English Edition
Dhivehi Edition

ރޮކޯގެ ރަބާތު އިންޓަނޭޝަނަލް މެރެތަންގައި މިއަދު ރާއްޖޭގެ އަހުމަދު ޝަރަފް ގައުމީ ހާފް މެރެތަން ރެކޯޑް މުގުރާލައި ޖުލައި މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ކޮލިފައިވެއްޖެ އެވެ.

ޝަރަފަކީ 1989 ވަނަ އަހަރު ސާފް ގޭމްސްގައި ހުސެއިން ހަލީމް(ކުޑަހުސެިން) 2:45:03 ހެދި މެރެތަން ރެކޯޑް މުގުރާލި ދުވުންތެރިޔާ އެވެ. ޝަރަފް މިރެކޯޑް 27 އަހަރަށް ފަހު 2017 އަހަރު މުގުރާލީ 2 ގަޑި 42:28 މިނެޓުން ދުވެގެންނެވެ. އެކަމަކު ރެކޯޑް މިވަގުތު އޮތީ ޝިފާޒްގެ އަތުގަ އެވެ.

މި މަހުގެ 6 ވަނަ ދުވަހު ޕްރާގް މެރެތަންގައި 1 ގަޑި 13:04 މިނެޓުން ދުވެގެން ޝިފާޒް މުހައްމަދު ހެދި ރެކޯޑް ޝަރަފް މުގުރާލީ 1 ގަޑި 12:52 މިނެޓުން ދުވެގެންނެވެ. އައިއޯއައިޖީގެ ހާފް މެރެތަން އިވެންޓަށް ކޮލިފައިވުމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ދީފައިވާ 1 ގަޑި 13 މިނެޓުގެ ޓައިމިން އަށް ވާސިލްވެފައިވާތީ ޝިފާޒަށް ވެސް ވަނީ އެ ގޭމްސް އިން ފުރުސަތު ލިބިފަ އެވެ.

މޮރިޝިއަސްގައި ބާއްވާ އައިއޯއައިޖީގެ ހާފް މެރެތަން ދުވުމުން ރާއްޖެއަށް ދީފައިވަނީ ފަސް ޖާގައެވެ. އެސޯސިއޭޝަނުން ދީފައިވާ ޓާގެޓް ހާސިލްކުރެވޭ ފަސް ދުވުންތެރިންނަށް އެ ފުރުސަތު އޮތްއިރު، އެއަށް ވުރެ ގިނަ ދުވުންތެރިން ތިބެއްޖެ ނަމަ ފުރުސަތު ދޭނީ އޭގެ ތެރެއިން އެންމެ ޓައިމިން ރަނގަޅު ފަސް ދުވުންތެރިންނަށެވެ.

އައިއޯއައިޖީގައި ރާއްޖޭން ވާދަކުރާ ފިރިހެން ސްޕްރިންޓް އަދި މިޑްލް ޑިސްޓެން ދުވުންތެރިން ނަގާނީ ދޯހާގައި މިހާރު ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުންނެވެ. އޭގެ ފަހުން މާލޭގައި ބާއްވާ ޓައިމް ޓްރަޔަލް އިން ވެސް ރަނގަޅު ނަތީޖާ ހޯދާ ދުވުންތެރިންނަށް ފުރުސަތު އޮންނާނެ އެވެ. އަންހެން ޓީމު އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަނުކުރާތީ އައިއޯއައިޖީގައި ވާދަކުރާ އަންހެން ދުވުންތެރިން ނެގުމަށް ހާއްސަ ޓައިމް ޓްރަޔަލެއް މާލޭގައި ބާއްވާނެ އެވެ.

އެތްލެޓިކްސް އިން ވަނީ މި ފަހަރު ފަސް މެޑަލް ހޯދަން ޓާގެޓްކޮށްފައިކަން ފާހަނގަ ވެއެވެ. މި ކުޅިވަރަކީ ފަހަކަށް އައިސް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދިން ކުޅިވަރެވެ. އެގޮތުން 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދުވުންތެރިޔާ ހަސަން ސާއިދު ވަނީ ރަން މެޑަލް ހޯދައި ތާރީހުގެ ތެރެއަށް ވަދެފައެވެ. އަދި އެ މުބާރާތާއި ޖެހިގެން އައި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ވަނީ ރިހި މެޑަލެއ ހޯދާފައެވެ.