English Edition
Dhivehi Edition

ހުޅުމާލޭގައި އެމްޓީސީސީގެ ބަސް ޑްރައިވަރަކަށް ނިދިގެން މިއަދު އަނެއްކާވެސް އެކްސިޑެންޓެއް ހިނގައިފި އެވެ.

މިއަދު މެންދުރު 2:30 ގައި ހުޅުމާލެ ނިރޮޅުމަގުގައި ވަޅޯމަސް ކެފޭ ކުރިމަތީގައި ހިނގި މި އެކްސިޑެންޓްގައި އެމްޓީސީސީގެ ބަހެއް ކާރެއްގައި ޖެހި އެ ކާރަށް ވަނީ ގެއްލުންތަކެއް ލިބިފަ އެެވެ. ފުލުހުން ބުނީ މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު އެކްސިޑެންޓް ހިގުމަށް މެދުވެރިވީ ޑްރައިވަރަށް ނިދިގެންކަން އެގިފައިވާކަމަށެވެ. މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ގެއްލުންވިކަން އަދި އެގިފައިނުވާއިރު، އެކްސިޑެންޓްވި ކާރުގެ ފަހަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. މީގެއިތުރުން ބަހުގެ ކުރީކޮޅަށްވެސް ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފަ އެވެ.

މިދިޔަ ހޯމަ ދުވަހުވެސް ހުޅުމާލޭގައި އެމްޓީސީސީގެ ބަހެއް ދުއްވަން އިން ޑްރައިވަރަށް ނިދިގެން ހިނގި އެކްސިޑެންޓްގައި ޔޫކުރެއިންގެ ޓޫރިސްޓަކު މަރުވެފައިވާއިރު ގިނަ ބަޔަކު ދަނީ ސޯޝަލް މީޑއާގައި އެމްޓީސީސީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މި ގޮތުން ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ އެމްޓީސީސީ އިން މުއައްޒަފުންނަށް އެއްވެސް ކަހަލަ އަރާމުކުރާނެ ވަގުތެއް ނުދީ މާގިނަ އިރު މަސައްކަތްކުރުވަމުންދާކަމަށެވެ.