English Edition
Dhivehi Edition

1440 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޯމަ ދުވަސްކަމަށް ކަނޑައަޅާ އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ. އެގޮތުން ރޯދަ މަހުގެ ހަނދު ސާބިތު ކުރަން މިރޭ ބޭއްވި ޖަލްސާއަށް ފަހު އިއްވެވި ހަނދާބެހޭ ގަރާރުގައި މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހަފްތާގެ ހޯމަ ދުވަސްކަމަަށް ވަނީ ބުނެފައެވެ. އަދި އެ ގަރާރުގައި ވަނީ ރޯދަ ހިފުމަށް ފަރުވާތެރިވެ ﷲ ރުއްސެވުމާއި މަގުފިރަތައް އެދި ހެޔޮކަންކަން ކުރުމުގެ މައްޗަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފަ އެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރު ރާއްޖެއަށް އޮއްސޭއިރު، ހަނދު ފެންމަތީގައެއް ނުހުންނާނެ އެވެ. އެހެންކަމުން މިރޭ ރަމަޟާން މަހުގެ ހަނދު ފެނުމުގެ ފުރުސަތެއް ނެތް ކަމަށް ފަލަކީ ހިސާބުތަކުން ދައްކަ އެވެ. ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ހޯމަ ދުވަސްކަމަށް ބުނެފައެވެ.

ސައޫދީ އަރަބިއްޔާގެ ރަސްމީ ކަލަންޑަރު ކަމުގައިވާ އުއްމުލްޤުރާ ކަލަންޑަރުގައި ވެސް މުލަ ރޯދަ ނުވަތަ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ މެއި މަހުގެ 6 ވާ ހޯމަ ދުވަހެވެ. އަދި ރާއްޖޭގެ ކަލަންޑަރުގައިވެސް ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަނޑައަޅައިފައިވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހެކެވެ.