English Edition
Dhivehi Edition

ސްރީލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު 218 އަށް އަރައިފިއެވެ.

ލަންކާގެ ކަމާބެހޭ އިދާރާތަކުން ބުނީ އެގައުމުގެ އެކި ސަރަހައްދުތަކުގައި ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 218 އަރާފައިވާކަމަށެވެ. އަދި މިހާރުވެސް ހޮސްޕިޓަލްތަކުގައި 400 މީހަކަށް ފަރުވާ ދެމުންދާކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސްކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެހެންކަމުން ހަމަލާތަކާއި ގުޅިގެން މަރުވާ މީހުންގެ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ.

ލަންކާގެ ހަމަލާގައި މަރުވި ބިދޭސީންގެ އަދަދު 22 މީހުންނަށް އަރާފައިވާއިރު މަރުވި މީހުންގެ ތެރޭގައި އެމެރިކާ އަދި އިނގިރޭސިވިލާތުގެ ރައްޔިތުން ވެސް ހިމެނެއެވެ. މަރުވި މީހުންގެ ތެރޭގައި ފުލުހެއްގެ އިތުރުން ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ހިމެނެއެވެ.

މިއީ 1996 ވަނަ އަހަރުގެ ޖެނުއަަރީ 31 ގައި ކޮލަމްބޯ ސެންޓްރަލް ބޭންކަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު، މިހާ ގިނަ އަދަދެއްގެ ބަޔަކު މަރުވި ފުރަތަމަ ފަހަރެވެ. އަދި މިއީ 2009ވަނަ އަހަރު ލަންކާގެ ދާޚިލީ ހަނގުރާމަ ނިމުނުފަހުން އެގައުމުގައި ހިންގި އެންމެ ބޮޑު ޖަރީމާއެވެ.

ލަންކާގެ ހަމަލާތަކާއި ގުޅިގެން މިހާތަނަށް 13 މީހުން ވަނީ ހައްޔަރުކޮށްފައިވާއިރު ލަންކާގެ ޑިފެންސް މިނިސްޓްރީން ވަނީ ހުރިހާ ހަމަލާތައް ވެސް ދިނީ އެއް ޖަމާއަތަކުން ކަމަށް ބެލެވޭ ކަމަށް ބުނެފަ އެވެ.

މިއަދުގެ ހަމަލާތަކާއެކު މުޅި ލަންކާ ބިރުވެރިކަމެއްގައިވާއިރު، މިހާރު ވަނީ ގައުމުގައި ކުއްލި ހާލަތު އިއުލާނުކޮށްފައެވެ. އަދި ލަންކާގެ ސަރުކާރުން މިހާރު ވަނީ ހޯމަ ދުވަހާއި އަންގާރަ ދުވަސް ބަންދު ކަމަށް ވެސް ކަނޑައަޅައިފައެވެ. މިހާތަނަށް ލަންކާގެ ނުވަ ސަރަހައްދެއްގައި ބޮމް ގޮއްވާލާފައި ވާއިރު، އެންމެ ފަހުން ބޮން ގޮއްވާލީ ނޮގޭގޮޑައިގެ ޑަމަޓަގޮޑާ ސަރަހައްދުގައެވެ.

މީގެ އިތުރުން ރޭ ލަންކާގެ ބައެއް މިސްކިތްތަކަށް ޕެޓްރޯލް ބޮމުން ހަމަލާދީފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.