ޔުއެފާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގްގެ މެޗުތަށް ކާމިޔާބުކޮށް އިންގްލެންޑުގެ އާސެނަލާއި ޗެލްސީ ޔުރޮޕާ ލީގުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ޗެލްސީއާއި އާސެނަލް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު މެޗުން ކުރި ހޯދައިގެންނެވެ.އާސެނަލް ފައިނަލަށް ދިޔައީ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ރޭ ރަށުން ބޭރުގައި ސްޕެއިނުގެ ވެލެންސިއާ އަތުން 4-2 އިން މޮޅުވެ ދެ ލެގުގެ އެގްރިގޭޓުން 7-3 އިން ކުރި ހޯދައިގެންނެވެ.
ޗެލްސީ ފައިނަލަށް ދަތުރުކުރީ ޖަރުމަނުގެ އެއިންޓްރަކް ފްރެކްފާޓް ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ. މި ދެޓީމު ރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން އެގްރިގޭޓް ނަތީޖާ ހަމަހަމަވެގެން ނަތީޖާނެރެން ޖެހި ޕެނަލްޓީން ޗެލްސީ ކުރި ހޯދީ 5-3 އިންނެވެ.
ރޭ ޔުއެފާ ޔުރޮޕާ ލީގުގެ ފައިނަލުން އިންގްލެންޑުގެ އާސެނަލާއި ޗެލްސީ ޖާގަ ހޯދުމާ އެކު ޔޫރަޕް ފުޓްބޯޅައިގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ ބަރުގެ ހަތަރު ކުލަބް ފުރަތަމަ ފަހަރަށް ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތުގެ ފައިނަލުން ފެނިގެންދާނެއެވެ.
ޔޫރަޕުގެ މައި ކްލަބް މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލުން އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް އާއި ލިވަޕޫލް ޖާގަ ހޯދާފައިވަނިކޮށް ޗެލްސީ އާއި އާސެނަލް ވަނީ ރޭ ޔުރޮޕާ ލީގުގެ ފައިނަލުން ޖާގަ ހޯދައި އިނގިރޭސި ވިލާތަށް ހާއްސަ ޝަރަފެއް ހޯދައިދީފައެވެ.
ޔުރޮޕާ ލީގުގެ ސެމީގައި އާސެނަލްއާއި ވެލެންސިޔާ ސްޕެއިންގައި ރޭ ކުޅުނު މިމެޗުގައި ދެ ޓީމްގެ ފަރާތުން ވެސް މޮޅު ވަރުގަދަ އެޓޭކިންގް ގޭމެއް ފެނިގެން ގޮސްފައިވާއިރު މިމެޗުގައި ވެލެންސިއާގެ ކެވިން ގަމޭރޯ މެޗުގެ 11 ވަނަ މިނެޓްގައި އެ ޓީމައަށް ލީގު ނަގައި ދީފައެވެ.ނަމަވެސް މެޗުގައި މޮޅު ކުޅުމެއް ދެއްކި އޯބަމަޔަން ވަނީ ފުރަތަމަ ހާފް ނިމުގެ ކުރިން މެޗުގެ ނަތީޖާ އާސެނަލް އަށް ހަމަ ހަމަ ކޮށްދީފއެވެ.
ރޭގެ މެޗުެ ފުރަތަމަ ހާފް ދެ ޓީމް ހަމަހަމަ ވެގެން ނިމިފައިވާއިރު މެޗުގެ ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓުގައި އާސެނަލަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ އަލެކްޒެންޑަ ލަކަޒެޓް އެވެ. ލަކަޒެޓްގެ ގޯލަށްފަހު މެޗުގެ 58 ވަނަ މިނެޓުގައި ވެލެންސިއާގެ ގަމެއިރޯ ވަނީ އިތުރު ގޯލެއް ޖަހައި ނަތީޖާ 2-2 އަށް ބަދަލުކޮށްލައިފައެވެ. ގަމޭރޯ އެއްވަރުކޮށްފައިވަނިކޮށް އޯބަމަޔަން އިތުރު ދެ ގޯލް ޖަހައި ހެޓްރިކް ފުރިހަމަކޮށް އާސެނަލް ފައިނަލަށް ގެންގޮސްދީފައެވެ.
ޗެލްސީ ފައިނަލަށް ދިޔައީ ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓް އަތުން ޕެނަލްޓީ ޖަހައިގެން 4-3 އިން މޮޅުވެގެންނެވެ. ފުރަތަމަ ލެގެކޭ އެއްގޮތަށް ރޭވެސް ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ރުބެން ލޮފްޓަސް-ޗީކް ގެ ގޯލުން ޗެލްސީ ކުރި ހޯދާފައިވަނިކޮށް ފްރެންކްފަޓަށް އެއްވަރުކޮށްދިނީ ލޫކާ ޔޮވިޗެވެ.
ރޭ މިދެޓީމް ބައްދަލު ކުރި ދެވަނަ ލެގުވެސް އެއްވަރު ވުމުން މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީޖަހައިގެންނެވެ. ޕެނަލްޓީގައި ފްރެކްފާޓުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީއެވެ. އެޓީމުގެ މާޓިން ހިންޓެރެގާއާ ގޮންސާލޯ ޕަސިއެންސިއާ ޖެހި ޕެނަލްޓީ ޗެލްސީގެ ޒުވާން ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ ވަނީ މަތަކޮށްފައެވެ. މެޗުގައި ޗެލްސީން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ސެޒާ އަޒްޕިލިކުއެޓާ ޖެހި ޕެނަލްޓީ އެވެ. މި ޕެނަލްޓީ ފްރެކްފާޓްގެ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ. މެޗުން ޗެލްސީ މޮޅުވި ޕެނަލްޓީ ވައްދާލީ މި ސީޒަނަށްފަހު ޗެލްސީ ދޫކޮށްލާނެ ކަމަށް ބެލެވިފައިވާ އެޑެން ހަޒާޑް އެވެ.
ޔޫރޮޕާ ލީގު ފައިނަލް އޮންނާނީ މިމަހުގެ 29 ވަނަ ދުވަހު އަޒަރުބައިޖާންގެ ވެރިރަށް ބާކޫ ގައެވެ.