English Edition
Dhivehi Edition
އަހުމަދު ޝުރާއު | އަވަސް

މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ

މިއަދު މެންދުރު 13:15 އަށް ސުޕްރީމް ކޯޓަށް ހާޒިރުވުމަށް ސުއޫދުއަށް އަންގާފައިވަނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށް ބުނެ ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުން ސުއޫދުއަށް މިއަދު ފޮނުވި އަމުރުގައި ބުނެފައި ވަނީ، އެ ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.

އިއްޔެ ސުޕްރީމް ކޯޓުން ބުނީ ކޯޓުގެ ހުރުމަތާއި ރައްކާތެރިކުރުމާބެހޭ ގަވައިދާއި ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާބެހޭ ގަވާއިދުގެ ދަށުން ރާއްޖެ ޓީވީގެ “ފަލަ ސުރުޚީ” ޕްރޮގްރާމްގައި ޝަރުއީ ދާއިރާއާ ގުޅޭގޮތުން ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ދައްކާފައިވާ ވާހަކަތައް ބެލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމްގައި ވާހަކަދައްކަމުން ސުއޫދު ވިދާޅުވީ އެއްވެސް އުސޫލެއް ހަމައެއް ލަމައެއް ނެތް ގޮތަށް ފަނޑިޔާރުން ވަކި ކުރުމާއި ދެކޮޅި ކަމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރަންޖެހޭނީ އިޖުރާތްތަކުގެ ތެރެއިން ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.