English Edition
Dhivehi Edition

ސްޓާ ޕްލަސް އިން ދައްކާ މަޝްހޫރު ސިލްސިލާ ‘ކަސޯޓީ ޒިންދަގީ ކޭ’ގައި ޕްރޭނާގެ ރޯލުން ފެނިގެންދާ އެރިކާ ފެނަންޑޭޒް ސިލްސިލާ ހުއްޓާލަން އުޅޭ ކަމުގެ ހަބަރުތައް ފެތުރިއްޖެއެވެ.

ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ ކަސޯޓީގައި ކޮމޮލިކާގެ ރޯލް ކުޅޭ ބަތަލާ ހީނާ ހާން ވެސް މި ސިލްސިލާ ހުއްޓާލާފައިވާއިރު އެރިކާ މި ޑްރާމާއިން ގެއްލެން އުޅޭ ހަބަރާއެކު ގިނަ ބަޔަކު ވަނީ މާޔޫސްވެފައެވެ. ރަސްމީ ގޮތުން އެރިކާ މި ޑްރާމާ ހުއްޓާލަން އުޅޭކަމަށް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައި ނުވާއިރު މިކަމާއި ގުޅިގެން އެރިކާ އާއި ސުވާލުކުރުމުން އެއްވެސް ކޮމެންޓެއް ދޭން އަދި ބޭނުންނުވާކަަމަށް އޭނާވަނީ ބުނެފައެވެ. އެހެންނަމަވެސް މި ޑްރާމާގެ ސެޓުގައި މަސައްކަތްކުރާ މީހަކު ބުނީ އެރިކާގެ ރޯލަށް އެހެން މީހަކު ގެނެއުމަށްޓަކައި ވާހަކައަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ލިޔުންތެރިޔާ މިހާރު ކުރަމުންދާކަމަށެވެ.

‘ކާންސް ފިލްމު ފެސްޓިވަލް’ އަށް ދިއުމުގެ ކުރިން ޙިނާ ހާން މި ޑްރާމާގައި އޭނާ ފެނިގެންދާނެ އެންމެ ފަހު މަންޒަރުތައް ޝޫޓްކޮށްފައިވާއިރު ޑްރާމާގެ ޓީމުންވަނީ އޭނާއަށް އަލްވަދާއު ކިޔުމަށް ހަފްލާއެއްވެސް ބާއްވާފައެެވެ. 2018 ވަނަ އަހަރު ސެޕްޓެމްބަރު މަހު ފެށި މި ޑްރާމާއަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނައިރު ފާއިތުވި ދުވަސްތަކުގައި މި ޑްރާމާ އޮތީ ޓީއާރްޕީ ޗާޓްގެ އެއްވަނައިގައެވެ.

ޕްރޭނާގެ ރޯލުން ފެނިގެންދާ އެރިކާއަކީ ހިންދީ ތަމަޅަ އަދި ތެލަގޫ ފިލްމަތަކުން މަޝްހޫރުކަން ހޯދާފައިވާ އަދި ސޮނީ ޓީވީން ކާމިޔާބު ކަމާއެކު ދެއްކި ކުޗް ރަންގް ޕިޔާރްކޭ އެއިސޭ ބިހޭ އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރިއެވެ. މި ޑްރާމާގައި ޕްރޭނާގެ ރޯލު ވަރަށް ފުރިހަމައަށް އަދާކުރަމުން އަންނަ އެރިކާ މި ޑްރާމާ ހުއްޓާލައިފިނަމަ ދެން ވާނެ ގޮތަކާއި މެދު ގިނަ ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ.