English Edition
Dhivehi Edition
ބޯޑާ ސެކިއުރިޓީ ވަރުގަދަ ކުރުމަށް އިމިގްރޭޝަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: އިމިގްރޭޝަން

އަވަށްޓެރި ސްރީލަންކާގެ ސަރަހައްދުތަކުގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު ރާއްޖޭގެ ބޯޑާ ސެކިއުރިޓީ އިމިގްރޭޝަނުން ވަރުގަދަ ކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ކުރި ޓުވީޓެއްގައި ވަނީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން އިމިގްރޭޝަނުގެ އޮފިސަރުންނާއެކު ޚާއްސަ ބައްދަލުވުމެއް ވެސް ބާއްވަވާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. މި ބައްދަލު ވުމުގައި ބޯޑާ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ކުރަންޖެހޭ ކަންތައްތަކާ މެދު މަޝްވަރާ ކުރެވިފައި ވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ލަންކާގައި ދިން ހަމަލާތަކަށް ފަހު ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓު ތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވާކަމަށް ސިފައިންނާ ފުލުހުންގެ ފަރާތުން ވެސް އިއްޔެ ބުނެފައި ވެއެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، އައްޑޫ ސިޓީ ގަން އިންޓަނޭޝަންނަލް އެއާޕޯޓުގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައި ވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މިދިޔަ އާދީއްތަ ދުވަހު ލަންކާގައި ހިނގި މި ހާދިސާގައި އެންމެ ފުރަތަމަ ބޮމުގެ ހަމަލާ ދީފައިވަނީ ނިގަމްބޯގެ ފައްޅިއަކަށެވެ. އޭގެ ފަހުން ފުލުފުލުގައި އެކި ތަންތަނުގައި ބޮން ގޮއްވާލާފައިވާއިރު އޭގެ ތެރޭގައި ދިވެހިން އާންމުކޮށް ގޮސްއުޅޭ ހޮޓާތައް ވެސް ހިމެނެއެވެ. މިގޮތުން ޝަންގްރިއްލާ ހޮޓަލާއި، ކިންގްސްބަރީ ހޮޓަލާއި، ސިނަމަން ގްރޭންޑް ހޮޓަލަށް ވެސް ވަނީ ބޮމުގެ ހަމަލާ ދީފައެވެ.

ލަންކާގައި ދިން ބޮމުގެ މި ހަމަލާތަކަށް ފަހު ކުރިއަށްވުރެ ބޮޑަށް ފުލުހުންނާއި ސިފައިން ގެންދަނީ މާލޭގެ ސަރަހައްދުތައް ބަލަހައްޓަމުންނެވެ.