އައްޑޫގެ ސިއްހީ ދާއިރާ އަށް ފާހަގަ ކުރެވޭ ފަދަ ބޮޑެތި ބަދަލުތަކެއް އައުމަށް މެދުވެރިވި އެއްސަބަބަކަށް އެފްއެންޑްސީ މެޑިކެއާ ވެގެންދާނެކަމީ އައްޑޫގެ ރައްޔިތުން ގަބޫލު ކުރާނެ ޙަގީގަތެކެވެ.
ވަކިން ޚާއްޞަކޮށް މަޝްހޫރު ރޭޑިއޮލޮޖިސްޓް ޑރ އިބްރާހި ރަޝީދުގެ ޚިދުމަަަތާއި ރާއްޖޭގެ ނަން މަޝްހޫރު ދިވެހި ޑޮކްޓަރުންގެ ޚިދުމަތް އަމިއްލަ ރަށުގައި ތިބެގެންވެސް ލިބެމުންދާކަމީ އައްޑޫގެ ގިނަ ބަޔަކު އެކަމަކަށްޓަކައި އުފާކުރާ ކަމެކެވެ. މީގެ އިތުރުން އައްޑޫގައި އެންމެ ފުރަތަމަ ފަހަރަށް، ހިތުގެ ބަލިމީހުންނަށް ހަދާ “އީކޯ” ގެ ޚިދުމަތް ވެސް ފަށާފައި މިވަނީ އެފްއެންޑްސީންނެވެ.
އެފްއެންޑްސީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި 1989 ގައި އުފެއްދި ކުންފުންނިން މިހާތަނަށް އައްޑޫގެ ރައްޔިތުންނަށް ވަނީ ތަފާތުގިނަ ޚިދުމަތްތަކެއް ފޯރުކޮށް ދީފަ އެވެ. ޕޯސްޓްގެ ޚިދުމަތާއި އިންޓަނެޓްގެ ޚިދުމަތް އެހާ އާންމު ނޫން ދުވަސްވަރު ވެސް ރަށުން ބޭރުގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ އާއިލާއަށް ފައިސާއާއި އެނޫންވެސް ތަކެތި ފޮނުވައި ދިނުމުގައި އެފްއެންސީ ވަނީ މުހިއްމު ދައުރެއް އަދާކޮށް ދީފަ އެވެ.
އަމިއްލަ އަތޮޅާއި ރަށަށް ޚިދުމަތް ކޮށްދިނުމުގެ އަޒުމުގައި 2002 ވަނަ އަހަރު، މަރަދޫފޭދޫގައި “އެފްއެންސީ މެޑިކެއާ” ގެ ނަމުގައި ސިއްހީ ޚިދުމަތް ފަށައިގަތް މި ކްލިނިކުން 2003 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ނަން މަޝްހޫރުގިނަ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް، އަމިއްލަ ރަށުގައި ތިބެގެން ދެއްކޭނެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފަ އެވެ.
“މަދަނަ”އަދި “އާސަންދަ” ނެތް ދުވަސްވަރުން ފެށިގެންވެސް ރައްޔިތުންނަށް އަތްފޯރާފަށުގައި ދެމުންދިޔަ މި ޚިދުމަތް އާސަންދައިގެ ދަށުން ރައްޔިތުންނަށް ލިބޭނެ ގޮތް އެފްއެންޑްސީން މިހާރު ވަނީ ހަމަޖައްސައި ދީފަ އެވެ.
“އަޅުގަނޑުމެން ބެލީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ސަޕޯޓް ނުދެވެނީ ކޮންކޮން ޚިދުމަތެއްތޯ. މިސާލަކަށް ރޭޑިއޮލޮޖީ އާއި ސްކޭންގެ ޚިދުމަތް. ދެން ވަކި ގަވައިދަކުން އެފްއެންޑްސީން އެ ޚިދުމަތްދޭންފެށީ. މީގެ އިތުރުން ސްޕެޝަލިސްޓުން ވެސް ކުލިނިކަށް ގެނެވޭތޯ މަސައްކަތް ފެށީ. 2008 ވަނަ އަހަރުން ފެށިގެން ރެގިއުލާކޮށް ކޮންމެ މަހަކު 4 ފަހަރު ޑޮކްޓަރުން ގެނެވޭތޯ މަސައްކަތް ކުރަމުން މިދަނީ،” އެފްއެންޑްސީގެ ޑިރެކްޓަރު ޑރ އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
ވަރަށް ފަހުން މާލެ ގޮސް ޑރ ޝާންގެ އެޕޮއިންޓްމެންޓެއް ނުލިބިގެން އެއްމަސްދުވަސް މާލޭގައި ހޭދަކުރުމަށްފަހު އެނބުރި ރަށަަށް އައި ހިތަދޫ މީހަކު ބުނީ އެފްއެންޑްސީން ޑރ ޝާނަށް ދެއްކޭނެ ފުރުސަތު ވަރަށް ފަސޭހައިން ލިބުނު ކަމަށެވެ.
“ރަށުން ފުރުސަތު ލިބެން ހުއްޓާ މާލެ ދިއުމުގެ ބޭނުމެއް ނެތްކަން ނޭނގެ. މާލޭގެ ނަން މަޝްހޫރު ޑޮކްޓަރުންނަށް އެފްއެންޑްސީން ފަސޭހައިން އެޕޮއިންޓްމަންޓް ލިބޭ.” އެ މީހާ ބުންޏެވެ.
މާބަނޑު މީހުންގެ ހުރިހާ ސްކޭންތަކެއް މިހާރު އެފްއެންޑްސީން ކޮށްދެމުން ދަނީ މުޅިން ހިލެ އެވެ.
“މާބަނޑު މީހުން އެންމެ ބޮޑަށް ވޭން ތަހައްމަލު ކުރަން ޖެހެނީ. މާބަނޑު ދުވަސްވަރު ރަނގަޅަށް ނުބެލިއްޖެ ނަމަ މަންމައާއި ކުޑަ ދަރިފުޅަށް ހީވެސް ނުކުރާހާ ބޮޑެތި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ. މާބަނޑު ދުވަސްވަރު ވަރަށް ގިނަގިނައިން ސްކޭންކޮށް ބަލާ ހަދަން ޖެހޭ. އެފަދަ ބޮޑު ޚަރަދެއް ކުރާ ވަރަކަށް ގިނަ މީހުން އަތުގައި ފައިސާ ނުހުރެދާނެ. އެހެންވީމާ ޚިދުމަތް ބޭނުން ވިޔަސް ނުކުރެވިފައި ތިބެނީ. މިހުރިހާ ކަމަކަށް ބަލާފައި މާބަނޑު މީހުންގެ ސްކޭންތައް މުޅިން ހިލޭ ކޮށްދޭ ގޮތަށް ނިންމީ،” ރަޝީދު ވިދާޅުވި އެވެ.
މަރަދޫ ފޭދޫގައި ހުޅުވި ކްލިނިކްގެ އިތުރުން 2013 ވަނަ އަހަރުން ފެށިގެން އެފްއެންޑްސީގެ ކްލިނިކެއް ހިތަދޫގައި ވެސް ވަނީ ހުޅުވައިފަ އެވެ.
ސަބަބެއް ކަމަށް ރަޝީދު ވިދާޅުވީ މަރަދޫފޭދޫގައި ހުންނަ ކްލިނިކުން ފަރުވާ ހޯދުމަށް އަންނަ މީހުންގެ ބޮޑު އިންސައްތައަކީ ހިތަދޫގެ މީހުންކަމަށް ވާއިރު ޓެކްސީން ދަތުރުކޮށްފައި މަރަދޫފޭދޫއަށް އަންނަން ޖެހުމުން އެ ކުރަން ޖެހޭ ޚަރަދު ލުއިކުރުމުގެ ގޮތުން ކަމަށެވެ.
ނިމިގެން ދިޔަ 2015 ވަނަ އަހަރުގެ ފަހުކޮޅުގައި އެފްއެންސީން ވަނީ އައްޑޫގައި ފުރަތަމަ ފަހަރަށް އީކޯގެ ޚިދުމަތް ފަށާފައެވެ. ޚާއްޞަ ކާޑިއޮލޮޖިސްޓެއްގެ ބެލުމުގެ ދަށުން އީކޯ އާއި އީސީޖީ ގެ ޚިދުމަތް ފަށާފައިވާއިރު ގިނަ ބަޔަކު އެކްލިނިކުން ޚިދުމަތް ލިބިގަންނަ ކަމަށް އެފަރާތުން ބުނެއެވެ.
“އެފްއެންޑްސީގެ ހެލްތް ކެއަރ ސިސްޓަމް ތެރެއަށް ވަދެގެން ފަރުވާ ހޯދާ މާބަނޑު މީހުންގެ ބަނޑުގައިވާ ދަރިފުޅުގެ ބޭރުފުށުން ފެންނަން ހުރެދާނެ އައިބެއް، ނުވަތަ އެތެރެހަށީގެ ގުނަވަންތައް، ޚާއްޞަކޮށް ހިތާއި ކިޑްނީގެ ނުވަތަ ގޮހޮރުގެ އަދި ސިކުނޑީގެ ނުވަތަ މޫނުމަތީގެ އައިބުތައް ވެސް ދެނެގަނެވި އެކަމުގެ މައުލޫމާތު ދުރާލާ ޑޮކްޓަރުންނަށާއި އާއިލާއަށް އަންގައި ދިނުމުން އެކަމަކަށް އެކަށީގެންވާ ފަރުވާާ ހޯދުމަށް ރާއްޖެއިން ބޭރަށް ގޮސްގެން ނަަމަވެސް ފަރުވާ ހޯދުމުގެ މަގުފަހިކޮށްދެވޭ. މިއީ އަޅުގަނޑު ކުރާ މަސައްކަތުން އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ،” ޑރ ރަޝީދު ވިދާޅުވި އެވެ.
އެފްއެންޑްސީގެ އިމާރާތް ބޮޑުކޮށް އާ އިމާރާތެއް މަރަދޫފޭދޫގައި ހުޅުވުމަށް މަސައްކަތް ކުރަމުން ދާާއިރު 3 ބުރީގެ މި އިމާރާތުގައި ރޭޑިއޮލޮޖީގެ ޚިދުމަތާއެކު ސީޓީސްކޭންގެ ޚިދުމަތް ވެސް ދެވޭނެ ގޮތް ވުމަކީ ކުރަމުންގެންދާ އެންމެ ބޮޑު އުއްމީދު ކަމަށް ޑރ. ރަޝީދު ވިދާޅުވި އެވެ.
އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ސްޕެޝަލިސްޓް ދިވެހި ޑޮކްޓަރުންގެ ޚިދުމަތް ހަފްތާ ބަންދުގައި އައްޑޫގައި ތިބެގެން ލިބޭނެ ގޮތް އެފްއެންޑްސީން ހަމަޖައްސައިދެމުންދާއިރު ބައެއް ފަހަރު އެއްވެސް ފީ އަކާ ނުލައި މުޅިން ހިލޭ އެޚިދުމަތްތައް ލިބޭނެ ގޮތްތައްވެސް އެކުލިނިކުން ގެންދަނީ ހަމަޖައްސަމުންނެވެ.
އައްޑޫގެ ސިއްހީ ދާއިރާއަށް ގިނަ ކުރިއެރުންތަކެއް ހޯދައިދީ އަދި މީގެ އިތުރުން ރީޖަނަލް ހޮސްޕިޓަލުން ވެސް، އެފްއެންޑްސީގެ ޚިދުމަތަކަށް އެދިއްޖެ ހާލަތެއްގައި އެއްބާރުލުން ދެމުންގެންދާ ކަމަށްޓަކައި އެފްއެންޑްސީ އަށް އައްޑޫގެ ރައްޔިތުން ޝުކުރުވެރިވެ އެވެ.