އިތުރު ޙަރަކާތްތަކޭ މިދަންނަވަނީ، ޤައުމީ މުޤައްރަރުގައި ހިމެނޭ ބައިތައް ޙާޞިލު ކޮށްދިނުމަށްޓަކައި ސްކޫލުގެ ރަސްމީ ކިޔަވައި ދިނުމުގެ ބައިގައި ހިމެނޭ ބައިތަކުގެ އިތުރުން ، ސްކޫލް ތަކުން ހިންގާ އެހެނިހެން ޙަރަކާތް ތަކަށެވެ.
އިތުރު ޙަރަކާތް ތަކުގެ ގޮތުގައި ސްކޫލް ތަކުގައި ތަފާތު ޙަރަކާތްތައް ހިންގާ ތަފާތު މުބާރާތްތައް ބާއްވައެވެ. އޭގެ ތެރޭގައި ކުޅިވަރު މުބާރާތް ތަކާއި ސްކޫލް ތަކުގެ އިނގިރޭސި އަދި ދިވެހި ކުލަބުން ޢާއްމުކޮށް ބާއްވާ އިނގިރޭސި އަދި ދިވެހި އަދަބީ ޙަރަކާތް ތަކާއި އިސްލާމް ކުލަބުން ހިންގާ ޙަރަކާތް ތަކާއި ފެތުމުގެ މުބާރާތް ތަކާއި ގައުމީ އަދި ސިޓީ ފެންވަރުގައި ހިންގޭ ޙަރަކާތް ތަކާއި މުބާރާތް ތަކާއި ވޯކްޝޮޕް ތަކާއި އަދި އެހެނިހެން މުނާސަބާތައް ފާހަގަ ކުރުމަށް ހިންގޭ ޙަރަކާތްތައް ހިމެނެ އެވެ.
މީގެ އިތުރުން ކެޑޭޓާއި ބޭންޑު އަދި ގައިޑާއި ސްކައުޓު ޙަރަކާތް ތަކަކީވެސް ސްކޫލު ތަކުގައި އިތުރު ޙަރަކާތް ތަކުގެ ގޮތުގައި ހިންގޭ ޙަރަކާތް ތަކެވެ.
މިދެންނެވި ފަދަ ކޮންމެ މުބާރާތެއްވެސް އަދި ކޮންމެ ޙަރަކާތެއްވެސް ހިންގަން ހަމަޖެހުމުން، އެ މުބާރާތެއް ކުރިއަށް ގެންދަވަނީ މުދައްރިސުން ނެވެ. މުބާރާތް ތަކުގައި ބައިވެރި ވަނީ ދަރިވަރުން ނެވެ. ދަރިވަރުން މުބާރާތް ތަކަށް ނުވަތަ އެ ޙަރަކާ ތަކަށް ބޭނުންވާ އެހެނިހެން ކަންކަން ފަހިކޮށް ދެއްވަނީ ބެލެނިވެރިން ނެވެ.
އެހެންވީމާ ސްކޫލް ތަކުގައި ހިންގާ އިތުރު ޙަރަކާތް ތަކުގައި އެންމެ ބޮޑަށް ޢަމަލީ ގޮތުން ޝާމިލުވާ ފަރާތް ތަކަކީ މުދައްރިސުންނާއި ދަރިވަރުންނާއި ބެލެނިވެރިން ނެވެ. ބައެއް ފަހަރަށް ސްކޫލުގެ ވެރިޔާގެގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅަކު ޢަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންނެވި ކަމުގައިވިޔަސް ނުވަތަ ޑެޕިއުޓީ ޕްރިންސިޕަލާއި ލީޑިން ޓީޗަރުން އުޅުއްވިއަސް ޢާއްމު ގޮތެއްގައި އެކުޓިވިޓީ ތަކަކަށް ކުދިން ތައްޔާރު ކުރައްވަނީ މުދައްރިސުން ނެވެ.
މިހާރު ރާއްޖޭގެ ގިނަ ސްކޫލް ތަކުގައި ހިންގާ އިތުރު ޙަރަކާތް އެކަށީގެންވާ މިންވަރަށް ވުރެ ގިނަ ވެއްޖެކަމުގެ ޝުޢޫރު، މިކަމާ ގުޅުން ހުރި، އަދި މިކަމުގައި ޝާމިލުވާ ގިނަ ބޭފުޅުން ދަނީ ފާޅު ކުރައްވަމުން ނެވެ. ވަކިން ޚާއްސަކޮށް ބެލެނި ވެރިންނާއި މުދައްރިސުންގެ ހިތް ތަކުގައި މިކަމާ ގުޅިގެން އުފެދޭ ޚިޔާލުތަކާއި އުދާސްތަކާއި ޝަކުވާތައް ގިނަ އެވެ.
އޭގެ ތެރެއިން ބައެއް ޚިޔާލު ތަކާއި ކަންބޮޑުވުން ކިޔުން ތެރިންނާ ޙިއްސާ ކޮށްލާނަމެވެ.
1. ގޭގައި ކިޔެވުމަށް ލިބޭ ވަގުތު މަދުވުން
ބައެއް ބެލެނި ވެރިންނަކީ އަމިއްލަ ކުދިންނަށް ކިޔެވުމުގެ ކަންކަމުގައި އަޅާނުލާ ބެލެނި ވެރިންކަމުގައި ވިޔަސް ގިނަ ބެލެނިވެރިން ކުދިންނަށް ސަމާލުކަން ދެއްވަ އެވެ. ގިނަ ފަހަރަށް ސްކޫލް ތަކުގައި މިފަދަ ޙަރަކާތް ތަކުގައި ގިނައިން ބައިވެރި ވަނީވެސް ގޭގައި ބެލެނިވެރިން އެހީތެރި ކަން ފޯރުކޮށް ދެއްވަން ބޭނުންވާ ބެލެނި ވެރިންނެވެ.
“ސްކޫލް ތަކުގެ ބެލެނި ވެރިންގެ ބައްދަލުވުން ތަކުގައި ވިދާޅުވާނެ. ކުދިން ލައްވާ ފޮތް ކިޔުއްވާށޭ. ފިލާވަޅު ދަސް ކުރުވާށޭ. ހެނދުނު ސްކޫލަށް ދިޔަ ކުއްޖާއަށް އަދި ގެއަށް ނާދެވޭ. ކިހިނެއްތޯ ފޮތުން ކިޔުއްވާނީ.” މިއީ އެންމެ ބެލެނި ވެރިއެއްގެ އަޑެއް ނޫނެވެ. ގޭގައި އެހީތެރި ވެދޭން ބޭނުން ވެފައި ތިބި ގިނަ ބެލެނި ވެރިންގެ ޝުޢޫރެވެ. އަދި ހަމަ މިގޮތަށް ސްކޫލުން ދެއްވާ ފައިވާ “ހޯމްވޯކް” ނުވަތަ ގެއަށް ހަދަން ދެއްވާ މަސައްކަތް ފުރިހަމަ ކުރަންވެސް އެކަށީ ގެންވާ ވަގުތު ނުލިބޭ ކަމުގެ ޝަކުވާ ބައެއް ކުދިންވެސް ކުރާކަން ފާހަގަ ކުރެވެ އެވެ.
2. އިތުރު އެހީ ތެރިވެދޭން އެކަށީ ގެންވާ ވަގުތު ޓީޗަރުންނަށް ނުލިބުން
މުދައްރިސް އާ ފިލާވަޅެއް ބުނެ ދެއްވާއިރު ކޮންމެވެސް ސަބަބަކާހެދި އެ ފިލާވަޅެއް ކުއްޖާއަށް ފަހުމް ނުވެ ހުރެދާނެ އެވެ. ނުވަތަ ދަރިވަރު އެދުވަހު ބަލި ޙާލަތު ހުރިގޮތުން ނުވަތަ އެހެންވެސް ސަބަބަކާ ހެދި ކިޔަވައި ދެއްވި އެއްޗެއް އޮޅުން ނުފިލާ ހުރެދާނެ އެވެ. މިފަދަ ޙާލަތް ތަކުގައި ބެލެނި ވެރިޔާ ނުވަތަ ދަރިވަރުން އެހީއަކަށް އެދުމުން ޚުދު ޓީޗަރުވެސް އެހީ ދެއްވަން ބޭނުންވެ އެވެ.
ނަމަވެސް ސްކޫލުގެ ގަޑި ނިމިގެން ރޭވި ފައިހުންނަ އެހެނިހެން އިތުރު ޙަރަކާތް ތަކަށް ވަގުތު ދޭން ޖެހުމުން ދަރިވަރު މިކަމުން މަޙުރޫމް ވެއެވެ. އެންމެ އެދެވޭ ގޮތުގައި އެހީ ފޯރުކޮށް ނުދެވޭ ކަމަށް ބެލެނި ވެރިން ފާހަގަ ކުރައްވަ އެވެ. މިސާލަކަށް ސްކޫލް ތަކުގެ މެދުގައި ބާއްވާ މުބާރާ ތަކަށް ކުދިން ތައްޔާރު ކުރުމުގެ ޒިއްމާ ޙަވާލު ވެފައި އޮތުމުން މުދައްރިސް އަވަހަށް އެކަމަށް މަޑު ކޮށްގެން ތިބި ކުދިންނާ ހަމައަށް ވަޑައި ގަންނަވަން ޖެހުމުން އެދުވަހު އެ މުދައްރިސް އެކަން ކުރައްވަން ބޭނުން ވިޔަސް، އެހީ ވެވޭގޮތް ނުވެ ދަނީ މަދެއްކޮށެއް ނޫނެވެ.
އަދި މިފަދަ ޙާލަތް ތަކުގައި ކޮންމެވެސް “އެހެންގޮތަކަށް” އޮޅުން ފިލުވާ މަދުން ނަމަވެސް މުދައްރިސުންގެ ދުލުން ވިދާޅު ވެވޭ ޙާލަތްތައްވެސް އާދެ އެވެ.
3. ފުށު އެރުމުގެ މައްސަލަ ދިމާވުން
ރާއްޖޭގެ ބައެއް ސްކޫލް ތަކަކީ ކުދިންގެ ޢަދަދު ވަރަށްގިނަ ސްކޫލް ތަކެވެ. އަދި ބައެއް ސްކޫލް ތަކަކީ ކަން ކަމުގައި ބައިވެރިވާނެ ކުދިން މަދު ސްކޫލް ތަކެވެ. އަދި ހަމަ މިއާއެކު ބައެއް ސްކޫލް ތަކުގައި ކިތައްމެ ގިނަ ކުދިން ތިއްބަސް މުބާރާތް ތަކުގައި ބައިވެރި ވާނީ ދާދި އެއްކުދި ބައެކެވެ.
ކުދިން ބައިވެރި ކޮށްގެން ފަރިތަ ކުރަން ބަލާއިރު ފުށުން އެރުންތައް ކުރިމަތިވެ ބެލެނި ވެރިންނާއި ޓީޗަރުންނާއި ވެރިންވެސް ފުންކޮށް ފިކުރު ކުރަން ޖެހޭ ދަރަޖައަށް ކަންތައް ދިމާވެފައި އެބަހުއްޓެވެ. މިސާލަކަށް ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތާއި އިންޓަރ އެޓޯލް އެތުލެޓިކްސް މީޓާއި އިންޓަރ ހައުސް ގުރުއާން މުބާރާތުގައި ބައިވެރިވާ ކުއްޖަކީ އެއް ކުއްޖަކަށް ނުވަތަ ދާދި އެއް ކުދި ބަޔަކަށް ވެފައިވަނީ މަދެއްކޮށެއް ނޫނެވެ.
އަދި ބައެއް މުބާރާތްތައް ކޮންމެވެސް ސަބަބަކާ ހެދި އޮންނަ ތާރީޚަށް ވުރެ ފަސް ވެއްޖެ ނަމަވެސް ފުށު އެރުން އާދެ އެވެ. މިފަދަ ޙާލަތް ތަކުގައި ދިވެހި ޓީޗަރުވެސް ބޭނުން ވާނީ އޭނާގެ ކުލާހަށް ،ވާހަކަ ދައްކަން ދާށެވެ. ސްޕޯޓްސް ޓީޗަރ ބޭނުން ވާނީ އޭނާގެ ޕްރެކްޓިހަށް ދާށެވެ.
ގުރުއާން ޓީޗަރު ބޭނުން ވާނީ އޭނާގެ ޕްރެކްޓިހަށް ދާށެވެ. ސެޝަން ނިމިގެ ކޮންމެވެސް އެހެން ބައްދަލުވުމެއް އޮތީމަ ހުރިހާ ޓީޗަރުންވެސް މިފަދަ ދުވަހެއްގައި ފަރިތަ ކުރަން ލިބޭނީ ހަވީރުގަޑި އެކަންޏެވެ. ދެން ދަރިވަރު ވިސްނާނެ ވަރު ވަޒަން ކޮށްލައްވާށެވެ.
މިފަދަ ވަގުތު ތަކުގައި ބެލެނި ވެރިޔާއަށް ހަދާނެ ގޮތެއް ނޭނގި އެކަކަށް ގުޅާފައި އެހެން މުދައްރިސަކަށް ގުޅާފައި ފިކުރު ބޮޑުވެ އުޅެން ޖެހޭ ޙާލަތްތައް މެދުވެރި ވެފައި އެބަ ހުއްޓެވެ. އަދި ހަމަ ނަމާދު ވަގުތާ ފުށު އަރާގޮތަށްވެސް ޙަރަކާތް ރެވޭ ކަމުގައި ބައެއް ބެލެނިވެރިން ފާހަގަ ކުރައްވަ އެވެ.
4.އިތުރު ޙަރަކާތް ތަކުގައި ބައިވެރި ވުމަށް ރަސްމީ ކުލާސް ގަޑީގައިވެސް ކުދިން ދާންޖެހުން
މިއީވެސް މިހާރު ބައެއް ސްކޫލް ތަކުގައި ހިނގާ ކަމެކެވެ. ކޮންމެވެސް މުބާރާތެއްގައި ބައިވެރި ވުމަށް ނުވަތަ ފަރިތަ ކުރުމަށް ކުލާހުގެ ކުއްޖަކު ނުވަތަ ކުދިބަޔަކު ދިޔުމުގެ ސަބަބުން އެކުދިންނަށް ފިލާވަޅު ގެއްލޭ ފަހަރު އާދެއެވެ.
ބައެއް ފަހަރަށް މިކަން ހިނގަނީ ކިޔަވައި ދެއްވާ ޓީޗަރަށްވެސް ކުރިން އެނގުމަކާ ނުލަ އެވެ. ކުލާހަށް ވަޑައި ގަންނަވާ އިރު ބައެއް ކުދިން މަދުވެގެން ދަރިވަރުންނާއި ސުވާލު ކޮށްލުމުން ކުދިން ދިޔައީ ކީއްކުރަންކަން އެނގެނީ ދަރިވަރުންގެ ފަރާތުން ނެވެ. އެވަގުތު މާއްދާ ޓީޗަރުގެ ހިތަށްވެސް ނުތަނަވަސްކަން ވެރިވެ އެވެ.
ދާދިފަހުން ދަރިވަރަކު ބުނެފައި ވެއެވެ. “އަޅުގަނޑު އެންމެ ފަހުން ނެގި ޓެސްޓުން ދަށްވީ ފިލާވަޅު ބުނެދެއްވި ގަޑީގައި ކުލާހުގައި ނުހުރެވި ،މުބާރާތުގައި ބައިވެރިވާން ހޯލަށް ދާން ޖެހުމުން.” މިއީ އެންމެ ދަރިވަރަކުގެ ޝުޢޫރު ނަމަވެސް ކިޔަވަން ޝައުގު ވެރިވެ މޮޅު ނަތީޖާ ހޯދަން ބޭނުންވާ އެހެން ކުދިންގެ މިކަހަލަ އިތުރު ޝުޢޫރުތައް ހުންނާނެ ނޫންތޯ އެވެ.
ތަންކޮޅެއް ކުރީގައި މިގޮތަށް ކުދިން ރަސްމީ ކުލާހުން މަޙުރޫމް ކޮށްގެން އިތުރު ޙަރަކާތް ތަކުގައި ބައިވެރި ކުރުވުމަކީ “ބޮޑު ކަމެއްގެ ގޮތުގައި” ދެކިވަޑައި ގެންނެވި، ނަމަވެސް ވަގުތު ނެތިގެން ޓީޗަރުން މިހާރު މިގޮތަށް ކަންތައް ކުރައްވާ މަންޒަރު ފެނެ އެވެ.
5. ކަންތައް މާގިނަ ވުމުން ކިޔަވައި ދިނުމާއި ޢާއިލާ އާއި މުދައްރިސްގެ ނަފުސަށް ކުރާ އަސަރު
“ފިލާވަޅަށް ތައްޔާރު ވުމަށް ވަރަށް ވަގުތު ބޭނުންވޭ. ވަކިން ޚާއްސަކޮށް އާ މަންހަޖުގެ ހިމެނޭ ބައިތަކަށް ތައްޔާރުވާން އިތުރު ވަގުތު ބޭނުންވޭ. ފޮތް ބަލަން ވަގުތު ބޭނުންވޭ. ކިޔަވައި ދިނުމުގެ އެހީ ތައްޔާރު ކުރަން ވަގުތު ބޭނުންވޭ.
މިހުރިހާ ކަމެއް ކުރަމުން ހަފުތާ ތެރެއިން އެއްވެސް ޗުއްޓީ އެއް ނެތި މަސައްކަތް ކުރަން ޖެހުމުން އާއިލާގެ އެއްވެސް ކަމެއް ބަލާ ނުލެވޭ. ކުދިން ގޭގައި ތިބެނީ އެކަނިމާ އެކަނި. ކަންތައް މާ ގިނަވީމަ އެއްވެސް ކަމެއް ރަގަޅަށް ކުރެވޭ ކަމުގެ ހިތްހަމަޖެހުން ނުލިބޭ. ހިތަށް ވެރިވެފައި ވަނީ ހާސްކަން” މިއީ މުދައްރިސެއްގެ ޝުޢޫރެވެ.
އިހުމާލުވެ ކަން ފަސޭހަކޮށް އުޅޭ މުދައްރިސަކު ހުރެދާނެ އެވެ. އެކަމަކު ކުދިންނަށް ރަގަޅަށް އުނގަންނާ ދިނުމާއެކު އަމިއްލަ ޢާއިލާ އުފާވެރިކޮށް އުޅެން ބޭނުންވާ އެދުރުންގެ މިކަހަލަ ގިނަ ޝުޢޫރު ތަކެއް ވެއެވެ. ކުދިންނަށް ރަނގަޅަށް ކިޔަވައިދީ މުބާރާތް ތަކަށް ރަގަޅު ތަމްރީނު ދޭން ބޭނުން ވިއަސް ހިތް ހަމަޖެހޭ މިންވަރަކަށް އެކަން ނުކުރެވޭ ކަމުގެ ޝުޢޫރު ތަކަކީ ޓީޗަރުންގެ ފަރާތުން އިވޭ ވާހަކަ ތަކެވެ.
މަތީގައި ބަޔާން ކޮށްފައިވާ ނުކުތާ ތަކުން ފާހަގަ ކުރެވިގެން ދަނީ ރާއްޖޭގެ ސްކޫލް ތަކުގައި ހިންގާ އިތުރު ޙަރަކާތް ތަކާމެދު ވިސްނަން ޖެހިފައި ވާކަމެވެ. ނުވަތަ ސްކޫލް ތަކުގައި ކަންކަން ރޭވިފައި ވާގޮތް ދިރާސާ ކޮށްލަން ޖެހޭ ކަމެވެ. ސަބަބަކީ އިތުރު ޙަރަކާތް ތަކުން އެދެވޭ ނަތީޖާ ބޭނުންވާ މިންވަރަށް ލިބުމުގެ ބަދަލުގައި އެއިން ނޭދެވޭ އަސަރު އެހެން ކަންކަމަށްވެސް ފޯރާކަމަށް އެކަމުގައި ޝާމިލުވާ ފަރާތްތަކުން ސިފަކުރާތީ އެވެ. ނުވަތަ މިހާރު ޙަރަކާތްތައް ކުރިއަށް ދާގޮތުން އެކަށީގެންވާ ރަގަޅު ނަތީޖާ ނެރެވޭ ކަމަށް ގަބޫލު ނުކުރެވޭތީ އެވެ.
މީގެ މާނައަކީ އިތުރު ޙަރަކާތް އުވާލުމެއް ނޫނެވެ. އިތުރު ޙަރަކާތް ހިންގުމަކީ މުހިއްމު ކަމެކެވެ. އިތުރު ޙަރަކާތް ތަކަކީ ހިންގުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބާރު އަޅުއްވަނީ އެ ޙަރަކާތެއްގެ ސަބަބުން މަޢުލޫމާތާ، ހުނަރާ އަދި ޖިސްމާނީ ތަރައްޤީއަށާ އަޚްލާޤީ ގޮތުން ދަރިވަރުންނަށް މަންފާކުރާ ކަންތައް ތަކެވެ. އިތުރު ޙަރަކާތް ތަކުގެ ސަބަބުން ދަރިވަރުންނަށް ޢަމަލީ މައިދާނުގައި ޒިއްމާ އުފުލާ ޒިއްމާދާރު ކުދިބަޔަކަށް ހެދުމަށް ނުވަތަ އެފަދަ ކުއްޖަކަށް ވުމަށް ލިބިގެންދާ ފުރުސަތެކެވެ.
އަދި ހަމަ މީގެ އިތުރުން އިތުރު ޙަރަކާތް ނުވާނަމަ ސްކޫލްވެސް ސިފަ ކުރެވިގެން ދާނީ ދަރިވަރުންނާ މުވައްޒަފުންނަށް ފޫހިތަނެއްގެ ގޮތުގަ އެވެ. ނަމަވެސް މައްސަލައަކީ ގިނަވުމެވެ. ކިތައްމެ މީރު ކެއުމެއްވެސް މާގިނައިން ލިބޭނަމަ އޭގެ މަތިން ފޫހި ވާނެކަން އެއީ ދުނިޔެ ގަބޫލުކުރާ ޙަގީގަތެއް ނޫންތޯ އެވެ.
އިތުރު ޙަރަކާތްތައް މާގިނަ ވެގެން ބެލެނި ވެރިން ޝުޢޫރު ފާޅު ކުރުމުން ސްކޫލް ތަކުގެ ބައެއް އިސް ބޭފުޅުން ވިދާޅުވަނީ ހުރިހާ ޙަރަކާތެއްގައި ދަރިވަރުން ބައިވެރިވުން ކޮންމެހެން މަޖުބޫރު ނޫންކަމުގަ އެވެ. މި ވާހަކައަށް ބެލެނި ވެރިންގެވެސް ޖަވާބެއް އޮވެއެވެ.
ބެލެނި ވެރިން ވިދާޅުވަނީ “ސްކޫލު ތަކުގައި މަގާމު ތަކަށް ކުދިން ހޮވަނީ ލިބިފައިވާ ކާމިޔާބީއާއި ބައިވެރި ވެފައިވާ ޙަރަކާތް ތަކަށްވެސް މާކްސް ދީގެން. އެއަށްވެސް ބެލިގެން. ސްކޫލް ކެޕްޓަނާއި ޑެޕިއުޓީ ކެޕްޓަން ފަދަ މަގާމު ތަކަށް ކުދިން ހޮއްވަވާ އިރު މި ބައިތަކަށް މާކްސްދޭ ގޮތަށް އޮންނާތީ ބޭނުން ވަނީ ހުރިހާ ޙަރަކާތެއް ގައިވެސް ބައިވެރި ކުރުވަން. އެގޮތަށް ނޯންނަ ނަމަ އެހާ ވަރަކުން ނޫޅޭ ނަން.”
ޚިޔާލަކީ ތަފާތު އެއްޗެކެވެ. ކަންކަމާ މެދު ބައެއް މީހުން ދެކެނީ ވެސް ތަފާތު ގޮތްތަކަށެވެ. ކޮންމެ އަކަސް ގަބޫލު ކުރެވޭ ޙަޤީޤަތަކީ ސްކޫލުގެ އެކްޓިވިޓީ ކަލަންޑަރުގެ އިތުރުން ގައުމީ ފެންވަރުގައި ހިންގޭ ހޭލުން ތެރިކުރުމުގެ ޕްރޮގްރާމް ތަކަކީ އެކްޓިވިޓީ ކަލަންޑަރުގެ ނުހިމެނުނަސް ދަރިވަރުންނާއި ސްކޫލް މުވައްޒަފުން ބައިވެރިވުމަށް ދަޢުވަތު ދެވޭ ޙަރަކާތްތައް ކަމެވެ. ދަރިވަރުން އަންނާތީ މުވައްޒަފުންވެސް ބައިވެރިވާން ޖެހެއެވެ.
މީގެ ތެރެއިން ބައެއް ޕްރޮގްރާމް ތަކަކީ އެއްވެސް އިޝާރާތެއް ކުރިން ނުލިބި ކުރު މުއްދަތެއްގެ ތެރޭގައި ހިންގޭ ކަންކަމެވެ. މިކަން ހައްލު ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކޮންމެ އަހަރަކުވެސް އެކުލަވާލާ އެކުޓިވިޓީ ކަލަންޑަރުގައި އެ މުވައްސަސާ ނުވަތަ ޖަމްޢިއްޔާ ޖަމާޢަތް ތަކުން ސްކޫލްތަކާ ގުޅިގެން ހިންގަން ބޭނުންވާ ޙަރަކާތް ހިމެނުއްވުމަކީ މުހިއްމު ކަމެއްކަމުގައި ދެކެމެވެ.
އޭރުން ސްކޫލް ތަކާއި އެ މުވައްސަސާ ތަކާމެދު ދުރާލާ ވާހަކަ ދެކެވި ދަރިވަރުންނަށް އެންމެ ފައިދާ ހުރި ކަންކަމަށް އިސްކަން ދެއްވާ އިންތިޒާމު ކުރަން ފަސޭހަ ވާނެއެވެ. އޭރުން އިތުރު ޙަރަކާތްތައް އިތުރު ވެގެންދާ މިންވަރުވެސް ދިރާސާކުރަން ފަސޭހަ ވާނެ އެވެ. އަދި ދަރިވަރުންނަށް އެންމެ ފައިދާ ހުރިގޮތުގައި ޙަރަކާތްތައް ރާވަން ފަސޭހަ ވެގެންދާނެ ކަމަށް ގަބޫލު ކުރެވެ އެވެ.