English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށް ފަހު ކާން ވަރަށް މީރު ޑިޝްއެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ޕިންކް ޕާސްތާ”ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި: (2 މީހުންނަށް)

1 ޖޯޑު ޕާސްތާ

1 ރީނދޫ ބެލްޕެޕާ

ރަހަލާވަރަށް ލޮނުކޮޅެއް

1 ½ މޭޒުމަތީ ސަމުސާ ފުށް

1 ސައިސަމްސާ ޑްރައިޑް އޮރެގާނޯ

50ގ ޕާމެޒަން ޗީޒް/ މޮޒެރެއްލާ ޗީޒް ގަނޑު

1 މޭޒުމަތީ ސަމުސާ ކުކިންގ އޮއިލް

1 ބޮޑު ފިޔާ (ކޮށާފައި)

1 ޖޯޑު ޓޯމާޓޯ ޕިއުރީ

އަސޭމިރުސް ރަހަލާވަރަށް

1 ޖޯޑު ކިރު

1 މޭޒުމަތީ ސަމުސާ މިރުސް ޕައުޑަރ

2 މޭޒުމަތީ ސަމުސާ ބަޓަރ

2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ކެޗަޕް

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ތެއްޔަކަށް ފެން އަޅާފައި ލޮނު އަދި ތެޔޮ އެޅުމަށްފަހު ޕާސްތާ ކައްކާށެވެ. 20-15 މިނެޓަށް ކެއްކުމަށްފަހު ޕާސްތާ ޜޯފިލީމާ ފެނުން ނަގާފައި ވަކިން ތަށްޓަކަށް އަޅާފައި ބަހައްޓާށެވެ.

ޕިންކް ސޯސް ތައްޔާރު ކުރުމަށް:

ތަވާ އުންދުން މައްޗަށް އުދާލުމަށްފަހު 1 ސަމުސާ ތެޔޮ އަޅާފައި ފިޔާ އަދި ބެލްޕެޕާ އަޅާފައި 2 މިނެޓް ވަންދެއް ކައްކާށެވެ. ދެން ޓޮމާޓޯ ޕިއުރީ އަދި ލޮނު ކޮޅެއް އަޅާފައި މަތި ޖަހައިގެން 2-3 މިނެޓަށް ކައްކާލާށެވެ. އެއަށްފަހު އަނެއްކާ މީގެ ތެރެއަށް ޓޮމާޓޯ ކެޗަޕް އަދި މިރުސް ޕައުޑަރ އެޅުމަށްފަހު 1މިނެޓް ވަންދެން ކެއްކުމަށްފަހު އުނދުންމަތިން ތަވާ ބާލާށެވެ.

ވައިޓްސޯސް އަށް:

އެހެން ތަވައެއްނަގާފައި ބަޓަރ ކޮޅުއަޅާފައި ވިރީމަ ފުށްކޮޅު އަޅާފައި ގޯލްޑް ކުލަ އަރަންދެން ދޭފަތުން ހަލުވަމުންދާށެވެ. ދެން ކިރު ޖޯޑުން އެއްބައި އަޅާފައި “ވިސްކާ” އަކުން ގޮށް ނުލާނޭހެން އެއްކުރަމުން ގޮސް ބާކީ ހުރި ކިރުފޮދު އަޅާފައި އެއްކުރަމުން ދާށެވެ. ދެން ލޮނު އަދި އޮރެގާނޯ އަޅާފައި އުނދުންމަތިން ތަވާބާލާށެވެ.

  • ދެން ތައްޔާރުކުރި ރެޑްސޯސްގެ ތެރެއަށް ތައްޔާރު ކޮށްފައިހުރި ވައިޓްސޯސް އަޅާފައި މިކްސް ކުރުމަށްފަހު ކައްކާފައި ހުރި ޕާސްތާ ތެރެއަށް މިސޯސް އެޅުމަށްފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. ދެން މައްޗަށް މޮޒޮރެއްލާ ޗީޒް ނުވަތަ ބޭނުން ޗީޒް އެއް އެޅުމަށްފަހު ސާރވް ކުރާށެވެ.