English Edition
Dhivehi Edition

ގަތަރުގެ ދޯހާގައި މިހާރު ކުރިއަތް ދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 10،000 މީޓަރުގައި ދުވި ރާއްޖޭގެ ހުސެއިން ފަޒީލް ހާރޫން އެ އިވެންޓްގެ ރާއްޖޭގެ ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

މީގެ ކުރިންވެސް މިރެކޯޑް ފަޒީލް އަތުގައި އޮތް އިރު އޭނާ 10،000 މީޓަރު ދުވުމުން ގައުމީ ރެކޯޑް އޭނާގެ ކެރިއަރުގައި ތިން ވަނަ ފަހަރަށް މުގުރާލީ 32:46 މިނެޓުން ދުވެގެންނެވެ.

ކުރީގެ އެއް ވަނަ ދުވުންތެރިޔާ ހުސެއިން ހަލީމް (ކުޑަހުސެން) 1989 ވަނަ އަހަރު ހެދި ރެކޯޑް ފަޒީލް އެންމެ ފުރަތަމަ އޭނާ މުގުރާލީ މިދިޔަ އޮކްޓޯބަރު މަހު ގައުމީ މުބާރާތުގައި 33:34 މިނެޓުން ދުވެގެންނެވެ.

އިއްޔެ ބޭއްވި މިރޭހުގައި ރާއްޖޭގެ ރެކޯޑް ފަޒީލް އާކުރިނަމަވެސް އޭނާ މިއިވެންޓްގެ 12 ވަނަ ދިޔަ އިރު އެއް ވަނަ އަކީ 28:26 މިނެޓުން ރޭސް ނިންމި ބަހުރޭންގެ ފިކާޑޫ ޑަވީޓެވެ. ދެ ވަނަ އަކީ 28:31 މިނެޓުން ރޭސް ނިންމި ބަހުރޭންގެ ހަސަންއެވެ. ތިން ވަނަ ހޯދީ 28:28 މިނެޓުން ދުވި އިންޑިއާގެ ގަވީޓް މުރްލީ ކުމާރެވެ.

ގަތަރުގެ ދޯހާގައި ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

މީގެ ދެ އަހަރު ކުރިން އިންޑިއާގައި ބޭއްވި މުބާރާތުގެ 100 މީޓަރު ދުވުމުން ފައިނަލުގައި ވާދަކޮށް ހަތަރު ވަނަ ހޯދި ސާއިދު މިއަދު ސެމީ ފައިނަލަށް ދަތުރުކުރީ ފުރަތަމަ ބުރުގެ އެއް ވަނަ ހީޓުގައި 10.47 ސިކުންތުން ދުވެގެންނެވެ. އޭނާ ދިޔައީ ހީޓުގެ ފަސް ވަނަ އަށެވެ.

ރާއްޖޭގެ ޓީމުގައި ސާއިދާއި ފަޒީލްގެ އިތުރުން ހިމެނެނީ އިބްރާހިމް އަފްޝާން އަލީ (އައްޕި) އާއި ނުޖޫމް ހަސަން އާއި ސަރީސް އަހުމަދާއި އިބާދުﷲ އާދަމް އަދި ހުސެއިން ރިޒާ އެވެ.