ކުރުވާހަކަަ: ނަރީމާ
4 މަސް ކުރިން
ހަސަން ނަޖުމީ

އާއިލާގެ ރުހުމާއެކު ކާވެނި ކުރުމަކީ މިޒަމާނުގެ ގޮތެއް ނޫނޭ ރައްޓެހީން އެތައްވަރަކަށް ބުނަމުން ދިޔައެވެ. އެކަމަކު އަހަރެން އެ އަޑު އަހާކަށް ބޭނުމެއް ނުވިއެވެ. އަހަރެން ވެސް ޒުވާންކަމުގެ ދައުރު ފެށުމާއެކު އެކުވެރި ރައްޓެހީންނާ އެކު ނުކުތީމެވެ. މިހާރުގެ ބަހުރުވައިންނަމަ ބިޓުން ނެގުމަށެވެ. އެއަކީ މިރަށުގައި އާކަމެއް ވެސް ނޫނެވެ. މިރަށުގައި އެކަންޏެއް ނޫނެވެ. ހަމަ ގިނަ ރައްރަށުގައި މިކަން އޮންނަނީ މިގޮތަށެވެ. ކޮންމެ ކުއްޖަކުވެސް ބޭނުންވަނީ އޭނާގެ އިޚްތިޔާރުގައި އިންނާނެ ކުއްޖެއް ޚިޔާރު ކުރުމެވެ. ނުވަތަ ލޯބި ވުމަށެވެ.

އަހަރެންވެސް އެމަގުސަދުގައި ރައްޓެހި ކުދީންނާއެކު ބޭރުތެރޭގައި އެނބުރެމުން ދިޔައިމެވެ.  އެހެންކަމުން އަހަރެންގެ މަގުސަދުވެސް ދިޔައީ ހާސިލް ވަމުންނެވެ.

Advt

Advertisement

އަހަންނާ ރައްޓެހިވުމަށް އެކި އުމުރުގެ ޒުވާނުން ހުށަހަޅަމުން ދިޔައެވެ. ލޯބިވަމޭ ބުންޏެވެ. ދުވަހަކުވެސް ވަކިވުމެއް ނެތި ގުޅިގެން އުޅޭނެ ކަމަށް ބުންޏެވެ. އޮޅުވާލުމެއް މަކަރެއް ނުހަދާނެ ކަމަށް ވައުދު ވިއެވެ. އަދި ކާވެނީގެ ފަހުން ދުވަހަކުވެސް އެހެން މީހަކަށް ބަލާވެސް ނުލާނަމޭ ބުނެ ހުވާ ކުރަމުން ދިޔައެވެ.  އެހެންނަމަވެސް އަހަރެން އެބަސްތަކަކަށް އެހާބޮޑަށް ހެއްލޭކަށް ބޭނުމެއް ނުވިއެވެ. އެންމެ ބޮޑު އެއްސަބަބަކީ އަހަރެންގެ ސްކޫލްގެ އެންމެ ގާތް ރައްޓެހި ފަހީއަށް ދިމާވި ހާދިސާ ފެނުމުންނެވެ.

ފަހީ އަހަންނަށް ވުރެން ދޮށިވާނީ ދެއަހަރެވެ. އެހެންނަމަވެސް އޭނާ އުޅެން ޖެހިފައިވަނީ އަހަރެންގެ ކުލާހުގައެވެ. އަހަރެމެން ދެމީހުން އުޅެނީ އެކު އެކީގައެވެ. އެކަކަށް އެނގޭ ކަމެއް ނަމަ އަނެކަކަށް އެނގެއެވެ. ދެމީހުންގެ ދެމެދުގައި ނޭނގޭ ސިއްރެއް ނޯވެއެވެ.  އޭރު ފަހީ އުޅެނީ ކުއްޖަކާ ރައްޓެހިވެގެންނެވެ. އެޒުވާނާ އަކީ ބަލާބެލުމަށް ނިކަން ރަނގަޅު އަދި ނިކަން މޮޅުވެސް ކުއްޖެކެވެ. ފަހީއަށް ވުރެން ދޮށީ ތިން އަހަރެވެ. އެކަމަކު އެޔަކީ މައްސަލައެއް ނޫނޭ އެންމެންވެސް ބުނެއެވެ. ދެމީހުން ހީވަނީ އެކަކު އަނެކަކަށްޓަކައި ދުނިޔެއަށް އައިސްފައިވާ ދެމީހުންނެވެ. އެހާވެސް ގުޅެއެވެ.

ފަހީ ސްކޫލް ނުނިމެނީސް ޒިޔާދު ވަޒީފާއަކަށް ނުކުމެއްޖެއެވެ. އަދި ފަހީ ސްކޫލް ނިމޭނެ ދުވަހަކަށް އިންތިޒާރު ކުރަން ފަށައިފިއެވެ.

ހުރިހާ ކަމެއްވެސް ދިޔައީ ދާނެ އެންމެ ފުރިހަމަ ގޮތުގައެވެ. ފަހީގެ މައިންބަފައިންވެސް ޒިޔާދާ ރުހިއްޖެއެވެ. ކާވެނި ކުރަން އޮތީ މަހެއްހާ ދުވަހެވެ. ހަމަ ކުއްލިއަކަށް ހެން އަހަރެމެންނަށް ފެނުނީ ޒިޔާދުއަށް ބަދަލުތަކެއް އަންނަން ފެށިތަނެވެ. އޭނާގެ އޮފީހުގައި މާގިނަ އިރު މަސައްކަތުގައި އުޅުމާއި އެތަނުގެ އެހެން އަންހެން ކުއްޖަކާއެކު ރެސްޓޯރަންޓްތަކަށް ގޮސް ހަދަމުންދާ ތަނެވެ.

މިކަންތަކުގެ ތެރޭގައި ފަހީ މޮޔަވާ ހިސާބަށް ކަންތައް ގޮއްސިއެވެ. ޒިޔާދު ސީދާ ފަހީގެގާތު އެވާހަކައެއް ނުދައްކައެވެ. އެކަމަކު ފަހީ ގާތަށް ޒިޔާދު އައުން މަދުވެއްޖެއެވެ. ފޯނުކޮށް ޚަބަރު ބަލާ މިކަހަލަ ކަމެއް ވެސް ނުކުރެއެވެ. މީގެ ކުރީގައި ނަމަ ފަހީ އަކަށް ހުސްވަގުތެއް ނުލިބެއެވެ. ޒިޔާދުގެ ކޯލެއް ނާންނަ އިރެއް ނާދެއެވެ. މި މަންޒަރު ފެނުމުން އަހަރެން މިކަމާ ވަރަށް ހައިރާންވެ ނާއުންމީދުވާން ޖެހުނެވެ. އެއީ ފަހީއާއި ޒިޔާދުގެ ގުޅުން ކުރިޔަށް ދިޔަ ފުރިހަމަ ކަން ފެނުމުން އޭރު އަހަރެންވެސް އިންތިޒާރު ކުރަމުން ދިޔައީ އެފަދަ ކުއްޖަކު ހޯދުމަށެވެ.  އެހެންނަމަވެސް ފަހީއަށް މިދިމާވި ގޮތް ފެނުމުން އެ އުންމީދު އަހަރެންނަށް މުޅީން ގެއްލިގެން ދިޔައެވެ.

ޒިޔާދު އެކުއްޖަކާއެކު ހަމަ ރަނގަޅަށް ވެސް ގުޅުން ހިންގަމުން ދިޔައެވެ. ފަހީއާއެކު އަހަރެންވެސް ޒިޔާދު އުޅޭ ނޫޅޭ ގޮތް ބެލުމަށް ގޮސް ހެދީމެވެ. އަހަރެމެންނަށް ހަމަ ލޮލުން ފެންނަ ކަންތަކަށްވެސް ޒިޔާދު ދިޔައީ އިންކާރު ކުރަމުންނެވެ. އެންމެ ފަހުން ފަހީ   އެކަންތައް މުޅީން ހިތުން ފިލުވައިފިއެވެ.

ފަހީއާ އަހަރެން ގުޅިގެން ދެން ފެށީ ބަދަލު ހިފުމަށެވެ. އަހަރެމެންގެ ގާތަށް އަންނަ ކޮންމެ ކުއްޖަކަށް އޮޅުވާލުމަށެވެ. ލޯބީގެ ފަސާނާތައް ކުޅެގެންނެވެ. އަހަރެމެންގެ ހަރަކާތަކުން އުޅޭ ގޮތަކުން އެއިން މީހަކަށް ޝައްކެއްވެސް ނުވާނެ ފަދަ ހުޝިޔާރު ކަމާއެކުގައެވެ.  އެއްފަހަރާ ދެބިޓުން ތިން ބިޓުން ގެންގުޅެމުން ދިޔުމަކީ އަހަރެމެންގެ އާދައެކެވެ. ކިތަންމެ ހިތްގައިމު ސިފައެއް އެއިން ކުއްޖެއްގެ ކިބައިން ފެނުނަސް އަހަރެމެންގެ އަޒުމަކީ އެއަށް ނުހެއްލުމެވެ.

އަހަރެމެން އެއްދިމާއެއްގައި ނޫޅެމެވެ. ވަކި ހިސާބަކުން އަހަރެމެން ބޯ ދައްކާލާނީ އެހެން ދިމާއަކުންނެވެ. އަހަރެމެންގެ އަސްލު ނަމެއް ނުބުނަމެވެ. އަހަރެމެންގެ އަތުގައި އެތައް ސިމްކާރޑެއް އޮވެއެވެ. އަހަރެމެން މިކަމަށް ހުޝިޔާރުވީ ވަރަކީ އެއިން އެއް ކުއްޖަކަށްވެސް އަހަރެމެންގެ އެޑްރެހެއް އުޅޭތަނެއް އެނގޭނެ ގޮތެއް ނުހަދަމެވެ. އަހަރެމެން ޓާގެޓް ކުރަމުން ދިޔައީ ރިސޯޓް ދާއިރާއަށެވެ. އެހެންކަމުން އަހަރެމެންނަށް   މަޖާކޮށްލަން ގިނަ ފުރުސަތުތަކެއް ލިބެމުން ދިޔައެވެ.

މިއީ އަހަރެމެންނަށް ކަމުދާ ދިރިއުޅުމަކަށް އެންމެފަހުން ވެއްޖެއެވެ. އަހަރެމެން މިކަމަށް ނުހަނު ކުޅަދާނަ ވެސް ވެއްޖެއެވެ.

އަހަރެމެންގެ ދާއިރާގައި ގެންގުޅެމުން އަންނަ އިހްސާނު ކޮންމެވެސް ވަރަކަށް އެހެން ކުދީންނާ ތަފާތުކަން އަހަރެމެން ދެމީހުންނަށްވެސް ފާހަގަ ކުރެވުނެވެ. ޒިޔާދުގެ ކިބައިން ފެނުނު ހުރިހާ ރަނގަޅު ކަމަކާއި ކޮލިޓީއެއް އޭނާގެ ކިބާގައި ހުއްޓެވެ. އެއީ އަހަރެމެން އެންމެ ޖެހިލުންވާކަމެވެ. އެހެނީ ކޮންމެ އަންހެން ކުއްޖެއްގެ ހުވަފެނަކަށް ވެފައި އޮންނަނީ އެފަދަ ބިޓެއް ނުވަތަ ފިރިއެއް އޭނާގެ މީހަކަށް ވުމަށެވެ. އަހަރެމެން ބެލި ބެލުމުގައި އިހްސާނުގެ ކިބަޔަކުން ކުށެއް ނުފެނުނެވެ. ތެދުވެރިކަމެވެ. އަމާންނާތްތެރި ކަމެވެ. ވަފާތެރިކަމެވެ.

އަހަންނާ މެދު އޭނާ ކަންތައް ބަހަށްޓާ ގޮތާމެދު އަހަރެން ނުހަނު ކަންބޮޑުވާން ފަށައިފިއެވެ.

އަހަރެން ފަހީ ގާތު މިކަމަށް އެހީއަކަށް އެދުނީ އެހެންވެއެވެ. އެއީ އިތުރަށް އިހްސާނު އަހަރެންނާ ގާތަށް އައުމަށް އަހަރެންގެ ހިތް ބޭނުންނުވާތީއެވެ. ވަކިވެ ދުރަށް ދާން ކެތް ނުވާނެތީއެވެ.

އެހެންވެ ފަހީ އަހަރެންނަށް މިކަމުގައި އެހީތެރިވެދޭން ނިންމިއެވެ. އަހަރެންގެ ގޯސްކަމުގެ ވާހަކަ އޭނާގެ ގާތުގައި ދައްކައިގެންނެވެ. އަހަރެމެން ރާވައިގެން އޭނާއަށް އެކަން ސާބިތު ވެސް ކޮށްދިނީމެވެ. ވިޔަސް އިހްސާނު އަހަންނާ ދުރަށް ދާކަށް ނުވިސްނިއެވެ. އެކި ގޮތްގޮތުން މަސައްކަތް ކުރަމުން ދިޔައެވެ.

އަހަރެންގެ ހަޔާތް އޮޅުން ބޮޅުންވާން ފެށީ އެހިސާބުންނެވެ. އަހަރެން ކުޅެމުން މިއައި ޑްރާމާތައް މިހާ ހިސާބުން ހުއްޓާލަން މަޖްބޫރުވެއްޖެއެވެ.

އާއިލާގެ ބާރު އެޅުން އަހަރެންގެ މައްޗަށް އަބަދުވެސް އޮވެއެވެ. އަވަހަށް މީހަކާ އިނުމަށެވެ. އެމީހުން ބުނާގޮތުން ކާވެންޏަކަށް ލޯތްބެއް މުހިންމެއް ނޫނެވެ. ބޭނުންވަނީ ދެމީހުންގެ އިޚްލާސްތެރި ކަމެވެ. އެކު އެކީގައި ހަޔާތް ހޭދަ ކުރަމުން ދިއުމުގެ އަޒުމެކެވެ.

އެއްވެސް ދެ މީހެއްގެ ދެމެދުގައި މައްސަލަ ނުޖެހިއެއް ނުދާނެއެވެ. ޖެހޭ މައްސަލަތައް ފަހަނަޅާފައި ދާން ދަސް ކުރާށެވެ. ތެދުވެރިވާށެވެ. ވަފާތެރިވާށެވެ.

މިއީ ކުރީގައި ކަޓު ނަސޭހަތެއް ކަމަށް ބަލައި އަހަރެން ސަމާލުކަމެއް ނުދެމެވެ. މިއަދު އަހަރެންނަށް އެވާހަކަ އަޑުއަހަން މަޖްބޫރު ވެއްޖެއެވެ. އެހެންވެ އެމީހުން އެދޭ މީހަކާ ކާވެނި ކުރަން ރުހިއްޖެއީމެވެ.

އަހަރެން މިހާ ހިސާބުން ފަހީ އެކު ކުޅެމުން އައި ކުޅިވަރު ހުއްޓާލައިފީމެވެ. ގިނަ އިރު ގޭގައި އާއިލާގެ ތެރޭގައި ވަގުތު ހޭދަ ކުރަން ފަށައިފީމެވެ. އެއްވެސް އުފަލަކީ ވަކިވުމުން ހިތްދަތިކަމެއް ނުލިބި ނުދާނެ އެއްޗެކެވެ.   އަހަރެންވެސް އެ މަރުހަލާ ކަޑައްތު ކުރީމެވެ. އަދި ދުވަސްކޮޅަކަށް އާއިލާއާއެކު އިންޑިޔާގެ ރަށްތައް ބެލުމަށް ދަތުރު ތަކެއްވެސް ކުރީމެވެ.

އަހަރެން އެނބުރި އައިތަނާހެން އަހަންނާ ކާވެނިކުރުމަށް އާއިލާއިން ކުއްޖަކު ހަމަ ޖައްސައިފިއެވެ. އެމީހުން އުޅުނީ އެކަން ސަޕްރައިޒަކަށް ހަދާށެވެ. ކާވެނިވާ ރޭގެ ކުރީގައި ކާކުކަން އަހަންނަށް ނޭންގުމަށެވެ. އަހަރެން އެކަން އޮޅުން ފިލުވާކަށްވެސް ނޫޅުނީމެވެ. އަހަރެން މިހާރު މިހިރީ އަހަންނާ ކޮންމެ މީހަކު އަޔަސް ކާވެނި ކުރާ ގޮތަށެވެ. ގައިމުވެސް އަހަރެންގެ އާއިލާ އަހަންނަކަށް ދެރަގޮތެއް ވިޔަކަ ނުދޭނެއެވެ.

އަހަރެންގެ ފުރަގަހުން މި ބޮޑު ރޭވުން ރޭވި ދެއާއިލާއާ މެދު އެއްބަސްވެވި އެންމެ ފަހުން ކާވެނި ކުރަން އޮތް ރޭ ހަމަ ޖެހިއްޖެއެވެ. ކާވެނި ކުރެވުނީ އަހަރެންގެ ގޭގައެވެ. ދެއާއިލާ އަތުވެއްޖެއެވެ. ކުޑަ ޖާފަތެއް އޭރު ތައްޔާރުވެފައި އޮތެވެ. އެކަންތައް ތައްޔާރު ކުރުމުގައިވެސް އަހަރެން ބައިވެރިވީމެވެ. އެއާއިލާގެ މެންބަރުން ފެނުނެއްކަމަކު އަހަންނަކަށް އެއިން އެކަކުވެސް ނޭގެއެވެ. އަހަރެންގެ ވާން އުޅޭ ފިރިމީހާ ކޮބައިތޯ އެއް އަހަރެން ބަލައެއް ނުލަމެވެ.

ކާވެނީގެ ހުރިހާކަމެއް ރޭވިގެން އައިސް ރަން ކިޔަން ޖެހުނު ވަގުތު ވެސް އެނަމަށް އަހަރެން ގަސްތުގައި ނުބަލަމެވެ.

ކާވެނީގެ ރަސްމީ ކަންކަން ހިނގަމުން ދިޔަވަގުތު އަހަރެން ކަމަކު ބޭރަށް ނުކުމެލީމެވެ.  އެވަގުތު އަހަރެންގެ ފުރަގަހުން ދަންނަ އަޑެއް ގޮވާލިއެވެ.

“ނަރީ. ކަލޭ ކީއްތަ މިތާ ތިކުރަނީ؟ ޝިނާގެ ރައްޓެހި ކުއްޖެއްތަތީ؟”

“ނަރީއޭ! “

އަހަރެން ހަނދާންވިއެވެ. އިހްސާނަށް އަހަރެން ތައާރަފު ވެފައިވާނީ އެނަމުގައެވެ.

އަހަރެމެން އޭރު އެކި ކުދީންނަށް ތައާރަފު ވަމުން ދިޔައީ ތަފާތު ނަންނަމުންނެވެ. ހެދުން އަޅާ ގޮތާ މޭކަޕް ކުރާގޮތުގެ އިތުރަށް އަހަރެމެން ސިފަ ބަދަލު ކުރާނެ އެތެއް އުކުޅެއް ބޭނުން ކުރަމުން ދިޔައިމެވެ.

“އާނ. އަހަރެން މީ އޭނާގެ ދައްތައެކޭ.”

“އެކަމަކު އިހްސާނު މިތާ ކީތް ތިކުރަނީ؟”

“ނޭނގޭތަ؟ އަހަރެން މީ ޝީނާގެ ވާން އުޅޭ ހަޒްބޭންޑެއްނު؟”

އަހަންނަށް ޝޮކެއް ޖެހުނީ އެހާ ހިސާބުންނެވެ.

“އަހަރެން ހީކުރީ އިހްސާން އިންނާނީ އަހަންނާކަމަށް. “  އަހަރެން އަވަހަށް ބުނެލީމެވެ.

“ގޭމީހުން އަހަންނަށް ދެއްކި ފޮޓޯ ނަރީއާ ވައްތަރުވީމަ އަހަރެން އެއްބަސްވީ.” އޭނާ އިސްޖަހާލިއެވެ. “އަސްލު ނަރީ އަހަންނަށް ބޭވަފާތެރި ވީމަ ލޯބިވެގެން ކާވެނި ކުރުމުގެ އުންމީދު ގެއްލިގެން ދިޔައީ.   އެކަމަކު ބުނަން، ނަރީހާ ބޮޑަށް އަހަރެން ލޯބިވި އެއްވެސް ކުއްޖެއް ނުފެނުނު.”

ކަންތައް މިވަނީ ސީރިޔަސް ހިސާބަކަށް ގޮސްފައި ކަން އަހަންނަށް ވިސްނުނެވެ.

“އަސްލު އަހަރެން އިހްސާން ދެކެ ލޯބިވާން ފެށީ. ދެން ފަހީއާ އަހަރެން ރޭވީ އެއްވެސް ލޯތްބެއްގެ ދަލުގައި ނުޖެހުމަށް. ފަހީއަށް ލިބުނު ފަދަ ކެއްސެއް ލިބޭކަށް އަހަރެން ބޭނުމެއް ނުވި. “

އަހަރެންގެ ލޮލުން ކަރުނަ ހިލުނީ އިޚްތިޔާރެއް ނެތިއެވެ. “އެހެންވެ ބޭވަފާގެ ޑްރާމާ އަހަރެމެން ކުޅުނީ.”

“މިހާރު ދެން މާ ލަސްވެއްޖެއެއްނު؟” އިހްސާންގެ ލޮލުންވެސް ކަރުނަ ހިލުނުތަން ފެނުނެވެ.

އެވަގުތު އިހްސާނު ކާވެނީގެ މަޖްލީހަށް ދާން ގޮވައިފިއެވެ.

“ ގުޑްބައި ނަރީ.”

މިހެން ބުނެފައި އަވަހަށް އޭނާ އެނބުރި ކާވެނި ކުރަން ހިގައްޖެއެވެ.

ހުރިހާ އެންމެންގެ ތަހުނިޔާ އޮހެމުން ދިޔައެވެ. އަޑިއަޑީން އަހަރެމެން ދެމީހުންގެ ދެމެދުގައި މިހިނގާ ފަސާނާ ދެނެގަންނާކަށް އެކަކަށް ވެސް ނޭގެއެވެ.

އެކީގައި ގްރޫޕް ފޮޓޯއެއް ނަގަން ޖެހުމުން އަހަރެން އެތަނަށް ދާން މަޖްބޫރު ވެއްޖެއެވެ.  އަހަރެން ގޮސް ހުއްޓުމުން އިހްސާނުގެ މޫނުމަތީން   އުފާވެރިކަމުގެ ކުލަތައް ދިއްލިގެން ދިޔަތަން އަހަރެންނަށް ފެނުނެވެ.

އަހަރެން އިހްސާނުގެ އަތުގައި ހިފެހެއްޓީމެވެ. އޭނާގެ މޭމަތީގައި ބޯ އެޅީމެވެ.

“ރޭވިގެން ކުރެވުނު ކާވެންޏެއް މިހާބޮޑަށް އެކަކު އަނެކަކަކު ދެކެ މިހާއަވަހަށް ލޯބިވާން ފެށިތަނެއް ފެނިފައެއް ނުވޭ.”

ކޮންމެވެސް މީހަކު މިހެން ބުނި އަޑު އިވުނެވެ.

“ލޯބީގަވެސް ނަރީ އަހަންނަށް އޮޅުވާލިހެން ކާވެނީގައިވެސް ތިޔަ އޮޅުވާލީ ދޯ.”

އިހްސާން މިހެން ބުނީ ކުށްވެރި ކުރަމުންނެއް ނޫނެވެ.

“ނަރީއެއް ނޫން. މީ ޝީނާ. އޮޅުވާލީ ނަރީމާ.” އަހަރެން ބުނީމެވެ.

“ނަރީގެ މަތީން ދެން ހަނދާން ނައްތާލާ!”