެރެދިނުމަކީ ރޫބީގެ މަސައްކަތެއް. ހަޔާތުގައި ދިމާވި ތަފާތު ގިނަ ހާދިސާތަކުގެ ސަބަބުން އޭނާ އެވަނީ ބަދަލުވެފައި. އެކަމަކު ރޫބީއަށް ލިއަމް ބަދަލުކުރެވޭނެ. އެކަން ކުރުމަށް އަހަންނަށް ވައުދުވޭ” ދުވަސްވެ ވަރުދެރަވެފައިވާ މާމަގެ ދެލޮލުން ދެތިކި ކަރުނަ ނިރާލަމުން މާމަކުރި އެ އާދޭސް އަހަރެން ގަބޫލުކުރީމެވެ. ކުރާނީ ކިހިނެއްކަމެއް ނޭނގުނު ނަމަވެސް މާމަ ބުނި ކަންތައްތައް ކޮށްދޭން ވައުދުވީމެވެ. ގަނޑުވަރެއްފަދަ މިގެއިން އިންސާނެއްގެ ސިފަ އަހަންނަށް ފެނުނީ މާމަގެ ކިބައިންނެވެ. ދެން ތިބީ މުޅިންވެސް މެޝިންތަކެވެ. މޭގައި ވިންދުޖަހާ ހިތެއް ނެތް ހަށިތަކެވެ.
ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުނު އަޑުއިވުނެވެ. ހޫރެމުން ކަހަލަ ގޮތަކަށް ކޮޓަރިއަށް ވަދެގެން އައި ލިއަމް ފެނުމުން އަހަރެން ބިރުން ރޫރޫ އަޅައިގަތެވެ. ކުރިމަތިވާން އުޅޭ ނުރައްކާ އަހަރެންގެ ސިކުނޑީގައި ރަނގަބީލުޖަހައިގަތެވެ.
“އޭ މީދަ މީހާ..އަހަރެންގެ އެނދަށް އަރައި ތިއިނީ ކީއްވެ. ހަމަ ވަގުތުން ފައިބާ” ލިއަމްގެ ހަޅޭކާއެކު ދެވަނަ ސިކުންތުގައި އަހަރެންގެ އަތުގައި ހިފާ ބިންމައްޗަށް ހޫރާލިއެވެ. ބިންމަތީގައި އަޅާފައިވަނީ މަޑު ދޫލައެއް ނަމަވެސް ބިމުގައި ޖެހުނު ގޮތުން އަހަންނަށް ވަރަށް ތަދުވިއެވެ.
“ތީ އަހަރެން ގަނެފައިވާ އަންބެއް. އަހަރެންގެ އަޅު އަންބެއް. އަހަރެން ބުނާހާ ގޮތަކަށް ކަންތައް ކުރަން ޖެހޭނެ މީހެއް. އަޑުއިވޭތަ؟” އަހަރެންގެ މޫނާ މޫނު ކާރިކޮށްލަމުން ލިއަމް ވާހަކަ ދެއްކި އިރު އަނގައިން ދުވި ނުބައި ވަހުން އަހަންނަށް ހޮޑު ނުލެވުނީ ހަމަކިރިޔާއެވެ. ޔަގީނާ ގާތަށް އަހަންނަށް ގަބޫލުކުރެވުނީ ލިއަމް އެހެރީ ރަލުގެ މަސްތުގައި ކަމެވެ. އެއީ ރާވެސް ބޯމީހެއްތާއެވެ.
“މިރޭ އަހަރެންގެ ފުށުން ކަލޭ ސަލާމަތްކޮށްދޭނެ އެއްވެސް މީހަކު ނާންނާނެ. އަހަރެން ބޭނުންކަމެއް ކަލެއަށް ކުރެވޭނެ. މިއީ ކަލޭ ކުރި ކުށަށް އަހަރެން ދޭން ބޭނުންވާ އަދަބު” އަހަރެންގެ ދެކޮލުގައި ބާރަށް ހިފަމުން ލިއަމް ބުންޏެވެ. އަހަރެންގެ އަނގައިގެ ތެރޭގައި ތިބި ހުރިހާ ދަތެއް ބިނދިގެން ލުހިގެން ދިޔަހެން އަހަންނަށް ހީވިއެވެ.
އެވަގުތު އެރޭގެ ޕާޓީން ލިއަމްއާއި ދިމާ ނުވިނަމައޭ ހިތަށް އެރިއެވެ. ކުރެވުނު ކުޑަކުޑަ ކުށަކަށްޓަކައި މުޅި އުމުރުގައި މިގޮތަށް އަގުއަދާން ކުރަން ޖެހިދާނެ ކަން ކުރިން އެނގުނު ނަމަ އެފަދަ ކަމެއް ނުކުރީމުހެވެ.
ކައިވެނީގެ ފުރަތަމަ ރޭ އަހަންނަށް އިހުސާސްކުރެވުނީ ވަލުޖަނަވާރެއްގެ ކިބައިން ޝިކާރަކުރެވިގެން ދިޔަ ނިކަމެތި އިންސާނެއްގެ ގޮތުގައެވެ. ކުޑައިރުއްސުރެން ފެށިގެން އަހަރެން ދެކެމުން އައި ހުރިހާ ހުވަފެންތަކެއް ހިނދުކޮޅެއްގެ ތެރޭގައި ލިއަމްގެ ވަކިތަކުން ވަޔަށް ބުރުވާލީއެވެ. ރަހުމްކުޑަ ފިރިއެއްގެ ބިރުވެރި އަތުގެ ތެރޭގައި ހަލާކުވެގެން ދިޔައިރު އުފް އޭ ވެސް ބުނާކަށް އަހަންނަކަށް ހިތްވަރެއް ނުލިބުނެވެ. އިންސާނުން ނުބައިވިޔަސް މިހާވަރަށް ނުބައިވެދާނެއެކޭ އަހަރެންގެ ހިތަކަށް ދުވަހަކުވެސް އަރާފައެއްނުވެއެވެ. އެއް ނަރަކައިން ސަލާމަތް ވެގެން އަނެއް ނަރަކައަކަށް އާދެވުނީއޭ އަހަރެންގެ ހިތް ބުނަމުން ދިޔައެވެ.
ލިއަމް ބޭނުންހާ ކަމެއް ކުރުމަށްފަހު އަހަންނާ ދުރަށް ދަމުން ދެރަ ނިކަމެތި އެއްޗެއްގައި ފައިން ޖަހާހެން ބިންމަތީގައި އޮތް އަހަރެންގެ ހަށިގަނޑުގައި ފައިން ޖަހާލިއެވެ.
“މިގޭގައި އުޅެވޭނީ ވަރަށް ގިނަ ގަވާއިދުތަކަކާއެކީގައި. އަބަދުވެސް ހަނދާންކުރަންޖެހޭނެ ތިއީ އަހަރެން ގަނެފައި އިން އަޅެއްކަން. އެކަމަކު އެއްވެސް މީހެއްގެ ގާތު އެހެން ބުނުމުގެ ހުއްދައެއް ކަލެއަކަށް ނޯންނާނެ. އަހަރެން ކަލެއާދޭތެރޭގައި ކަންތައްތައް ކުރާގޮތް އެއްވެސް މީހަކަށް ކިޔައިދީގެން ނުވާނެ. ކަލޭގެ ގާތްތިމާގެ މީހަކާ އަދި ރަހުމަތްތެރިއަކާވެސް ބައްދަލުކޮށްގެން ނުވާނެ. އަހަރެން ބުނާ ހުރިހާ ކަމެއް ބުނާގޮތަކަށް ކޮށްދޭން ޖެހޭނެ.” އަހަރެންގެ އިސްތަށިގަނޑުގައި ހިފައި ކުއްލިއެއް ޖަހަމުން ލިއަމް ބުންޏެވެ.
ލިއަމްގެ އެއަނިޔާވެރިކަމަށް ކެތް ކުރި ނަމަވެސް އަހަރެންގެ އެންމެ ގާތް އެކުވެރި ސަމަން އާއި ބައްދަލުނުކުރެވޭނެ ކަން ހިތަށް އެރުމުން އަހަރެންގެ ހަށިގަނޑު ރޫރޫ އަޅައިގަތެވެ. މި ދުނިޔާގައި ސަމަން ފިޔަވައި އަހަންނަށް ހެޔޮ އެދޭ އެއްވެސް މީހަކު ނެތްކަން އަހަންނަށް އެނގެއެވެ. ކުޑައިރުއްސުރެން ފެށިގެން އެއީ އަހަރެންގެ އުފަލާއި ހިތާމައިގެ ބައިވެރިޔާއެވެ. ސަމަންގެ އޯގާތެރި ބަސްތަކުން އަހަރެންގެ ދިރިހުރުމުގެ އުއްމީދު އާކޮށްދެއެވެ. އެހެނަސް ދެން އެކަންވެސް ނެތި ދިޔައީއެވެ.!…
ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް އެތެރެއަށް ދިރުވާލެވޭތޯ މަސައްކަތް ކުރަމުން ބިންމަތިން ތެދުވެވޭތޯ ބެލީމެވެ. އޭރު ހަށިގަނޑުގައި ނުރިއްސާ އެންމެ ކަށިކޮޅެއްވެސް ނެތެވެ.
ފާޑަކަށް ދެމެމުން ކޫއްތެމުން ކަހަލަގޮތަކަށް ގޮސް އަހަރެން ފާޚާނާއަށް ވަނީމެވެ. އަދި ހޫނު ފެނުން ހަށިގަނޑަށް ކުޑަނަމަވެސް އަރާމެއް ލިބޭތޯ މަސައްކަތް ކުރީމެވެ.
ފެން އިސްކުރުން ގަޔަށް އޮހެމެން ދިޔަ ފެނުގެ ސަބަބުން ލުއިކަމެއް ލިބިގެން ދިޔައެވެ. އަހަރެން ހަމަޖެހިލައިގެން ބިންމަތީގައި އިށީނދެ އިދެ ގަޔަށް އިސްކުރުން ބޭނުންވަރަކަށް އަހަރެންގެ ހަށިގަނޑަށް ފެން އަޅަން ދޫކޮށްލީމެވެ. އަދި މަޑުމަޑުން ފާރުގައި ލެނގިލައި ދެލޯ މަރާލީމެވެ. އެވަގުތު އަހަރެންގެ ކުރިމަތީގައި ސިފަވެގެން ދިޔައީ ލިއަމްގެ މޫނެވެ. ބިރުވެރި ގޮތަކަށް ހިނިތުންވެލައިގެން ހުރި ލިއަމްއެވެ. ކައިވެނީގެ މުޅި ހަފްލާގެ ތެރޭގައި ވެސް ލިއަމް އަހަންނާ ދިމާއަށް ކަޅި އެޅި ގޮތެވެ. އޭނަގެ ތުންފަތްމަތީގައި ހުރި ނުބައި ހިނިތުންވުމެވެ. އަހަރެންގެ އަތުގައި ހިފާއިރު ތަދުވެ ކަށިގަނޑު ބިންދައިގެން ދާވަރުކުރި ހަނދާނެވެ. އެވަގުތުތަކުގައި ވެސް އަހަންނަށް ޖެހުނީ ހިނިތުން ވެގެން ހުންނާށެވެ. ނޫސްވެރިންނާއި ފޮޓޯ ގްރާފަރުންނަށް އަހަރެންގެ އުފާވެރި މޫނު ދައްކާށެވެ. އެއީ ލިއަމް އަންގާފައި އޮތް ގޮތެވެ.
މޫނުގައި އަތް އަޅައިގެން އިނދެ އަހަރެން ގިސްލަމުން ދިޔައީއެވެ. ވަކިވެގެން ގޮސްފައިވާ މަންމައާއި ބައްޕަގެ މަތިން ހަނދާންކޮށް ކަރުނަ އެޅީމެވެ. މިއަދު އެމީހުން ދުނިޔޭގައި ތިބިނަމަ އަހަންނަށް މިހާލެއް ނުޖެހުނީހެވެ. މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓެއްގައި މަންމައާއި ބައްޕަ ވަކިވެ ނުދިޔަނަމައެވެ!
އެއީ ހިތާމަވެރި ދުވަހެކެވެ. އަހަރެންގެ 16 ވަނަ އުފަން ދުވަހެވެ. ސްކޫލުން ނިމިގެން އަންނަންވާއިރަށް އަހަންނަށް ސަޕްރައިޒް ތައްޔާރުކޮށްފައި ހުންނާނެކަން އަހަންނަށް އެނގެއެވެ. އެއީ އަބަދުވެސް މަންމައާއި ބައްޕަ ކުރާކަމަކަށް ވީތީއެވެ. އަހަންނަކީ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅަށް ވީތީ ދުނިޔޭގެ ހުރިހައި އުފަލެއް އަހަންނަށް ހޯދައިދޭން އެމީހުން މަަސައްކަތް ކުރާކަން އަހަންނަށް އެނގެއެވެ. އެކަމަށްޓަކައި އަހަރެން އިންތިހާދަރަޖައަށް އެދެމީހުން ދެކެ ލޯބިވަމެވެ. ބައްޕަ އަކީ މާލޭގެ އެންމެ މުއްސަނދި ވިޔަފާރިވެރިންގެ ލިސްޓުގައި ނުހިމެނުނު ކަމުގައި ވިޔަސް މުއްސަންޖެކެވެ. މާލެއަށް ބަލައި ބޮޑު ގެއަކާއި ދުއްވާނެ އަމިއްލަ ކާރުފަދަ ތަކެތި ހުރެއެވެ. ޗުއްޓީތަކުގައި ބޭރުގެ އެކިއެކި ގައުމުތަކަށް ދަތުރު ކޮށްލެވެއެވެ. އާއިލާ ކިތަންމެ ކުޑަނަމަވެސް އަހަރެމެންގެ އާއިލާއަކީ އުފާވެރި އާއިލާއެކެވެ.
ގޭގެ ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު އަހަރެން ހައިރާންވިއެވެ. މީހުންގަނޑުގެ ގިނަކަމުންނެވެ. އަނެއްކާ މިއީ އަހަރެންގެ އުފަންދުވަހުގެ ޕާޓީއަށް މަންމަމެން ދައުވަތު ދިން މީހުން ނޫންބާވައޭ އަހަރެންގެ ހިތަށް އެރިއެވެ….!
(ނުނިމޭ)