English Edition
Dhivehi Edition
އައްޑޫގެ ހައިވޭގައި ރޭގަނޑު ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓެއް

ދެހާސް އެއް ވަނަ އަހަރު ހުޅުވުނު އައްޑު ލިންކް ރޯޑްގައި، މަރަދޫ ކޮޅުންގޮސް ހިތަދު އާއި ހަމަޔަށް އޮންނަ ” ހައިވޭ ” ގައި މަގުބައްތި ނެތި އަނދިރީގައި އޮންނަތާ ގާތްގަޑަކަށް މިހާރު މިވަނީ 19 އހަރާއި ގާތްވެފައެވެ.

ރާއްޖޭގެ އެއްމެ ދެކުނުގައި އޮންނަ އައްޑޫ ސިޓީ އަކީ މާލެ ފިޔަވައި އެއްމެ ގިނަ އާބާދީ އެއް ދިރި އުޅެމުންދާ ސިޓީ އެވެ.އަދި ހަމަ އެހެންމެ މާލެ ފިޔަވައި އެއްމެ ގިނަ އެއްގަމު އުޅަނދު ބޭނުންކުރާ ސިޓީވެސް މެއެވެ.

ދެހާސް އެއްވަނަ އަހަރު ހުޅުވުނު 16 ކިލޯމީޓަރުގެ އައްޑޫގެ ލިންކް ރޯޑަކީ، ރާއްޖޭގައި ހެދިފައިވާ މަގު ތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު މަގެވެ. މިސިޓީގެ މީހުން އެ މަގެއް ލިބުމުން އެކަމަށް ފަޚުރުވެރިވި މަގުވެސް މެއެވެ.

ނަމަވެސް މިއަދު ލިންކް ރޯޑުްން ގޮސް މަރަދޫ ކޮޅަށް އަރަައި 60 ކިލޯ މީޓަރަށް ދުއްވަން އޮންނަ ހައިވޭ އަށްއަރާ ދުއްވާފައި ދާއިރު އައްޑޫގެ ރީތިކަމާއި މަގުގެ ހިތްފަސޭހަކަން ހިތަށް ގެނައުމުގެ ބަދަލުގައި، ހިތަށް ގެނެވެނީ މިމަގުގައި ފުރާނަ ގެއްލިފައިވާ މީހުންގެ ހަނދާންތަކެވެ. މިމަގުން އެކްސިޑެންޓްވެ ދާއިމީ ނުކުޅެދުންތެރިކަން ލިބިފައިވާ މީހުން އުޅެންޖެހިފައިވާ ޙާލެވެ. މިމަގުގެ އެކި ހިސާބު ތަކުން ތާރުގަނޑު މަތީގައި މި ދުނިޔެ ދޫކޮށްފައިވާ މީހުންގެ ނަންތައް ލިޔެވިފައި ހުންނަތަން ފެނުމުން ގައިން ހީބިިހި ނަގައިގެންދެއެވެ.

ލިންކް ރޯޑްގައި ކޮންމެ ފަހަރަކުވެސް ހިތާމަވެރި ޙާދިސާއެއް ހިނގާ އިރަށް ސަރުކާރުގެ ކަމާއި ބެހޭފަރާތް ތައް ޢާއްމުން ކުށްވެރިކޮށް، ޢާއްމު ރައްޔިތުން މަގު ކުށްވެރިކޮށް ވަރަށް ގަދަޔަށް ހަފްތާއެއް ދެހަފްތާ ވަންދެން މިވާހަކަ ދެއްކުމަށްފަހު މާޒީގެ ތެރެއަށް އެހަނދާން ތައް ދޫކޮށްލާ ހަމަހިމޭންވާނެއެވެ.

އައްޑޫ ލިންކް ރޯޑް ހެދިފައި މިވަނީ އައްޑޫގައި އިނގިރޭސިން އުޅުނު ދުވަސްވަރު ގަމުން ހިތަދުއަށް ދިއުމަށްޓަކައި އެމީހުން ހަދާފައިވާ މަގުގައި ތާރު އަޅައިގެންނެވެ.

މިމަގު ސީދަލަށް ނެތީ ކީއްވެގެންތޯ އައްޑޫގެ އޭރުގެ އިސްރައްވެއްސެއްގެ ކާރިން އަހާލީމާ ބުނަނީ ، “އިނގިރޭސިން އައްޑުއަށް އާސް ތިބީ ދެވަނަ ބޮނޑަ ހަނގަރާމައި ބާކިންނަށް ފިލާ، އެވެންނާއި, އެއްގަމި މަގުން ބާކިން އާސް ޙަމަލާދިނަސް އެވެންނަށް ފަސޭހިން ފިލޭޏެއި މަގަ މިކޯ އެއޮތް ގޮތަށް ގުދުގުދުލާފައި އޮތްމެއި” ކަމަށެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި އައްޑޫގެ ހައިވޭގައި ހެލްމެޓް އަޅައިގެން ދުއްވުން ރައްޔިތުންގެ މައްޗަށް ލާޒިމު ކުރީ ފަސްދޮޅަސް ކިލޯމީޓަރަށް ދުއްވާއިރު، ދިމާވާ ނުރައްކާތަކުން ސަލަމާތްވުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ.އަދި އެކަމަށް ޤާނޫނު ލާޒިމުކުރާތީވެސް މެއެވެ.

ނަމަވެސް މިމަގުގައި ހައިވޭއެއްގައި ކޮންމެހެން ހުންނަން ޖެހޭ ކަންތައްތައް ފުރިހަމަ ވެފައި އެބަހުރިބާވެއެވެ.؟ މަގުގައި ޓްރެފިކް ސައިން ބޯޑް ތަކާއި މަގުގައި ކުރަހާފައިވާ ޓްރެފިކް ސައިންތައް ފެންނަން ހުންނަނީ ކިހާވަރަކަށް ބާވައެވެ؟

ރޭގަނޑު ކަނު އަނދިރީގައި މިމަގުގައި 60 ކިލޯމީޓަރަށް ދުއްވުން އެއީ ރައްކާތެރި ކަމެއް ބާވައެވެ؟ ހައިވޭގެ މެދުން އެއްމެ ނުރައްކާތެރި. އަދި ތަފާތު ގިނަގުނަ ޙާދިސާތައް ހިނގަމުން ދަނިކޮށް ، މިފަދަ ޙާދިސާތައް ހިނގާފައިވާ ސަރަޙައްދުތަކުގައި ބެންޑްތަކުގެ މެދުން ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އޮފީސްތައް ހެދި އެ އޮފީސްތަކުގެ މައިދޮރުން ސީދާ ހައިވޭއަށް ނިކުންނަ ގޮތަށް ހަދައި އެދިމަ ދިމާލުގައި ސްޕީޑް ބްރޭކަރެއް ނުވަތަ ކަފިހި ހުރަހެއްހައި މިންވަރުވެސް ނެތީ ކީއްވެބާއެވެ؟

ބޮޑެތި ބެންޑް ތަކެއް ލައި ހެދިފައިވާ މިމަގު ހައިވޭއެއްގެ ގޮތުގައި ބޭނުން ކުރަންފެށިތާ 19 އަހަރުވެފައިވާ އިރު ކަމާއި ބެހޭ ފަރާތްތަކަށް މި ހައިވޭގައި މަގުބައްތި ނުދިއްލުނީ ކީއްވެބާއެވެ؟ މިފަދަ އެތައް އެތައް ސުވާލުތަކެކެވެ.

ކޮންމެ ފަސް އަހަރަކުން ހޮއްވަވާ ރައީސުލް ޖުމްހޫރިއްޔާ އަދި މަޖްލިސް މެމްބަރ، ނުވަތަ ކައުންސިލް މެމްބަރު ކަމުގައިވިޔަސް ރައްޔިތުން ގާތަށް ވޯޓް ހޯއްދަަވަން ދޮރުން ދޮރަށް،ގޯތިން ގޯއްޗަށް ނުވަތަ ފަހަރަކު ޓީވީ ޗެނަލަކުން، ތަފާތު ކުލަކުލަ ޖައްސަވައިގެން އަންހެން ނުވަތަ ފިރިހެން ބޭފުޅުން ވާހަކަ ދައްކަވާއިރު، އަބަދުވެސް އެއްމެ ގަދަޔަށް ދެކެވޭ އެއްވާހަކަޔަކީ ” ރައްޔިތުންނަށް ޙައްޤުވާ މިންވަރު “ ހޯއްދަވައި ދެއްވަން އުޅުއްވާ ވާހަކަ އެވެ.

ކޮންމެ އިންސާނަކަށްވެސް އެއްމެ މުހިއްމު ވާނީ އެމީހެއްގެ ” ފުރާނަ ” އެވެ. ބައެއްގެ އިހްމާލުން އެތައް ފުރާނައެއް ނެތިގޮސް، އެތަކެއް ޢާއިލާއެއް ނިކަމެތި ވެގެން ދާއިރުވެސް އައްޑޫ ހައިވޭގައި ހަރުކޮށްލާނެ މަގު ބައްތިގަނޑެއްހާ މިންވަރުވެސް ދިއްކޮށްލާނެ ސަރުކާރެއް ނުވަތަ އެކަމަށް ހެޔޮ ނިޔަތެއްގައި ވަކާލާތު ކުރާނެ މެމްބަރެއް، ކައުންސިލަރެއް ހުރިނަމަ، މިއަދާއި ހަމަޔަށް އައިރު މިމަގުގައި ، މަގު ބައްތި ހަރު ކުރެވިފައި ހުންނާނެ ކަމަށް އައްޑޫ ރައްޔިތުން ޤަބޫލުކުރެއެވެ.

އެއްމެންގެ ރައްކާތެރި ކަމަށްޓަކައި ފަރުދީ ޛިއްމާ އަދާކުރަން ޖެހެއެވެ. އަދި ހަމަ މިއާއިއކު އެފަރުދުންގެ ޛިއްމާ ބޮލުގައި އެޅިފައިވާ ބަޔަކު އެބަޔެއްގެ ޒިއްމާވެސް އަދާކުރަން އެބަޖެހެއެވެ.

މި ހައިވޭގައި މަގު ބައްތި ހަރުކުރެވެން އެބަޖެހެއެވެ. ޓްރެފިކް ސައިންތައް ފެންނާނެހެން ބެހެއްޓި، އިރު އޮއްސި ހަޔެއް ޖެހުމުން “ޖޮގިނަށް ދާމީހުން ” ހައިވޭގައި ޖޮގިން ނުކުރެވޭނެ ގޮތް ހެދުމާއި، މަގު، މިހާރަށްވުރެ ފުޅާކޮށް އ.ދ ގެ 2020 ގެ ތަޞައްވުރާއި އެއްގޮތަށް މަގު ބައްޓަން ކުރެވި ، ޙަޤީގީ ހައިވޭ އެއްގެ ގޮތަށް ބަދަލު ކުރެވެން އެބަޖެހެއެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައެވެ. އައްޑޫ ރައްޔިތުންނަށް މިމަގުގެ ރައްކާތެރިކަން ކަށަވަރުކުރެވި މަގު އަލި ކޮށް ދިނުންވެސް ވެގެންދާނީ، އެފަރާތްތަކަށް “ޙައްޤު މިންވަރު ” ހޯދައި ދިނުމުގެ ތެރޭގައި ހިމެނޭނެ ކަމަކަށެވެ.