English Edition
Dhivehi Edition
ލިޔުނީ: ޝަފްޤާ ޝަފީގް
މިދިޔަ ހަފްތާ އާދިއްތަ ދުވަހު ސްރީލަންކާ އަށް ސިލްސިލާކޮށް ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން ލަންކާގެ ޗާޗުތަކުގައި އާދިއްތަ ދުވަހު އަޅުކަން ނުކުރާ ގޮތަށް އެގައުމުން ނިންމައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ލަންކާގެ ޗާޗްތަކުގައި އާދިއްތަ ދުވަހު އަޅުކަން ނުކުރަން ނިންމާފައިވަނީ ނިރުބަވެރިންގެ ފަރާތުން އިތުރު ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރު އޮތުމުންނެވެ. މިދިޔަ ހަފްތާ އާދިއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އަދިވެސް ލަންކާގެ މަޝްރަހު ހަމައަކަށް ނޭޅެއެވެ.
މި ހަމަލާއަށްފަހު އަދިވެސް ލަންކާގެ ބައެއް ހިސާބުތަކުން ގޮވާތަކެތި ފެންނަމުން ދާއިރު، ލަންކާ ފުލުހުންގެ ސްޕެޝަލް ޓާސްކް ފޯސްގެ ބަޔަކާއި ހަތިޔާރު އަޅައިގެންތިބި ބަޔަކާމެދު ވަނީ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އަދި މިހަމަލާބަދަލު ކުރުމުގައި ފުލުހުންނަށް ހަމަލާދިން މީހުންގެ ރެތެއިން ބަޔަކު މަރާލާފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ. މީގެ އިތުރުން ގެއްގައި ތުހުމަތުކުރެވޭ ބަޔަކު ތިބިކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ދިންހަމަލާގައި ފުލުހުން މަރާލާފައިވަނީއާދީއްތަދުވަހު ދިންހަމަލާ އާ ގުޅުން ހުރި 15 މީހުންނެވެ. އަދި މިހަމަލާ ބަދަލުކުރި ވަގުތު ހަތިޔާރު އަޅައިގެންތިބި ތުހުމަތު ކުރެވޭ މީހުން ތިބި ގޭގައި ވެސް އެއްޗެއް ގޮއްވާފައި ވެއެވެ.
ލަންކާގައި ދިން ބޮމުގެ ހަމަލާގެ ޒިންމާ އުފުލީ އިސްލާމިކް ސްޓޭޓް (އައިއެސް) އިންނެވެ. ތުހުމަތު ކުރެވޭ 100 އަށް ވުރެ ގިނަ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް 70 މީހުން ހައްޔަރުކޮށްފައި ވާކަމަށް ލަންކާގެ ފުލުހުންނާ ހަވާލާދީ މީޑިއާ ތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.
މިދިޔަ ހަފްތާ އާދިއްތަ ދުވަހު ލަންކާ އަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން، ރޭ ވެސް ވަނީ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.