English Edition
Dhivehi Edition

ލިޔުނީ: ނޫރާން ތަވީލް ޢަބްދުލް މުޙްސިން / ހުޅުދޫ ސްކޫލް.

މިހާރު އައްޑޫ ސިޓީގައި ކުރިއަށްދާ ” މަމެން އިންޓަރސްކޫލް ފުޓްބޯލަ މުބާރާތު” ގެ 12 އަހަރުން ދަށުގެ އުމުރުފުރައިގައި ސެމީފައިނަލްގައި ޝަރަފުއްދީން ސްކޫލާއި ބައްދަލުކުރި މެޗް ހުޅުދޫ ސްކޫލް ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިއަދު ހަވީރު އައްޑޫ ސްޓޭޑިއަމްގައި ކުޅުނު މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ، 0-1 ނަތިޖާ އިން ޝަރަފުއްދީން ސްކޫލް ކުރިހޯދައިގެންނެވެ.

ނަމަވެސް މެޗްގެ ދެވަނަ ހާފްގައި ހުޅުދޫސްކޫލްގެ ޓީމުން ވަރުގަދަ ކުޅުމެއް ދައްކާ ހުޅުދޫ ސްކޫލްގެ ޓީމްގެ މުހައްމަދު ޒާހިލް ސަމީޢު ލަޑެއްޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗްގެ ވަގުތު ހަމަ ވިއުރު ނަތީޖާ އަކީ 1-1 ދެޓީމްވެސް އެއްވަރުވުމެވެ.

މުބާރާތުގެ ޤަވައިދު ހަމަ ޖެހިފައިވާ ގޮތުން ޕެނެލްޓީ ޖަހައިގެން މިމެޗް ކާމިޔާބު ކުރީ ހުޅުދޫސްކޫލްގެ ޓީމެވެ. އެއީ 4 -1 ގެ ނަތީޖާއަކުންނެވެ.

ހުޅުދޫ ސްކޫލްގެ ޓީމުގައި މިހާރު ތިބި ގިނަ ކުޅުންތެރިންނަކީ، މީގެ 4 އަހަރުކުރިން ހިތަދޫގައި ބޭއްވުނު މައިލޯ އިންޓަރސްކޫލް ފުޓް ބޯޅަ މުބާރާތުގެ 7 އަހަރުން ދަށުގެ އުމުރު ފުރާއިން ޗެމްޕިއަންކަން ހޯދި ޓީމްގައި ހިމެނޭ ކުޅުންތެރިކަން ފާހަގަ ކޮށްލެވެއެވެ.

ހުޅުދޫސްކޫލްގެ ޓީމްގެ އުއްމީދަކީ، ފައިނަލް މެޗުގައިވެސް މޮޅު ކުޅުމެއްދައްކާ މަމެން އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމެވެ.