English Edition
Dhivehi Edition

މައްކާގެ އެންމެ ފުރަތަމަ ފޮޓޯތަކާއި އޭރު އެ އަވަށުގެ ދިރިއުޅުން ފެންނަ ފޮޓޯތަކެއް ހިމެނޭ ދެ ފޮޓޯފޮތެއް ރެކޯޑް އަގެއްގައި ވިއްކާލައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު ދުނިޔޭގެ އެންމެ ބޮޑު އާޓް ޑީލިން ކުންފުނި ސޮދަބީސް އިން ބޭއްވި ނީލަން ކިއުމުގައި ،ހާގްރޮންޖެގެ އަމިއްލަ ދެ ފޮޓޯފޮތް ކަމަށްވާ “މެއްކާ” އަދި “ބިލްޑާ އޮސް މެއްކާ” ވިއްކާލާފައިވަނީ 270256.44 އެމެރިކާ ޑޮލަރަށެވެ.

އެ ދެ ފޮޓޯފޮތަކީ އިރުމަތީ އޭޝިއާގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ތާރީޚާއި ސަގާފަތާއި ބަހުރުވަ ދިރާސާކުރި ނެދަލޭންޑްސްގެ އޮރިއެންޓަލިސްޓެއް ކަމަށްވާ ކްރިސްޓިއާން ސްނޮކް ހާގްރޮންޖެ ނަގާފައިވާ ފޮޓޯތަކެކެވެ.

އަށާރަ ވަނަ ގަރުނުގެ މެދުތެރޭގައި މައްކާ އޮތް ގޮތް ދައްކުވައިދޭ އެ ފޮޓޯތަކުގައި ދުނިޔޭގެ އިސްލާމީ ގައުމުތަކުން އޭރު މައްކާއަށް އަޅުކަމަށް އައިސް އުޅުނު ގޮތުގެ ފޮޓޯތަކާއި އޭރު މައްކާގެ ރައްޔިތުންގެ ދުވަހުގެ ދިރިއުޅުމުގެ ވައްޓަފާޅި ފެނިގެންދެއެވެ.

ހާގްރޮންޖެއާ ގުޅޭގޮތުން ލިޔުންތެރިޔާ ފިލިޕް ޑްރޯގެ ލިޔުއްވާފައިވާ ފޮތް “ޕެލްގުރިމް”ގައި ބުނެފައިވާ ގޮތުން، ހާގްރޮންޖެއަކީ އިސްލާމްދީނުގެ ކަންކަން ރަނގަޅަށް ދަންނަ އެ ދާއިރާއިން ޕީއެޗްޑީއަށް ތައުލީމް ހާސިލްކޮށްގެން ހުރި މީހެކެވެ.

އޭނާ ސައުދީ އަރަބިއްޔާއަށް ދަތުރުކުރީ އޭރު ޑަޗް އީސްޓް އިންޑީސްގައި އުޅޭ މުސްލިމުންގެ މެދުގައި ހައްދުފަހަނައަޅާ ދިއުމާ ގުޅިގެން އެކަން ދިރާސާ ކުރުމަށެވެ.

ބައެއް ލިޔުންތަކުގައި ބުނެވޭ ގޮތުގައި، ނެދަލެންޑްސް ސަރުކާރުން ހާގްރޮންޖެ މައްކާއަށް ފޮނުވީ އޭރު ޑަޗް އީސްޓް އިންޑީސްގައި އޮންނަ ގައުމުތަކުން މައްކާއަށް އަޅުކަމަށްދާ މީހުން މައްކާއަށް ގޮސް ކުރާ ކަންކަން ބަލައި ޖާސޫސް ކުރުމަށެވެ.

އެގޮތުން ޑްރޯގް ވިދާޅުވެފައިވަނީ، ހާގްރޮންޖެ މައްކާއަށް ވަދެފައިވަނީ އިމާމެއް ކައިރީގައި އޭނާއަކީ އިސްލާމްދީން ގަބޫލުކޮށްގެން އުޅޭ މީހެއް ކަމަށް ބުނެ އޮޅުވާލައިގެންނެވެ. އަދި އިސްލާމެއްކަމަށް ދެއްކުމަށް އޭނާ ހިތާނުކޮށް، އެހެން މުސްލިމު ފިރިހެނުންނެކޭ އެއްގޮތަށް ޖާރިއާއެއް ވެސް ގެންގުޅުނު ކަމަށް އެ ފޮތުގައި ބުނެފައިވެއެވެ. އެގޮތުން މައްކާއަށް ވަދެ އެ އަވަށުގައި 1884 އަކުން 1885 ވަނަ އަހަރަށް ހާގްރޮންޖެ އުޅުނީ ވެސް އަބްދު އަލް ގައްފާރުގެ ނަމަށް ނަން ބަދަލުކޮށްގެންނެވެ.

ނަމަވެސް ނެދަލެންޑްސް އާއި ސައުދީއާ ޖެހުނު މައްސަލައެއްގައި އޭނާ އެނބުރި ނެދަލެންޑްސްއަށް ދިޔަ ކަމަށްވެއެވެ. މީނާއަކީ 1880 އަހަރުތަކުގައި މައްކާއަށް ވަނުމުގެ ހުއްދަ ލިބުނު ފުރަތަމަ ބިދޭސީމީހާވެސް މެއެވެ.