ސައޫދީ އަރަބިއްޔާ އިން މި އަހަރު ބަހަން ދިން ކަދުރުގެ ތެރެއިން އައްޑޫ ރައްޔިތުންނަށް ލިބުނީ 2،675 ކަދުރު ޕެކެޓު ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ކަދުރު ބަހާނީ އެ ގޭބިސީއެއްގެ ސައްހަކަން އަންގައިދޭ ލިޔުމެއް ގެންދިއުމުން އޭގެ ސައްހަކަން ބެލުމަށް ފަހު ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
އައްޑޫގެ އަވަށްތަކުގައި ކަދުރު ބެހުން ކުރިއަށް ގެންދާނީ އަވަށު އޮފީސްތަކުގަ އެވެ.
ކަދުރުތައް ބަހަން ފަށާނީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. ކޮންމެ ގެ އަކަށް އެއް ޕެކެޓުގެ މަގުން ކަދުރު ބަހަން ނިންމާފައިވާ އިރު އައްޑޫގެ ގޭބިސީތަކުގެ އަދަދަކީ 5،346 އެވެ.
ކައުންސިލުން ބުނިގޮތުގައި، ކަދުރު ބެހުމުގައި އިސްކަންދޭނީ ފަގީރުންގެ ދަފުތަރުގައި މިދިޔަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ގޭބިސީތަކަށެވެ. ފަގީރުންގެ ގޮތުގައި، އައްޑޫގައި މިދިޔަ އަހަރު 1،439 މީހުން ރަޖިސްޓަރީ ކޮށްފައި ވެ އެވެ.
ރާއްޖެ އަށް ސައޫދީން ހަދިޔާކުރި 50 ޓަނުގެ ކަދުރުން މާލޭގެ ރައްޔިތުންނަށް ބަހާފައި ވަނީ 4،268 ކަދުރު ޕެކެޓުއެވެ.މާލޭގައި ފަގީރުންގެ ދަފުތަރުގައި ރަޖިސްޓަރީ ކޮށްފައި ވަނީ 3،300 މީހުންނެވެ.