ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ކުށް ސާބިތު ވުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި 15 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލް ކޮށްފިއެވެ.
މިއަދު ހައިކޯޓުންނިންމި ނިންމުމުގައި ބުނެފައި ވަނީ ސިޔާސީ ފަރާތްތަކަށް ކުރި ޓެރަރިޒަމްގެ ދައުވާތަކަކީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން ގާނޫނު އަސާސީއާ ހިލާފަށް ހިންގާފައިވާ ޝަރީއަތްތަކެއްކަން ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރުން އެނގެން އޮތުމާއެކު އަދީބުގެ މައްސަލަވެސް އޭގެ ތެރޭގައި ހިމެނޭތީ، އެ މައްސަލަ އަލުން ބެލުމުގެ އިހްތިމާލު އޮތް ކަމަށެވެ. އެހެންކަމުން ކުރިން އަދީބުގެ މައްޗަށް ކޮށްފައިވާ ޙުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުންވަނީ ކްރިމިނަލް ކޯޓަށް އަމުރު ކޮށްފައެވެ.
މީގެ އިތުރުން ހައި ކޯޓުގެ ނިންމުމުގައިވަނީ އަދީބު 15 ދުވަހަށް ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބަޔާންކޮށްފައިވާފަދަ ރިމާންޑް ޖަލެއްގައި ބަންދުކުރުމަށާއި މި 15 ދުވަހުގެ ތެރޭގައި އަދީބުގެ ބަންދާމެދު އިތުރަށް ގޮތެއް ކަނޑައަޅަން ކްރިމިނަލް ކޯޓުގައި ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނަރަލްއަށް ފުރުސަތެއް ދިނުމަށެވެ.
އަދީބުގެ އިތުރުން އެ މައްސަލާގައި އޭނާގެ ދެ ބޮޑީގާޑުންގެ މައްޗަށް އިއްވި ޖަލު ހުކުމް ވެސް ހައިކޯޓުންވަނީ ބާތިލް ކޮށްފައެވެ.