English Edition
Dhivehi Edition

އިންގްލެންޑުގެ ޕްރޮފެޝަނަލް ޕްލެޔާސް އެސޯސިއޭޝަން (ޕީއެފްއޭ) ގެ މި ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިވަޕޫލުގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކަށް ލިބިއްޖެ އެވެ.

ނެދަލޭންޑްސްގެ ގައުމީ ޓީމަށްވެސް ކުޅެމުން އަންނަ އުމުރުން 27 އަހަރުގެ ވެން ޑައިކް މި އެވޯޑް ހޯދައިފައިވަނީ އޭނާއާ ވާދަކުރި މެންޗެސްޓަރ ސިޓީގެ ރަހީމް ސްޓާލިންގް، ސާޖިއޯ އަގުއޭރޯ އަދި ބާނާޑޯ ސިލްވާގެ އިތުރުން ލިވަޕޫލްގެ ސަޑިއޯ މާނޭ އާއި ޗެލްސީގެ އެޑެން ހަޒާޑް ފަހަތަށް ޖައްސާލުމަށްފަހުއެވެ.

ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިވަޕޫލުން ހާސިލު ކުރީ ޖެހިޖެހިގެން ދެ ވަނަ ފަހަރަށެވެ. މިދިޔަ އަހަރު ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ލިވަޕޫލްގެ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް އެވެ. އޭގެ ކުރިން ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ލިވަޕޫލްގެ ކުޅުންތެރިންނަކީ 2014 ވަނަ އަހަރު އެވޯޑް ހޯދި ލުއިސް ސުއަރޭޒް، 2006 ވަނަ އަހަރު އެވޯޑް ހޯދި ސްޓީވަން ޖެރާޑް 1988 ވަނަ އަހަރު އެވޯޑް ހޯދި ޖޯން ބާނެސް 1984 ވަނަ އަހަރު އެވޯޑް ހޯދި އިއާން ރަޝް، 1983 ވަނަ އަހަރު އެވޯޑް ހޯދި ކެނީ ޑަލްގްލިޝް 1980 ވަނަ އަހަރު ޓެރީ މެކްޑޯމޮޓް އެވެ.

މިއީ 2005 ވަނަ އަހަރު ޗެލްސީގެ ކުރީގެ ޑިފެންޑަރު އިނގިރޭސި ވިލާތުގެ ޖޯން ޓެރީ މި އެވޯޑް ހޯދިފަހުން ޑިފެންޑަރަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. ވެން ޑައިކް އާއި ޓެރީގެ އިތުރުން މިހާތަނަށް މި އެވޯޑް ހާސިލްކޮށްފައިވަނީ އެންމެ ހަތަރު ޑިފެންޑަރުންނެވެ. އެކުޚުންތެރިންގެ ތެރޭގައި ހިމެނެނީ ގެރީ ނެވިލް، ނޯމަން ހަންޓާ، ކޮލިން ޓޮޑްގެ އިތުރުން ޕައުލް މެގްރާތެވެ.

ސިޓީއާއި ލިވަޕޫލް ލީގު ތަށްޓަށް ވާދަކުރާ އިރު ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ސެމީއަށް ގެންގޮސް ދިނުމުގައިވެސް ވެންޑައިކް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.