English Edition
Dhivehi Edition

ބަރަކާތްތެރި ރަމަޟާން މަސް ބޯމަތިވެފައިވާއިރު އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ރަމަޟާން މަހަށް ވެސް ސައުދިއަރަބިޔާއިން ވަނީ ދިވެހިރާއްޖެއަށް ކަދުރު ހަދިޔާ ކުރަން ނިންމައިފައެވެ.

އެގޮތުން މިއަދު ސައުދީ ސަރުކާރުން ރާއްޖެއަށް ދޭން ކަނޑައަޅާފައިވާ މިންވަރަށް ކަދުރު ރާއްޖެއާއި ހަވާލުކުރާނެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ސައުދީ އިން ދޭ ކަދުރު ދިވެހި ސަރުކާރައި ހަވާލުކުރަނީ ރާއްޖޭގައި ހުންނަށް ސައުދީގެ އެމްބަސީގައި މިއަދު ހެނދުނު 9:00 ޖަހާ އިރު އެވެ.

މި އަހަރުގެ ރޯދަ މަހާއި ދިމީކޮށް ސައުދީން 6500 ޓަނުގެ ކަދުރު އެކި ގައުމުތަކަށް ބަހާނެ އެވެ. މީގެ ތެރެއިން 4000 ޓަނުގެ ކަދުރު ބަހާނީ ފުޑް ޕްރޮގްރާމްތައް މެދުވެރިކޮށް 14 ގައުމަކަށެވެ. ބާކީ 2500 ޓަނުގެ ކަދުރު 29 ގައުމެއްގެ ސަރުކާރާ ހަވާލުކުރަން ހަމަޖެހިފައިވެ އެވެ.

ސައުދީން ވަނީ މިދިޔަ އަހަރުގެ ރޯދަ މަހަށް ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފަ އެވެ. މިދިޔަ އަހަރު ރޯދަ މަހުގައި މާލެއާއި އަތޮޅުތެރެއިން ޖުމްލަ 24345 ގޭބިސީއަށް ކަދުރު ބަހާފައިވެ އެވެ. ކަދުރު ބަހައިފައިވަނީ ކައުންސިލްތަކާއި ހަވާލު ކޮށްގެނެވެ.

ސައުދި އަރަބިއްޔާގެ އިތުރުން ރާއްޖޭގައި ބައެއް އަމިއްލަ ފަރާތްތަކާއި ޖަމިއްޔާ ޖަމާޢަތްތަކުން ވެސް ރޯދަ މަހާއި ދިމާކޮށް ކަދުރު އަދި އެހެނިހެން ކާ ތަކެތި ބަހައެވެ.