English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރޭ ލެވަންޓޭ އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ މިދޔަ އަހަރުވެސް ލީގު ޗެމްޕިއަންކަން ހޯދި ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ދިފާއުކޮށްފިއެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މިމެޗު ކާމިޔާބުކޮށް ފާއިތުވި 11 އަހަރު ދުވަހުގެ ތެރޭ 8 ވަނަ ފަހަރަށް ބާސާ ލީގު ކަށަވަރު ކުރީ ލީގުގެ 15 ވަނައިގައި އޮތް ލެވަންޓޭ 0-1 ލަނޑުންނެވެ.

ރޭގެ މި ނަތީޖާއާއި އެކު ބާސެލޯނާ އަށް ލީގު ކަށަވަރުވީ 83 ޕޮއިންޓް ހަމަކޮށް ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުގެ މައްޗަށް ނެގި ނުވަ ޕޮއިންޓުގެ ލީޑާ އެކު އެވެ. ބާކީ ތިން މެޗުން މޮޅުވެގެން އެތުލެޓިކޯ އަށް ޕޮއިންޓުގެ ގޮތުން ބާސެލޯނާއާ އެއްވަރުކުރެވުނަސް، ހެޑް-ޓު-ހެޑް ކުރި ލިބޭނެ ގޮތެއް ނެތެވެ.

ބާސެލޯނާގެ ތާރީހުގައި އެ ޓީމުން 26 ވަނަ ފަހަރަށް ލީގު ކަށަވަރު ކުރި މިމެޗްގައި ބާސެލޯނާއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީ އެވެ.މިއީ މެސީ ބާސެލޯނާއަށް ކާމިޔާބުކޮށްދިން 598 ވަނަ ގޯލެވެ.

2015 ވަނަ އަހަރުގެ ފަހުން ތިން ތަށި ހޯދުމައަށް ބާސެލޯނާއަށް މިސީޒަންގައި ވަރަށް ބޮޑަށް މަގުފަހިވެފައިވާއިރު ލީގު ޗެމްޕިއަންކަން ރޭ ކަށަވަރުކުރި ބާސެލޯނާ ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައި ކޮޕަ ޑެލްރޭ ގެ ފައިނަލަށް ވެސް ދަތުރުކޮށްފައެވެ. މިހަފްތާގެ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ލިވަޕޫލާ ދެކޮޅަށް ބާސެލޯނާ ނުކުންނައިރު ކޮޕަރ ޑެލްރޭ ފައިނަލްގައި ވެލެންސިއާ އާ ދެކޮޅަށް އެޓީމް ނުކުންނާނީ އަންނަ މަހުގެ 25 ވަނަ ދުވަހުގެ ރެއެވެ.